ޕީއެންސީ އިން ސައްހަ 3000 ފޯމް ހުށަހެޅިކަމަށް އީސީ އިން ގަބޫލެއް ނުކުރި

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ،ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ހުށަހެޅި ފޯމްތަކުގެ ތެރޭގައި ސައްހަ 3000 ފޯމް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން އަލުން އެހެން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެ ޕާޓީން ހުށަހެޅި ފޯމުތަކާއި ގުޅޭގޮތުން މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަވުމުގެއްގައި އެ ކޮމިޝަންގެ ރައީސް، ޝަރީފް ވިދާޅުވެފައިވަނީ ޕީއެންސީން ހުށަހެޅި ބައެއް ފޯމުތަކުގައި މައްސަލަތަކެއް އެބަ އުޅޭ ކަމަށާއި އޮޅުވާލައިގެން ބައެއް މީހުން އެ ޕާޓީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ޕީއެންސީން ނޫސްވެރިންނާއި ބައްދަލުކޮށް ޕާޓީގެ މުއައްސިސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސައްހަ ނޫން އެއްވެސް ފޯމެއް އެޕާޓީ އިން ހުށަހަޅާފައެއް ނުވާނެއެވެ. އެ ޕާޓިއަށް މީހުން ވަންނަނީ ހިތާ ރޫޙުންކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފޯމުތައް ލިބިފައިވާކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވީ އަދުރޭ އެވެ. އޭނާ އެންމެ ފުރަތަމަ ފޯމު ހުށަހެއްޅުވީ ޕީޕީއެމް ގެ ނައިބު ރައީސް ގެ މަޤާމުގައި ހުންނަވައިގެންނެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ކޮންގްރެސް ޕާޓީ އުފެއްދުމަށް ހުއްދަ ނުދިނުމާއި ގުޅިގެން، ޕީޕީއެމް އިން ވަކިވެޑައިގެން އަލުން ފޯމު ހުށަހެޅުއްވިއެވެ.
ކޮންގްރެސް ޕާޓީ އަކީ، ޕީޕީއެމް ގެ މައްސަލަ އެޕާޓީގެ މިހާރު ލީޑާޝިޕާއި އެއްކޮޅަށް ނުނިމޭނެ ކަމަށް ގަބޫލުކޮށް އުފައްދަން މަސައްކަތް ކުރާ ޕާޓީ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ