ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި: ކޮންޓްރޯލާ

ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ. ބޯޑާ ކޮންޓްރޯލް މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ކުރި ވަގުތީ އަމުރު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ބާތިލްކުރުމުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ އެމަސައްކަތް ނެކްސް ބިޒް އިން ވަނީ އަލުން ފަށާފަ އެވެ. އަދި އެ މަސައްކަތް ވަރަށް އަވަށް ނިމޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. "ހަވީރު"ން ކުރި ސުވާލަކާ ގުޅިގެން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ވަގުތީ އަމުރު ނެރުނު އިރު ނެކްސް ބިޒް އިން ވަނީ އެ މަސައްކަތުގެ ބޮޑު ބައި ނިންމާފައި ކަމަށެވެ. "ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ވަގުތީ އަމުރު ނެރުނު އިރު އެމީހުން ވަނީ މަސައްކަތުގެ ބޮޑު ބައި ނިންމާފައި. ނަމަވެސް ސުޕްރީމް ކޯޓުން ވަގުތީ އަމުރު ބާތިލްކުރުމުން އެ މަސައްކަތް ކުރިޔަށް ގެންދާކަށް މިހާރު ހުރަހެއް ނެތް. އަދި ކުރިން ވެސް އެމީހުން މަސައްކަތްކުރަމުން އައި ގޮތަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެމީހުން ވަނީ އެ މަސައްކަތްކުރަން ފަށާފައި. މިހާރު ކުރިޔަށް ދާ މަސައްކަތަކީ ހާޑްވެއާގެ މަސައްކަތްތަކާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް،" ޑރ. މުހައްމަދު ވިދާޅުވި އެވެ. ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ނިންމުމަށް ނެކްސް ބިޒް އިން ކުރިން ކަނޑައަޅާފައިވާ ތާރީހަކީ ޖޫން 27 ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހައި ކޯޓުން ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުން ނެކްސް ބިޒް އިން އެ މަސައްކަތްކުރުން ހުއްޓާލާފައިވާ ކަމަށް ވެސް ޑރ. މުހައްމަދު ވިދާޅުވި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ގެ އިސް އޮފިޝަލަކު ވިދާޅުވީ ނެކްސް ބިޒް އިން ބޯޑާ ކޮންޓްރޯލް މަސައްކަތް އަލުން ފަށާފައިވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އަލުން އެ މަސައްކަތް ހުއްޓުވުމަށް ހައި ކޯޓުން ވަގުތީ އަމުރަކަށް އެދިފައިވާނޭ ކަމަށާއި އެ މައްސަލައިގެ މަސައްކަތް އަވަސްކުރުމަށް އެދި ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ. ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ކުރިން ނެރުނު ވަގުތީ އަމުރު ބާތިލްވެފައި ވަނީ އޭސީސީން އިމިގްރޭޝަންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލާފައި ވަނިކޮށް، އެ ޝަރީއަތްތައް ބޭއްވީ ޣައިރު ގާނޫނީ ގޮތުން އެކުލަވާލާފައިވާ ބެންޗަކުން ކަމަށް ބުނެ ސުޕްރީމް ކޯޓުން އެ ބެންޗުގެ ހުރިހާ ނިންމުންތަކާއި އަމުރުތަކެއް ބާތިލްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ