ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާ އެކު ޖޭއެސްސީގައި ގާސިމްގެ މަގާމު ހުސްވެއްޖެ؟

ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަގާމުން ގާސިމް އިބްރާހީމް ވަކިވާނެ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ބުނެފި އެވެ. ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމު ހުސްވާ ހާލަތްތައް ބަޔާންކުރާ، އެ ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާ (ހ) ގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައިވަނީ "ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން" މިހެންނެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވީ މިދިޔަ އަންގާރަދުވަހު އެވެ. އަދި އޭނާގެ ކެންޑިޑެސީގެ ސައްހަކަން އިލެކްޝަންސް އިން ވަނީ ކަނޑައަޅައި ގާސިމަށް އެކަން އަންގައިފަ އެވެ. ގާނޫނީ ވަކީލު އަލީ ހުސެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާސިމް ކުރިމަތިލެއްވުމާ އެކު ޖޭއެސްސީގައި އޭނާ ހުންނެވުމުގެ ޝަރުތު މިހާރު ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ގާނޫނު ބުނާ ގޮތުން ގާސިމް މަގާމުން ވަކިކުރުމުގެ ކަންތައް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ދެކެވަޑައިވަންނަވާ ކަމަށް ވެސް އަލީ ހުސެން ވިދާޅުވި އެވެ. "އެއީ ގާނޫނު ބުނާ ގޮތުން ޖޭއެސްސީގެ މެމްބަރުކަމުން ބޭފުޅަކު ވަކިކުރާ ކަމަށް ވަނީ ނަމަ އެކަން ކުރެވޭނީ އެ މެމްބަރަކު އައްޔަންކުރާ ފަރާތަކުން ކަމަށް ވާތީ. މި މައްސަލާގައި ފަހަރެއްގައި ގާސިމްގެ އާގިއުމަންޓަކަށް ވެދާނެ ކަންނޭނގޭ އޭނާ ހުންނަވަނީ ވެސް އިންތިހާބުކުރާ މަގާމެއްގައޭ. އެކަމަކު ގާސިމް މިހާރު ކުރިމަތިލައިގެން އެ އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަކަށް ނޫން. ޖޭއެސްސީގައި ހުންނަވައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ނަމަވެސް މައްސަލަ ދިމާނުވީސް. އެކަމަކު ޖޭއެސްސީގެ މެމްބަރަކަށް ހުރެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލީމާ މައްސަލަ ދިމާވަނީ،" އޭނާ ވިދާޅުވި އެވެ. ޖޭއެސްސީގައި ގާސިމްގެ މަގާމު ހުސްވިކަމާ މެދު ބައެއް ވަކީލުން ސުވާލު އުފެއްދި ނަމަވެސް، އިންތިހާބަށް ކުރިމަތިލެއްވުމަށް ފޯމު ހުށަހެޅުއްވުމުގެ ކުރިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވެ ހުރެ ޖޭއެސްސީގެ މެމްބަރުކަން ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޖޭއެސްސީން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ ދުވަހު އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ