މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 1،000 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން 1،000 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކޯޓުން ނިންމި 1،069 މައްސަލައިގެ ތެރޭގައި އެއް ބާވަތަކަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ކޯޓުގައި ބާކީ ހުރީ 890 މައްސަލަ ކަމަށްވާއިރު، މިއީ 2014އާ އަޅާ ބަލާއިރު 12 ޕަސެންޓް މަދު އަދަދެއް ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި 2014 ވަނަ އަހަރު ނިމުނުއިރު 1،100 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުއްޓެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވައްކަމުގެ 220 މައްސަލައެއް ނިންމާފައިވާއިރު، ދެވަނަ އަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ބާވަތުގެ 138 މައްސަލައެއް ނިންމި އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކެވެ. އެއީ 106 މައްސަލައެކެވެ. އެހެނިހެން ބާވަތުގެ މައްސަލަތަކުގެ ގޮތުގައި 338 މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 806 މައްސަލައެކެވެ. މިދިޔަ އަހަރަކީ ކްރިމިނަލް ކޯޓުގެ ތާރީޚުގައި ވެސް ފާހަގަކުރެވޭ ބޮޑެތި މައްސަލަތަކެއް ނިންމާފައިވާ އަހަރެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިލް ކަލޭފާން އަދި އޭގެ ފަހުން ޑިފެންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނާޒިމް ޖަލަށްލާން ހުކުމްކުރީ ވެސް މިދިޔަ އަހަރެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ދައުލަތުން ދައުވާކުރި އެހެން ބޭފުޅުންގެ ޝަރީއަތް ވެސް މިދިޔަ އަހަރު އެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ