ސުޕްރީމް ކޯޓްގެ ބެންޗް ކުޑަކުރަން ޕީޕީއެމްގެ މެމްބަރުން ތާއިދު ކުރާނެ ކަމަށް ގަބޫލް ކުރަން: ނިހާނު

ސުޕްރީމް ކޯޓް ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރަން އެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ބިލަށް ޕީޕީއެމްގެ މެމްބަރުން ތާއިދު ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ. "އަޅުގަނޑުމެންގެ ޕްރޮގްރެސިވް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް އެންމެހާ މެމްބަރުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަނިކުފާނު އެ ހުށަހެޅުއްވި ހުށަހެޅުމަށް ތާއިދުކުރާނެ،" ޝަރީފުގެ ބިލަށް ތާއިދުކޮށް ދެއްވަން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތުމުން އެކަމަށް އިޝާރަތް ކުރައްވައި ނިހާން ވިދާޅުވި އެވެ. ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޝަރީފް ހުށަހެޅުއްވި ބިލަށް ތާއިދު ކުރައްވާ ކަމަށް ނިހާން ސީދާ ވިދާޅުނުވިޔަސް، އެއީ މުހިންމު ދެ އިސްލާހެއް ކަމަށާއި ބިލާބެހޭ ގޮތުން ޝަރީފް ދެއްކެވީ ވިސްނާލުން މުހިންމު ނުކުތާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. "މަނިކުފާނުގެ ވާހަކަފުޅު ކުރު ނަމަވެސް އެ ވިދާޅުވެ ދެއްވި ބައެއް މުހިންމު ނުކުތާތަކަކީ މި ގައުމުގެ ނިސްބަތުން ބަލާކަމުގައި ވާނަމަ މިއަދު ހަމަ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިސްނުންފުޅު ގެންގުޅުއްވަން ޖެހޭ ނުކުތާތަކެއް ކަމަށް ދަންނަވަން،" ނިހާނު ވިދާޅުވި އެވެ. ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތަކީ އެއްވެސް އިރަކު ޕީޕީއެމް ބައިވެރިނުވެ ދުރުގައި އޮންނަ ކަމެއް ނޫން ކަމަށާއި "އަޅުގަނޑުމެން ވެސް މި ތިބެނީ މިފަދަ ކަންކަމަށް ތާއިދުކުރަން" ކަމަށް ނިހާނު ވިދާޅުވި އެވެ. ނަމަވެސް މިކަމާ މެދު ޕީޕީއެމްގެ މެމްބަރުން ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބިލަށް އެމްޑީޕީން ތާއިދު ނުކުރަން ނިންމާފައި ވާއިރު، އެމްޑީޕީ އަށް ނިސްބަތްވާ ޝަރީފާއި މޫސާ ބިލަށް ތާއިދު ކުރެއްވުމުން އެ ދެ ބޭފުޅުންނަށް ނިހާނު ވަރަށް ބޮޑަށް ތައުރީފް ވެސް ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް.---ފޮޓޯ: މަޖިލިސް ޝަރީފަކީ މަދުން ނޫނީ ނުއުފެދޭ ފަދަ ބޭފުޅެއް ކަމަށާއި މޫސަ އަކީ ހަގީގީ ބާނީއެއް ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި މަގުމަތީގައި މޫސަ ކޯޓް ހެއްދެވީ އޭރު ވެސް ޖުޑިޝަރީ އިސްލާހުކުރުމުގެ ނިޔަތް ހިތުގައި އޮތުމުން ކަމަށް މިހާރު ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރަން ހުށަހެޅުއްވީ ޝަރީފް ވިދާޅުވި ގޮތުގައި ހަތް ފަނޑިޔާރުންނަކީ ރާއްޖެފަދަ އާބާދީ މަދު ގައުމަކަށް ގިނަ އަދަދެއްކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި އެ ބިލް ހުށަހެޅުއްވީ ޝަރުއީ ނިޒާމާމެދު އެންމެންގެ އިތުބާރު ގާއިމުކުރަން ކަމަށާއި ކޯޓަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓްގެ ބެންޗަށް ބަދަލު ގެނެސް، އަލުން އައްޔަން ކުރައްވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި ތިއްބަވާ ފަނޑިޔާރުން ކަމަށް ޝަރީފް ވިދާޅުވި އެވެ. "ތިމާގެ ޕާޓީއަށް ތާއިދުކުރާ، ތިމާގެ ފިކުރަށް ތާއިދުކުރާ ބޭބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރާނަމަ ބޮޑެތި ބޮޑެތި މައްސަލަތައް ޖެހި، ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި، ބޮޑެތި ބޮޑެތި މައްސަލަތަކަށް މަގުފަހިގެން ދާނެ،" އޭނާ ވިދާޅުވި އެވެ. ރައްޔިތުން އެދޭ ތަރައްގީ އާއި ތިޔާގިކަން ގެންނަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަންޖެހިފައިވާ ކަމަކީ ޝަރީފް ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމެވެ. ސިޔާސީ ފިކުރު ހުންނަވާ ބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވައިގެން ޝަރުއީ ނިޒާމު ހަރުދަނާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބިލަށް ވާހަކަ ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ ވިދާޅުވީ ޝަރީފުގެ އިސްލާހަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ކަމަށާއި މި އިސްލާހަކީ އެމްޑީޕީ އަށް އެކަނި ގެނެވޭނެ އިސްލާހަކަށް ނުވާތީ ބިލަށް ޕީޕީއެމްގެ ތާއީދު ބޭނުންވާ ކަމަށެވެ. "މިއީ ތިޔަ ބޭފުޅުންގެ ކަމެއް ނޫން، މިއީ އަޅުގަނޑުމެންގެ ކަމެއް ނޫން. މިކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނާ ސީދާ ގުޅިފައިވާ ކަމެއް،" މޫސަ ވިދާޅުވި އެވެ. "މިކަމުގައި ޕީޕީއެމްގެ މެމްބަރުން ފަނޑިޔާރުގެ އަށް ވިކިފައި ތިބީ ކިހާވަރަކަށް ކަމެއް ނޭނގޭ." މިބިލަށް އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ތާއިދެއް ނުކުރެ އެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް )އިބޫ( ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަށް ތާއިދު ނުކުރަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ނިންމާފައި ކަމަށެވެ. ނަމަވެސް މި އިސްލާހަށް ތާއިދުކުރާ ބައެއް މެމްބަރުން އެމްޑީޕީގައި އެބަ ތިއްބެވި ކަމަށް އިބޫ ވިދާޅުވި އެވެ. މި ބިލަށް ތާއިދު ނުކުރަން އެމްޑީޕީން ނިންމީ ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ކަމަށާއި މި އިސްލާހުގެ ސަބަބުން އެކަނި ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ޖުޑިޝަރީ އިސްލާހުކުރުމަކީ އަބަދުވެސް އެމްޑީޕީން ވަކާލާތުކުރާ ކަމެއް ކަމަށާއި އެހެންވެ މި ބިލަށް ތާއިދު ނުކުރުމަކީ އެމްޑީޕީ އަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުން ރަނގަޅުވުން ކަމަށް މޫސަ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިފަކުރެއްވި ގޮތުގައި ބޮޑު ޖަރީމާއެކެވެ. ފަނޑިޔާރުން އައްޔަން ކުރެވޭނެ ގޮތާއި ވަކިކުރެވޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެ އުސޫލުން ނުގޮސް، ސުޕްރީމް ކޯޓުގެ ބަންޗް ކުޑަކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓްގެ ބެންޗްގެ ކުޑަކުރުމުގެ އިތުރުން ނުވަ ފަނޑިޔާރުން ތިއްބަވާ ހައި ކޯޓްގެ ފަނޑިޔާރުން، ބަހާލަން ވެސް ވަނީ ހުށަހަޅުއްވާފަ އެވެ. ޝަރީފްގެ ބިލްގައި ހުށަހަޅާފައިވަނީ ހައި ކޯޓްގެ ދެ ގޮފި ރާއްޖޭގެ އިތުރާއި ދެކުނުގައި ގާއިމުކޮށް، ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖެއްސުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ