އިންޝުއަރެންސާއި ރޯޑްވާދިނަސް މަޖުބޫރު ނުވާ ގޮތަށް ބަދަލުކުރަން ހުށަހެޅި ބިލު ބޭރުކޮށްފި

އަމިއްލަ ބޭނުންތަކުގައި ގެންގުޅޭ ވެހިކަލް އިންޝުއަރެންސް ކުރުމާއި ރޯޑްވާދިނަސް ހެދުން މަޖުބޫރު ނުވާ ގޮތަށް، އެއްގަމު ދަތުރުފަތުގެ ގާނޫނަށް ހުށަހެޅި ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ. ހިތަދޫ މެދު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު ދިރާސާކުރި ގައުމީ ތަރައްގީއާބެހޭ ކޮމިޓީން ވެސް ނިންމާފައިވަނީ އެ ބިލު މަޖިލީހުގައި އިތުރަށް ރިޔާއަތް ކުރަން ނުފެންނަ ކަމަށެވެ. ކޮމިޓީގެ އެ ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރަކު ވޯޓު ދެއްވި އިރު، އެ ފެނިވަޑައިނުގަންނަވާ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ. އެ ބިލުގައި ބުނެފައި ވަނީ އިންޝުއަރެންސް ކުރުމާއި ރޯޑްވާދިނަސް ހަދަން ގާނޫނީ ގޮތުން މަޖުބޫރު ވާނީ އާންމު ދަތުރު ފަތުރުގެ ނިޒާމުގެ ތެރޭގައި އުޅޭ ވެހިކަލްތަކުގައި ކަމަށެވެ. އެ ވެހިކަލްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޓެކްސީ ކާރާއި ޕިކަޕް އަދި ބަސް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިލް ހުށަހެޅުއްވީ އަމިއްލަ ބޭނުމަށް ގެންގުޅޭ ވެހިކަލްތައް ތާޑްޕާޓީ އިންޝުއަރެންސް ކުރުމާއި ރޯޑްވާދިނަސް ހެއްދުމަށް ބޮޑު ހަރަދެއް އާންމުންގެ އަތުން ދާތީ އެވެ. އަދި އިންޝުއަރެންސް ކުރިޔަސް، އެކްސިޑެންޓް ވެއްޖެ ނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ލިބުން ދިގުދެމިގެންދާތީ އެވެ. ރޯޑް ވާދިނަސްގެ މުއްދަތު ހަމަވެފައި ވިޔަސް ކޮންސްޓްރަކްޝަން ސައިޓްތަކާއި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވެހިކަލްތައް ނޫނީ ދުއްވުން މަނާ ނުކުރެވޭނެ ކަމަށާއި އެގޮތަށް ދުއްވުން މަނާކުރެވޭނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމްގައި ބޭނުންކުރާ ވެހިކަލްތައް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން ވަނީ މިދިޔަ އަހަރު ބާތިލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ