ނާޒިމްގެ ހުކުމަށް ހައި ކޯޓުން ތާއީދުކުރާ ނަމަ އޭނާގެ އަދަބު އެއް އަހަރަށް ކުރުވާންޖެހޭ: ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރާ ނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމްގެ އަދަބު އެއް އަހަރަށް ކުރުވާންޖެހޭނެ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ. ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމަށް އިއްވި ހުކުމަށް ހައި ކޯޓުން ތާއީދު ކުރާ ނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމަށް އަންނަންޖެހޭނީ ލުއި އަދަބެއް ކަމަށެވެ. ސުއޫދު ވިދާޅުވި ގޮތުގައި ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ނިންމާ ނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމަށް އަންނަންޖެހޭނީ އެންމެ ބޮޑުވެގެން ވެސް އެއް އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެއް ކަމަށްވާ ބަޑި ގެންގުޅުމުގެ ކުށުގެ އަދަބެވެ. އެއީ އާ ގާނޫނުލް އުގޫބާތުގެ 711 ވަނަ މާއްދާ އެވެ. އެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވޭނީ އެއް އަހަރަށް ޖަލަށްލުމެވެ. ނާޒިމްގެ އަދަބު ލުއިވާންޖެހޭނެ ކަމަށް ސުއޫދު ވިދާޅުވީ އާ ގާނޫނުލް އުގޫބާތާއި އެހެން ގާނޫނަކާއި ފުށުއަރާ ނަމަ އިސްކަން ދޭންޖެހޭނީ ގާނޫނުލް އުގޫބާތަށް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުންނެވެ. އެހެންވެ ސުއޫދު ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި ވެސް ނާޒިމަށް އެ ލުއި ލިބެންޖެހޭނެ ކަމަށެވެ. އެކަމަކު އެކަމަށް ދެކޮޅު ހަދައި، ދައުލަތުން ބުނީ ނާޒިމްގެ އަދަބު އާ ގާނޫނުލް އުގޫބާތުގެ ދަށުން ލުއި އަދަބަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ލުއި އަދަބަކަށް ބަދަލު ކުރެވޭނީ ކުށްކުރި ފަހުން ހުކުމް ކުރުމާ ދެމެދު ގާނޫނަށް އަންނަ ބަދަލަކުން އެ ކުށަކަށް ލުޔެއް ދީފައިވާ ހާލަތުގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެކަމަކު ނާޒިމަށް ހުކުމްކުރީ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށެވެ. އެހެންވެ ގާނޫނުލް އުގޫބާތުގެ ލުއި ނާޒިމަށް ދޭންނުޖެހޭނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ނާޒިމްގެ މައްޗަށް އެ ކުށް ސާބިތުނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ހާމަ ކުރައްވަމުން އެ އަޑުއެހުމުގައި ސުއޫދު ވިދާޅުވީ ފެނުނު ހަތިޔާރުން ނާޒިމްގެ އިނގިލީގެ ނިޝާން ފެނިފައި ނުވާ ކަމަށާއި އަދި އެއީ ނާޒިމްގެ އެއްޗެއް ކަން ދޭހަކޮށްދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެ އެޕާޓްމެންޓް ފާސްކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ "ވަކި އެއްޗެއް ހޯދުމުގެ ނިޔަތުގައި" އަމަލުކުރާ ގޮތަށް ކަމަށާއި ފުލުހުންގެ އަމަލުތަކާ މެދު ޝައްކު ކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. ހަތިޔާރު ފެނުނީ ނާޒިމްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ނޫން ކަމަށާއި އެހެންވެ އެ ތަކެއްޗާ މެދު ނާޒިމް ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޯޓުގައި ފުލުހުން ދެއްކި ވާހަކަތައް ދިމާނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ހަތިޔާރު ފެނުނީ ނާޒިމްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ކަމަށާއި އެ ކޮޓަރިއަކީ ނާޒިމްގެ ކޮޓަރި ކަމަށްވާއިރު ހަތިޔާރު ފެނުނީ ވެސް ނާޒިމް ބޭނުންކުރާ ކަބަޑެއްގެ ތެރެއިން ކަމަށާއި އެކަން ނާޒިމްގެ ބަހުން ވެސް އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ. ނާޒިމްގެ ފިންގަޕްރިންޓް އެ ހަތިޔާރުން ނުފެނުނަސް އެއީ އޭގެ ޒިންމާއިން ނާޒިމް ބަރީއަވެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ފިންގަޕްރިންޓް ހޯދެނީ ވަކި މިންގަނޑުތަކަކަށް ސާމްޕަލް ލިބިގެން ކަމަށްވާއިރު އެ މިންވަރަށް އެ މައްސަލާގައި ސާމްޕަލް ނުލިބުމަކީ އެ ހަތިޔާރާ ނާޒިމާއި ގުޅުން ނެތް ކަން ދަލީލުކޮށްދޭނެ ކަމެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި ހަތިޔާރު ފެނުނީ ނާޒިމްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ކަމަށްވާތީ ކޮންމެހެން އެ މައްސަލާގައި ފިންގަޕްރިންޓް ހޯދަން ލާޒިމް ނުވާ ކަމަށް ދައުލަތުން ބުންޏެވެ. މިއަދުގެ ވަނީ އެ މައްސަލައިގެ ސިއްރު އަޑުއެހުމެއް ވެސް ހައި ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އެ އަޑުއެހުމަކީ ދައުލަތުން ކުރިން ހުށަހެޅި ސިއްރު ލިޔުން ބަލައިގަތުމާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ. މާދަމާ ވެސް މި މައްސަލައިގެ އަޑުއެހުމެއް ބާވަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ