އާޒިމާއި ނާޝިޒު ވަކިކުރަން ސުޕްރީމް ކޯޓުން ހިންގާ "ޖަރީމާ" ހުއްޓުވަން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒު މަޖިލީހުން ވަކިކުރަމް ސުޕްރީމް ކޯޓުން "ޖަރީމާ" ހިންގަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓަށް ނަޝީދު ފާޑުވިދާޅުވެފައި މިވަނީ އާޒިމާއި ނާޝިޒްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުން ތާވަލްކުރުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުން އެމްޑީޕީއާ އިދިކޮޅު މެމްބަރުންގެ ގޮތުގައި ތިއްބެވި އިރު މައްސަލަ އަވަހަށް ބަލައި ގޮތެއް ނިންމުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރިން ގޮވާލެއްވި ނަމަވެސް އެ މައްސަލަ މިހާރު ތާވަލްކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާޒިމާއި ނާޝިޒް މަޖިލީހުން ވަކިކުރަން ސުޕްރީމް ކޯޓުން ހިންގާ ޖަރީމާ ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅީ ގާނޫނީ ވަކީލް މުހައްމަދު ހަލީމެވެ. އޭނާ އެ މައްސަލަ ހުށަހެޅީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ނަގާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކި މައްސަލައިގަ އެވެ. އެ ލޯނުތަކަށް ފައިސާ ނުދައްކައިގެން ރަހުނުތައް ވިއްކާލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކޯޓުން ނިންމާފައިވަނީ ފައިސާ ނުދެއްކިއްޖެ ނަމަ ލޯނަށް ގެރެންޓީ ދިން ފަރާތުން ވެސް އެ ލޯނުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ