ގައުމުގެ ޑިމޮކްރަސީ އޮތީ ބަންޑާރަ ބޮޑުގަހުގެ "ތޮފަޅާ"ގައި ތާށިވެފައިކަމަށާ 23 ސެޕްޓެންބަރަކީ ރައްޔިތުން ނިކުމެ ބަންޑާރަ ބޮޑު ގަސް ކަނޑާލާ، ޑިމޮކްރަސީ މިނިވަންކުރާނެ ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ވާހަކަފުޅު ދެއްކެވުމުގައި އާދަޔާ ޚިލާފު އުކުޅުތަކެއް އަބަދުވެސް ގެންގުޅުއްވާ އަބުދުﷲ ޝާހިދު، ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރާއްޖޭގެ ހާލަތު ސިފަކޮށްފައިވަނީ "އަބޮއްފުޅާ ދަބޮއްފުޅު" ވާހަކަގެ ގޮތުގައެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު، ރާއްޖޭހެ ޑިމޮކްރަސީ އޮތީ ގަހެއްގެ ތޮފަޅާގައި ތާށިވެފައިވެފައިކަމަށެވެ. "އަބޮއްފުޅާ ދަބޮއްފުޅު" ވާހަކައިން މިސާލު ދައްކަވަމުން ޝާހިދު ވިދާޅުވީ ބަންޑާރަ ބޮޑު ގަސް ކަނޑާލާ ޑިމޮކްރަސީ މިނިވަންކުރުމަށް ދިވެހިން އާދޭސް ނުކުރާ އެއްވެސް މުއައްސަސާއެއް ނެތްކަމަށެވެ. ނަމަވެސް މިއަދާއިހަމައަށް ވީކަމެއްނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުއައްސަސާތަކުން އަޅާނުލިނަމަވެސް، އުންމީދުގެ ދުވަހެއް އެބައާދޭކަމަށާ އެދުވަހުން ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ކުރާނެކަމަށެވެ. ގައުމުގެ ޑިމޮކްރަސީ އޮތީ ބަންޑާރަ ބޮޑުގަހުގެ "ތޮފަޅާ"ގައި ތާށިވެފައިކަމަށާ 23 ސެޕްޓެންބަރަކީ ރައްޔިތުން ނިކުމެ ބަންޑާރަ ބޮޑު ގަސް ކަނޑާލާ، ޑިމޮކްރަސީ މިނިވަންކުރާނެ ދުވަސްކަމަށް ޝާހިދު ވިދާޅުވިއެވެ.
"23 ސެޕްޓެންބަރަކީ ރައްޔިތުން ނިކުމެ ބަންޑާރަ ބޮޑު ގަސް ކަނޑާލާނެ ދުވަސް. އެއީ ތޮފަޅާގައި ތާށިވެފައިވާ ޑިމޮކްރަސީ މިނިވަންކުރާނެ ދުވަސް." ހިންނަވަރުގެ ޖަލްސާއަށް އެއްވެފައިވާ އެތައް ސަތޭކަ ބަޔަކާއި މުޚާތަބުކުރައްވާ ވަރަށް ޖޯޝާފޯރީގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި ދިވެހިރާއްޖޭގައި މިއަދު އިންސާނިއްޔަތުގެ މޭގަނޑު ދަނީ ކަމުންކަމަށާ ދައުލަތުގެ ޚަޒާނާ އުނަގަނޑުގައި ދަނީ ބަންނަމުންކަމަށެވެ. ގައުމުގެ އިޖްތިމާއީ ފޭރާންވީދި، ރައްޔިތުންގެ ބައިތުލްމާލު ވީދާކަމުންދާއިރު، ގައުމުގެ ހާލުގެ ދުލުން ގޮވަމުން ގެންދަނީ ސޯލިހެއް ދެއްވާތޯކަމަށެވެ.
ރައީސް ޔާމީނުގެ ހަގީގީ ސޫރަ ފެންނާނީ އިންތިހާބުން ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގަތުމުން ކަމަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ޝާހިދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހުގެ ހަގީގީ ސޫރަ އަބަދުވެސް ރައްޔިތުންނަށް ދަނީ ފެންނަމުންކަމަށާ ވޭތިވެދިޔަ 25 އަހަރު އެކުގައި މަޖިލީހުގައި މަސައްކަތް ކުރެވުނުއިރު އިބޫގެ ކިބައިން އިންސާނިއްޔަތުގެ ސިފަތައް ކޮންމެ ދުވަހަކުވެސް ފެންނަމުންދިޔަކަމަށެެވެ.
ގައުމު އޮތީ ބައިބައިވެ ކުދިކުދިވާންކައިރިވެފައިކަމަށާ ރައްޔިތުން އެދެނީ ގައުމު އެއްބައިވަންތަކޮށްދީ، އަދުލްވެރި ވެރިކަމެއް ގާއިމްކޮށްދީ، ރައްޔިތުން އިހްސާސްތައް ދަންނަ ވެރިއެއް ގައުމުގެ ވެރިކަމަށް ގެނެއުމަށްކަމަށެވެ.
އެ ވެރިއަކީ އިބްރާހިމް މުހައްމަދު ސާލިހްކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުންގެ ވޯޓް އިބޫއަށް ދެއްވުމަށް ޝާހިދު ގޮވާލެއްވިއެވެ.
23 ސެޕްޓެންބަރަކީ ރައްޔިތުން ނިކުމެ ބަންޑާރަ ބޮޑު ގަސް ކަނޑާނެ ދުވަސް: އަބުދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ