އަފްރާޝީމްގެ ފަސް އަހަރުގެ ޚިދުމަތްތައް 50 އަހަރާ ނުބައްދަލު: މައުމޫން
މިދިޔަ ހޯމަ ދުވަހުގެ ރޭ، ލާއިންސާނީ ހަމަލާތަކެއްގައި އަވަހާރަކޮށްލި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ފަސް އަހަރުގެ ތެރޭގައި ޢިލްމީ ގޮތުން ރާއްޖެ އަށް ކޮށްދެއްވީ އެހެން މީހަކަށް 50 އަހަރުގެ ތެރޭގައި ވެސް ކޮށްނުދެވޭނެހާ އަގުހުރި ޚިދުމަތްތަކެއް ކަމަށް، ކުރީގެ ރައީސް އަދި އަފްރާޝީމް އެބޭފުޅެއް ދެކެ އިންތިހާ އަށް ލޯބިވި އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ޑރ. އަފްރާޝީމްގެ ހަނދާނުގައި މި ރަށު ބަނދަރު ސަރަހައްދުގައި ޕީޕީއެމުން އިންތިޒާމުކޮށްގެން ބޭއްވި ތައުބީންގެ ޖަލްސާގައި މައުމޫން ވިދާޅުވީ ޑރ. އަފްރާޝީމަކީ އިސްލާމީ އިލްމު ފެތުރުއްވުމުގައި އެފަދަ ދެވަނައެއް ނެތް ހީވާގި ބޭފުޅެއް ކަމަށެވެ. އަދި އަފްރާޝީމް ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްކުރެއްވީ ކީރިތި ގުރްއާނުގައި އަންގަވާފައިވާ ގޮތުގެ މަތިން ރިވެތި ވައުޒާއި ޙިކްމަތްތެރިކަމާ އެކުގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އަފްރާޝީމް މީސްތަކުންނަށް ބަޔާންކޮށްދެއްވީ އިސްލާމް ދީނުގެ ލުއިފަސޭހަ ކަމާއި މެދުމިނުގެ އުސޫލުތަކެވެ. މިފަދަ މުހިންމު މަސައްކަތެއް ކުރާ މީހަކު އަވަހާރަކޮށްލައިފި ނަމަ އެ މީހަކު ވާނީ އިސްލާމް ދީނަށްޓަކައި ޝަހީދުވީ މީހަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ކީރިތި ގުރްއާނުން ހެކި ދައްކަވަމުން މައުމޫން ވިދާޅުވީ، ﷲގެ މަގުގައި ޝަހީދުވެގެންދާ މީހުންނަކީ މަރުވެ ނެތިގޮސްފައިވާ ބައެއް ނޫން ކަމަށާއި އެފަދައިން މިއަދު ޑރ. އަފްރާޝީމަކީ ވެސް ﷲގެ ހަޒްރަތުގައި ދިރިދެމިހުންނެވި ބޭފުޅެއް ކަމަށެވެ. "އެހެންވީމާ މއިަދު އަޅުގަނޑުމެން އުފާ ކުރަންވީ ޝަހީދު ޑރ. އަފްރާޝީމް އަލީ ވަނީ މިފަދަ މަތިވެރި ނިއުމަތެއްގައި ކަން. އެމަނިކުފާނުގެ ފުރާނަފުޅު މިވަގުތު އުފާކުރާނެ، އެއީ އެފަދަ ޝަހީދުންނަށް މާތް ﷲ ދެއްވާފައިވާ ނިއުމަތްތައް އެމަނިކުފާނަށް ސީދާ ސީދާ ފެނިވަޑައިގަންނަވަމުން ދާތީ،" ކީރިތި ކުރައްވަމުން މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަފްރާޝީމަކީ ހައްގު ބަސް ވިދާޅުވުމުގައި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރުގަތް ބޭފުޅެއް ނޫން ކަމަށެވެ. "މިއީ އިސްލާމް ދީނުގެ ހުކުމްތަކާއި އަގީދާ އާއި އުސޫލުތައް ބަޔާންކޮށްދެއްވަމުން ގެންދެވި އެންމެ މަތިވެރި އިލްމުވެރިން ކަންކުރައްވާފައިވާ ގޮތް. އެއީ ފާޑުކިޔާ މީހެއްގެ ފާޑުކިޔުމަކަށް ނުބަލާ ހައްގު ބަސް އެ އޮތް ގޮތުގައި ބަޔާންކުރައްވަމުން ގެންދެވީ." މައުމޫން ވިދާޅުވީ އެފަދަ ބޭފުޅަކު އަވަހާރަކޮށްލުމަކީ ހަމައެކަނި އަފްރާޝީމަށް ނުވަތަ އޭނާގެ ރަށަށް ނުވަތަ އޭނާގެ އާއިލާ އަށް ދިން ހަމަލާއެއް ނޫން ކަމަށެވެ. "އެއީ އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ދީނަށް ދިން ހަމަލާއެއް. އިސްލާމް ދީނަށް ދިން ހަމަލާއެއް. އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމަށް ދިން ހަމަލާއެއް. ދިވެހި ރާއްޖެ އަށް ދިން ހަމަލާއެއް. އެ ބޭފުޅަކު އެ ގަބޫލުކުރައްވާ އުސޫލުތަކަށް ދިން ހަމަލާއެއް. ރާއްޖޭގެ ޑިމޮކްރެސީ އަށް ދިން ހަމަލާއެއް،" މައުމޫން ވިދާޅުވި އެވެ. ޑރ. އަފްރާޝީމަށް ދިން ލާއިންސާނީ ހަމަލާ ކުށްވެރިކުރައްވަމުން މައުމޫން ވިދާޅުވީ އެއީ އިސްލާމް ދީނަށް ލޯބި ނުކުރާ އަދި މި ރާއްޖޭގައި އިސްލާމް ދީނާއި މިނިވަންކަން އޮންނަން ބޭނުންނުވާ ބަޔަކު ދިން ހަމަލާއެއް ކަމަށެވެ. އަފްރާޝީމްގެ އިލްމީ ގާބިލުކަމަށް ތައުރީފްކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމަކީ ވަރަށް މޮޅަށް އަރަބި ބަސް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ދީނީ ގޮތުން އިލްމު ހާސިލުކުރައްވައިގެން ތިއްބެވި އެތައް ސަތޭކަ އިލްމުވެރިން ތިބިއިރު ވެސް އަފްރާޝީމާ އެއްވަރަށް އަރަބި ބަހަށް މޮޅު ބޭފުޅުން ވަރަށް މަދު ކަމަށެވެ. އަފްރާޝީމް ފަދަ ހީވާގި އިލްމުވެރި ބޭފުޅެއް ގެއްލުމަކީ ފޫބެއްދޭނެ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ޑރ. އަފްރާޝީމް ވަރަށް މުހިންމު މައުލޫއަކަށް ލިޔުއްވާފައިވާ ފޮތެއް، އިސްލާހުކޮށްދެއްވުން އެދި އެމަނިކުފާނަށް ދެއްވާފައި އެބަ އޮތް ކަމަށެވެ. ނަމަވެސް އަފްރާޝީމްގެ އިލްމުވެރިކަމަށް ބަލާއިރު، އެ ފޮތުގައި އިސްލާހުކުރަން ޖެހޭ އެންމެ ތަންކޮޅެއް ވެސް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެ ފޮތުގެ ބޮޑުކަމާއި އެ ފޮތް ލިޔުއްވާފައިވާ މައުލޫއުގެ މުހިންމުކަމާ އެކު އެފޮތް އެކުގައި އަދި ނުބެއްލެވޭ ކަމަށް ވެސް ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އަފްރާޝީމްގެ ދީނީ ދަރުސްތައް ދެމެހެއްޓުމަކީ ޕީޕީއެމްގެ ފަރާތުންކުރާ އެންމެ މުހިންމު ކަމަކަށް ވާނެ ކަމަށެވެ. އަދި އަފްރާޝީމްގެ ހުރިހާ އިލްމީ ތަރިކަ ޝާއިއުކުރުމަކީ ވެސް ޕީޕީއެމުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ޑރ. އަފްރާޝީމްގެ ހިތްހެޔޮކަމާއި މަޑުމައިތިރި މިޒާޖާއި ރިވެތި އަޚްލާގެވެ. ހަމަ އެހެންމެ އަފްރާޝީމަކީ ދިވެހި ރާއްޖޭގެ މި ފަހުގެ ޖީލުތައް ދުށް އެންމެ ފުންނާބު އުސް އިލްމުވެރިޔާ ކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ. ރޭގެ ޖަލްސާގައި އަފްރާޝީމްގެ އާއިލާގެ މެންބަރުންނާ އެކު މި ރަށުގެ ގިނަ އަދަދެއްގެ އާންމުންގެ އިތުރުން މި އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ މީހުން ވެސް ބައިވެރިވި އެވެ. ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ، ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ