ބަރުލަމާނީ ނިޒާމާ ޖުމްހޫރީ ޕާޓީން ދެކޮޅު: އަބްދުﷲ ރިޔާޒު

ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ ގައުމުގެ ކޮންމެ ރައްޔިތަކު ޝާމިލްވާ ގޮތަށް ވެރިޔަކު އިންތިހާބު ކުރާ ނިޒާމެއް އޮތް ކަމަށް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަން ކަމަށާއި އެވެރިކަން ޖުމްހޫރީ ޕާޓީން ދިފާއުކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބަރުލަމާނީ ނިޒާމުގެ ވިސްނުމަށް ތާއީދުނުކުރާނެ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ. ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ޖުމްހޫރީ ޕާޓީ ބޭނުން ނުވާ ކަމުގައިވެސް ވިދާޅުވި އެވެ. މިއަހަރު އަލަށް އިންތިޚާބުވާ މަޖިލީހުގެ ތެރޭގައިވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޖުމްހޫރީ ޕާޓީ ދެކޮޅު ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފާއިތުވެގެންދިޔަ ތަނުގައި ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާ ތަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަތުން އެހައްގު ގެއްލޭ ގޮތަށް ކުރާ އެއްވެސް ކަމަކަށް ޖުމްހޫރީ ޕާޓީން ތާއީދު ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު މަޖިލީސް ބޭނުންކޮށްގެން ކަންތައްތަކެއް ހިނގައިގެން ގޮސްފި. އެހެންވީމާ ރައްޔިތުންގެ އަތުން އެހައްގު ގެއްލޭ ގޮތަށް ޖުމްހޫރީ ޕާޓީ ތާއީދެއް ނުކުރާނެ. ރައްޔިތުންނާ ހަމައަށް ދާންޖެހޭނެ އަޅުގަނޑުމެންގެ ވެރިކަން ކުރަން ވަޑައިގެންނަވާ ބޭފުޅާ ވޯޓު ހޯއްދަވަން. އަޅުގަނޑަށް އޮންނަންވާނެ އަޅުގަނޑުމެންގެ ހެޑް އޮފް ސްޓޭޓަށް ވޯޓު ލުމުގެ ހައްގު" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ދާއިރާއަކުން ހޮވޭ މެމްބަރަކު ގައުމުގެ ބޮޑުވަޒީރަކަށްވާ އުސޫލަކީ ބަލައިގަންނަން ފަސޭހަ އުސޫލެއް ނޫން ކަމަށެވެ. މަދު ބަޔަކު ވޯޓުލައިގެން ހޮވާ މީހަކަށް މިގައުމުގެ ވެރިކަން ލިބޭގޮތަށް އޮންނަ އޮތުމަށް ތާއީދު ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމާ ދެކޮޅަށް ރިޔާޒު ވާހަކަދައްކަވާފައިވާއިރު އެމްޑީޕީން އަންނަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ތަކުރާރުކޮށް ހާމަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރައްވާއިރު ބައެއް މީހުން މިހާރުވެސް ގެންދަނީ ނަޝީދު މަސައްކަތް ކުރައްވަނީ ގައުމުގެ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.
ބަރުލަމާނީ ނިޒާމު ގެނައުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީން ވަކާލާތު ކުރާއިރު އެ ނިޒާމަށް ތާއީދުކޮށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ