ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ތާއީދު ކުރަން: ގާސިމް

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ތާއީދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދިނުމާއި ގުޅޭގޮތުން، އެސެސްމަންޓެއް ހެދުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ، ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލު ކުރެއްވުމުގައި ގާސިމް ވަނީ ކޮމަންވެލްތުގެ ވަފުދަށް މަރުޚަބާ ވިދާޅުވެ ރައްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާ ގާސިމް ވަހަކަ ދެއްކެވިއެވެ.
53 މެންބަރު ޤައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވާފައިވާ ބޮޑެތި އެހީތަކާއި އެއްބާރުލުން ފާހަގަކޮށް ގާސިމް ވަނީ ދެންވެސް ރާއްޖޭގެ ތަރައްޤީގައި ކޮމަންވެލްތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.
ކޮމަންވެލްތު ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އެޑްވައިޒަރ އަދި ކޮމަނެވެލްތު ސެކްރެޓޭރިއެޓްގެ އޭޝިއާ/ޔޫރަޕް/ކެރީބިއަން/ޕެސިފިކް ސަރަޙައްދުތަކާއިބެހޭ ވެރިޔާ މިސްޓަރ އަލްބަރޓް މެރީނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އަށް ކުރައްވާ ދަތުރުގައި ވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.
1982 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ވަނީ ކޮމަންވެލްތުން ވަކިވުމަށް ނިންމާފައެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ހުށަހަޅާފައެވެ.
އަދި ދާދިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީޝާ ސްކޮޓްލޭންޑާ ބައްދަލުކުރައްވާ އެކަމާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ