"ތަނޫ ވެޑްސް މަނޫ" ގެ ތިން ވަނަ ބައެއް ވެސް ހަދަނީ

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށް، ކަންގަނާ ރަނާވަތު ބަތަލާގެ ރޯލް ކުޅޭ ކާމިޔާބު ފްރެންޗައިޒް "ތަނޫ ވެޑްސް މަނޫ" ގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ވަރަށް އަވަހަށް އާނަންދު ފިލްމު އިއުލާން ކުރާނެ ކަމަށާއި އޭގެ ތައްޔާރީތައް މިހާރު ވަމުން ވެސް އަންނަ ކަމަށެވެ.
"ތަނޫ ވެޑްސް މަނޫ" ގެ ފުރަތަމަ ބައި 2011 ގައި ގެނެސް ދިނުމަށް ފަހު، ދެވަނަ ބައި ރިލީޒް ކުރީ 2015 ގަ އެވެ. "ތަނޫ ވެޑްސް މަނޫ ރިޓާންސް" ގައި ޑަބަލް ރޯލެއް ކުޅެގެން ކަންގަނާ އަށް އެ އަހަރު ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.
މި ފްރެންޗައިޒްގެ ގެ ދެ ފިލްމު ވެސް ބެލުންތެރިންގެ ލޯބި ހޯދި އިރު، ބޮކްސް އޮފީހުގައި ވެސް ދެ ފިލްމު ވަރަށް ހިނގި އެވެ. ކަންގަނާއާ އެކު އާރް މަދަވަން ބަތަލުގެ ރޯލް ކުޅުނު "ތަނޫ ވެޑްސް މަނޫ" އަށް 70 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު އިރު، އެ ފިލްމު ހަދަން ހަރަދު ކުރީ 17.50 ކްރޯޑް ރުޕީސް އެވެ.
"ތަނޫ ވެޑްސް މަނޫ ރިޓާންސް" ގެ ޓްރެއިލާ.
"ތަނޫ ވެޑްސް މަނޫ ރިޓާންސް" ހަދަން 39 ކްރޯޑް ހަރަދު ކުރި އިރު، ބޮކްސް އޮފީހުގައި އެ ފިލްމަށް ޖުމްލަ 258 ކްރޯޑް ލިބިފައިވެ އެވެ.
ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އޭނާ ޑައިރެކްޝަނުގައި ވެސް ހިއްސާވި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
އާނަންދު މިދިޔަ މަހު ގެނެސް ދިން "ޒީރޯ" އަކީ އޭނާގެ އެންމެ ބޮޑު ފްލޮޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ