ފައިސަލް ކުޅުން ހުއްޓާލަން އުޅުނު، ނަމަވެސް މިއަދު އޭނާގެ ފަރާތުން ފެންނަ ކުޅުމާމެދު އުފާވޭ
އަނިޔާގެ ސަބަބުން ކީޕަރު މުޙައްމަދު ފައިސަލު ކުޅުން ހުއްޓާލަން އުޅުނު ކަމަށާއި މިއަދު ގައުމީ ޓީމުގައި އޭނާ ދައްކަމުންދާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ގައުމީ ޓީމުގެ އެއްވަނަ ކީޕަރު ޢިމްރާން މުޙައްމަދު ބުނެފިއެވެ. މިހާރު ބަނގުލަދޭޝްގައި ކުރިއަށްދާ ބަންގުބަނދު ގޯލްޑް ކަޕުގައި ރާއްޖެ ކުޅުނު ދެ މެޗްގައި ފައިސަލްގެ ފަރާތުން ފެނުނު ކުޅުމާ ބެހޭގޮތުން މިއަދު 'ސަން'އާ ވާހަކަ ދައްކަމުން އިމްރާން ބުނީ އަބަދުވެސް އޭނާ ފައިސަލަށް ހިއްވަރުދޭ ކަމަށެވެ. އިމްރާން ބުނީ ފައިސަލް ކުޅުން ހުއްޓާލަން އުޅެނިކޮށް އޭނާއާ ވާހަކަދައްކައި މިހާރު އޭނާގެ ވިސްނުން ބަދަލުކޮށްފައިވާ ކަމަށެވެ. "އަނިޔާވުމުން ކުޅުން ހުއްޓާލުމުގެ ހިޔާލެއް ފައިސަލް ގެންގުޅުނު. ނަމަވެސް އަނޔާއިން ރިކަވާވެ އޭނާއަށް ކުޅޭވޭނެކަން ވިސްނައިދިނިން. އަނިޔާއިން ރިކަވާވެ މިއަދު ގައުމީ ޓިމުގައި ދައްކަމުންދާ ކުޅުމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ހިތް ހަމެޖޭ،" އިމްރާން ބުންޏެވެ. ފައިސަލްގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރީ އޭނާއާ އެކުގައި ކަމަށާއި ރާއްޖޭގެ ކީޕަރުން މަދުވުމާއެކު ކީޕަރުންނަށް ހިތްވަރު ދިނުމަކީ ހުދު އޭނާގެ ޒިންމާއެއް ކަމަށް އިމްރާން ބުންޏެވެ. ފައިސަލް ވަނީ ބަންގުބަންދު ގޯލްޑްކަޕްގައި ރާއްޖެ އެންމެ ފަހުން ކުޅުނު ދެ މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ފައިސަލްގެ ފަރާތުން ފެނުނު ޕާފޯމަންސާމެދު ގައުމީ ކޯޗްވެސް ވަނީ ހިތްހަމަޖެހޭކަން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ