އައްޑޫގައި އިޔާދަކުރަނިވި ހަކަތައިން 1.5 މެގަވޮޓްގެ ކަރަންޓް އުފައްދަން މަޝްރޫއެއް ހިންގަނީ
އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް އަންނަ އަހަރު އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. ފެނަކައިން ހިތަދޫގައި ގާއިމުކުރި ސޭލްސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެއީ އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ކަމަށެވެ. ތޯރިގް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަޝްރޫއު ބިޑަށް ލައި، އެއާ ގުޅޭ ކަންކަން ފަށައިގަންނާނެ ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. ތޯރިގް އިތުރަށް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ހަކަތައާ ދިމާއަށް ދަތުރު ކުރުން ކަމަށެވެ. މީގެ ސަބަބުން ރާއްޖެ އަށް ތެޔޮ އެތެރެ ކުރަން ހިނގާ ހަރަދު ކުޑަވެ، ތަރައްގީގެ އެހެން ކަންކަމަށް ބޭނުންވާ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އެދެވޭ ގޮތުގައި ކަރަންޓްގެ ބޭނުން ހިފުމުގެ އާދަ އަށަގަންނުވަން ޖެހިފައިވާ ކަމަށެވެ. އޭގެ ސަބަބުން ފަރުދީ ގޮތުންނާއި ގައުމީ ފެންވަރުގައި އެ ސަލާމަތް ކުރެވެނީ ގިނަ އަދަދެއްގެ ފައިސާ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެއާކޯނާއި އެ ނޫން ވެސް އިލެކްޓްރިކް ސާމާނު އެންމެ އެދެވޭ ގޮތަށް ބޭނުން ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. "އިޓްސް ކޫލް އެޓް 25" ގެ ނަމުގައި މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ކެމްޕޭނަކީ އެއާކޯން ފަދަ ވަސީލަތްކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ ހޭލުންތެރިކަން އުފެއްދުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ