ފްރާންސްގެ ބަލި މީހާ މަރުވާން ދޫކޮށްލުން އެންމެ ރަނގަޅު ކަމަށް ޔޫރަޕުގެ ކޯޓުން ނިންމައިފި

ޕެރިސް (ޖޫން 5) - ޕެރަލައިޒްވެފައި އޮތް ފްރާންސް ބަލި މީހެއްގެ ލައިފް ސަޕޯޓް މެޝިން ނައްޓާލުމަށް ފަހު އޭނާ މަރުވާން ދޫކޮށްލުން އެންމެ ރަނގަޅު ކަމަށް އެ ގައުމުގެ ކޯޓަކުން ނިންމި ނިންމުމަށް ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުން މިއަދު ތާއީދު ކޮށްފި އެވެ. މޮޓޯ ސައިކަލް އެކްސިޑެންޓެއްގައި ޕެރަލައިޒްވި އުމުރުން 39 އަހަރުގެ ވިންސެންޓް ލަމްބާޓް ކޯމާއެއްގައި އޮންނަތާ މިހާރު ހަތް އަހަރުވެއްޖެ އެވެ. ލައިފް ސަޕޯޓް މެޝިނުގައި އޭނާ ބޭއްވުމާ މެދު އާއިލާގެ މެންބަރުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. މި މައްސަލައިގައި ފްރާންސްގެ އެންމެ މަތީ ކޯޓުން މިދިޔަ އަހަރު ނިންމާފައި ވަނީ ލަމްބާޓުގެ ލައިފް ސަޕޯޓް މެޝިން ނައްޓާލުމަށް ފަހު އޭނާ މަރުވާން ދޫކޮށްލިއަސް އެންމެ ރަނގަޅު ކަމަށެވެ. ކޯޓުގެ ނިންމުމާ ގުޅިގެން ފްރާންސްގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ. ވިންސެންޓް ލަމްބާޓަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ ކޯމާއެއްގައި އޮންނަތާ ގިނަ ދުވަސްވެ، ދުނިޔެ އަށް އަންނާނެކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލާފައިވާ މީހުންނަށް އިތުރު އަނިޔާއެއް ނުދީ މަރުވާން ދޫކޮށްލުން ބައެއް ގައުމުތަކުގައި ހުއްދަ ނަމަވެސް އެއީ ފްރާންސްގައި މަނާ ކަމެކެވެ. އެކަމަކު 2005 ވަނަ އަހަރުގެ ގާނޫނުގެ ދަށުން، އެފަދަ ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓާލެވިދާނެ އެވެ. މި މައްސަލާގައި އިންސާނީ ހައްގުތަކާ ބެހޭ ޔޫރަޕުގެ ކޯޓުން ނިންމާފައި ވަނީ ލަމްބާޓަށް ހޮޅިން ކާނާ ދިނުން ހުއްޓާލުމަކީ ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ޚިލާފު ކަމެއް ނޫން ކަމަށެވެ. ވިންސެންޓް ލަމްބާޓަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ ފްރާންސްގެ އިރުއުތުރުގެ ރެއިމްސްގެ ހޮސްޕިޓަލެއްގައި އޮތް ލަމްބާޓަށް ފެނާއި ކާނާ ފޯރުކޮށް ދެނީ ނާރުތަކަށް ޖަހާ އިންޖެކްޝަނެއްގެ ޒަރީއާ އިންނެވެ. ލަމްބާޓުގެ އަންހެނުން ރަޗެލް އާއި ބައެއް ބޭބެ އިންނާއި ދައްތަ އިން ވަނީ ލަމްބާޓުގެ ހާލު ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އޭނާގެ ލައިފް ސަޕޯޓް މެޝިން ނައްޓާލިއަސް އެންމެ ރަނގަޅު ކަމަށް އެއްބަސްވެފަ އެވެ. ޑޮކްޓަރުން ބުނެފައި ވަނީ ލަމްބާޓަށް ދޭ ފަރުވާ އިން ފައިދާއެއް ކުރުމުގެ ނިޝާންތައް މިދިޔަ އަަހަރުން ފެށިގެން ހުއްޓިފައިވާ ކަމަށެވެ. ލަމްބާޓުގެ އަންހެނުން ރަޗެލް ވެސް ބުނެފައި ވަނީ "މި ހާލުގައި އޭނާގެ ފިރިމީހާ ބޭއްވުމަށް ވުރެ މަރުވާން ދޫކޮށްލުން ވެސް މާ ރަނގަޅު" ކަމަށެވެ. އެކަމަކު ލަމްބާޓުގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެން ބައެއް މީހުން ބުނަނީ ލަމްބާޓް ރަނގަޅުވުމުގެ ނިޝާންތައް ފެންނަ ކަމަށާއި އޭނާ އަށް ބޭނުން ވަނީ ފުރިހަމަ ފަރުވާ ކަމަށެވެ. ފްރާންސްގެ ހައި ކޯޓުގެ ނިންމުން ޔޫރަޕުގެ ކޯޓަށް ގެންދިޔައީ ލަމްބާޓުގެ ބައިންބަފައިންނެވެ. ލަމްބާޓް އިޝާރާތް ކުރޭތޯ ބެލުމަށް މަންޒަރެއް ދައްކަނީ ލަމްބާޓުގެ މައިންބައިންގެ ފަރާތުގެ ވަކީލް ބުނީ ލަމްބޯޓުގެ ލައިފް ސަޕޯޓް މެޝިން ނެގުން ރަނގަޅު ކަމަށް ފްރާންސްގެ ކޯޓުގައި ބުނީ ލަމްބޯޓަށް އާއްމުކޮށް ފަރުވާ ދޭ ޑޮކްޓަރެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ފްރާންސްގެ އެހެން ކޯޓުތައް މެދުވެރިކޮށް ސިއްހީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވަކީލް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ