މޫސުން ގޯހެއް ނޫން، އެކަމަކު ބޯޓު ގޮސް ފަރަށް!
އިއްޔެ ހަވީރު މާލޭން 181 މީހުންނާ އެކު "ސަވާރީ" ބޯޓު ތ. ގުރައިދުއަށް ފުރި އިރު މޫސުމް އެހާ ގޯހެއް ނޫނެވެ. އަދި ރޭގެ 11 ޖެހިއިރު، މ. އަތޮޅު ފަރަކަށް ބޯޓު އެރި އިރު ވެސް ކަނޑު ގަދަވެ، ގަދަޔަށް ވައި ޖެހުން ފަދަ އެއްވެސް ކަމެއް ދިމައެއް ނުވެ އެވެ. އެހެންވެ، ރީތިކޮށް ބޯޓު ދުއްވާފައި ދަނިކޮށް، ކުއްލިއަކަށް ފަރަށް އެރުމުން ދަތުރުވެރިން ބިރުގަތުމުގެ އިތުރުން އެއް ބަޔަކު ހައިރާން ވެސް ވި އެވެ. "މިއީ މޫސުން ގޯސްވެގެން ދިމާވި ކަމެއް ނޫން. ފަހުން އެނގުނު ގޮތުގައި ފަރަށް އެރީ ކައްޕިއަށް ބޯޓު އަނބުރާ ނުލެވިގެން،" ގުރައިދުއަށް ދަތުރުކުރަނިކޮށް ފަރަށް އެރި ބޯޓުގެ ދަތުރުވެރިއަކު ބުންޏެވެ. "ސަވާރީ" ބޯޓުން ސަލާމަތްކުރި ބައެއް މީހުން މުލީ ޕޮލިސް ސްޓޭޝަނުގައި. -- ފޮޓޯ: ޕޮލިސް ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އެ ފިރިހެން މީހާ ބުނި ގޮތުގައި މ. ދިއްގަރު ހުޅަނގުން ހައެއްކަ މޭލު ބޭރުގައި އޮންނަ ފަރަށް ބޯޓު އެރި އިރު ހަތަރު ވަރަކަށް ފޫޓަށް އޮތީ ތިލަވެފަ އެވެ. ބޯޓު ދެން އޮތީ އެއްވެސް ކޮޅަކަށް އަރިނުވެ ބެލެންސްކޮށް ކަމަށް އޭނާ ބުންޏެވެ. "އެކަމަކު އަޅުގަނޑަށް އެނގިއްޖެ ގަދަވެއްޖެއްޔާ ބޯޓު އަރިއަޅާލާނެކަން. އެހެންވެ ކައްޕިއަށް ގޮވިން ވަގުތުން ދަތުރުވެރިން ލައިފްޖެކެޓް އަޅުވަން،" ގުރައިދޫގައި ދިރިއުޅޭ އެ މީހާ ބުންޏެވެ. ކައްޕިއަށް އަޑު ނީވުނީކަމެއް ނުވަތަ އަޅާނުލީ ކަމެއް ނޫން ނަމަ ވަގުތުގެ ގޮތުން އޭނާ ހާސްވެފައި ހުރީ ކަމެއް ނޭނގެ އެވެ. ލައިފްޖެކެޓް އަޅަން ނާންގާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އޭގެ ވިއްސަކަށް މިނިޓް ފަހުން ކައްޕި އައިސް، ދަތުރުވެރިން ލައިފްޖެކެޓް އަޅުވައިދޭށޭ ބުނެ ރޮއެގަތެވެ. އޭރު ބޯޓު މަތީގައި ތިބި ކުޑަކުދިންނާއި އަންހެންވެރިން ވެސް ރޮނީ އެވެ. ފަރަށް އެރި ސަވާރީ ބޯޓު: މި ބޯޓުން 180 އަށް ވުރެ ގިނަ މީހުން ދަތުރުކުރި-- ފޮޓޯ/ ތާއޮންލައިން އޭރު މޫސުން ގޯސްވާން އުޅޭކަމުގެ ނިޝާންތައް ފެނުނެވެ. ދިއްގަރުން ދޯންޏެއްގައި އެހާ ހިސާބަށް އަންނަން ގަޑިއެއްހާ އިރު ނަގަ އެވެ. އެކަމަކު 12:30 ހާއިރު ކޯސްޓް ގާޑުގެ ދެ ލޯންޗު އައިސް މީހުން ސަލާމަތް ކުރަން ފެށި އެވެ. "ކޯސްޓް ގާޑުން އެދުނީ އެންމެ ފުރަތަމަ މުސްކުޅިންނާއި ކުޑަކުދިންނާއި އެކުދިންގެ މައިން ލޯންޗަށް އަރަން. އެކަމަކު އަޅުގަނޑު ދުށިން ކުޑަކުދިން ބޯޓުގައި ތިއްބާ ހަމަ ބޮޑެތި ފިރިހެނުން ލޯންޗަށް އެރި ތަން،" މީހުން ބޭލުމުގެ މަސައްކަތުގައި ވެސް އުޅުނު އެ މީހާ ބުންޏެވެ. ދެ ލޯންޗުގައި ތިބި މީހުން ހުސްކުރަން އެ އެއްޗެހި ފުރި އިރު މޫސުމް ވަރަށް ގޯސް ކަމަށް އޭނާ ބުންޏެވެ. ބޮޑެތި ރާޅުތައް ޖަހައި، ބޯޓު ތެރެއަށް ވެސް ލޮނުގަނޑު ވަންނަމުން ދިޔަ އެވެ. ގާތްގަނޑަކަށް ދަންވަރު ދޭއް ޖަހާކަންހާއިރު ބޯޓުން ކަރަންޓު ކެނޑުނެވެ. އޭރު މީހުން ގޮވައިގެން ދިއްގަރަށް ފުރި ލޯންޗަށް ކަނޑު ގަދަވެގެން އަނބުރާ ބޯޓާ ހަމައަށް ނާދެވިގެން އުޅޭކަމުގެ ހަބަރު ވަނީ ލިބިފަ އެވެ. "ރާޅުތައް ބޯޓަށް ބިންދަން ފެށުމުން އަޅުގަނޑު ވެސް ވަރަށް ބިރުގަތް. އޭރު ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ދިޔައީ ރޮމުން،" އޭނާ ބުންޏެވެ. "ސަވާރީ" ބޯޓުން ސަލާމަތްކުރި ބައެއް މީހުން މުލީ ޕޮލިސް ސްޓޭޝަނުގައި. -- ފޮޓޯ: ޕޮލިސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވީ ދ. އަތޮޅުގައި އޮތް ކޯސްޓް ގާޑުގެ ބޮޑު ލޯންޗެވެ. އޭރު ގަޑިން ގާތްގަނޑަކަށް 2:30 ވެއްޖެ އެވެ. ހުރިހާ އެންމެން ސަލާމަތް ކުރެވުނު އިރު ފަތިހު 5:30 އަށް ވުރެ ބޮޑު ވެދާނެ އެވެ. އެހެންކަމުން "ސަވާރީ"ގެ ދަތުރުވެރިން އެއިން ބާލައިގެން ގެންދެވުނީ ހަ ގަޑިިއިރުގެ ދިގު އޮޕަރޭޝަނެއްގަ އެވެ. މުޅި މި ހާދިސާއަށް ބަލާއިރު، އެ ދަތުރުވެރިޔާއަށް ފާހަގަވި އެއް ކަމަކީ ބޯޓުގެ ކައްޕި އާއި ފަޅުވެރިންގެ މާ ބޮޑު އަޅާލުމެއް ދަތުރުވެރިންނަށް ނުލިބުނުކަމެވެ. "އެންމެން ރޮމުން ދިޔައިރު ވެސް ވެގެން އުޅޭ ގޮތެއް ކިޔައެއް ނުދޭ. އެ މީހުން ހިތްހަމަޖައްސައިދޭން މަސައްކަތެއް ނުކުރޭ. ކޮންމެ މީހަކު ވެސް އެ މީހަކު އަމިއްލައަށް ހުރިހާ ކަމެއް ކުރީ،" އޭނާ ބުންޏެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލެއް ކަމަށްވާ މޭޖާ އަދުނާން މުހައްމަދު ވިދާޅުވި ގޮތުގައި ރޭ ވަނީ ނުރައްކާ ދެ ހާދިސާއެއް ހިނގައިފަ އެވެ. އެހެންކަމުން އޭނާ ވިދާޅުވީ "މިއީ އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަންކަން ނޫން" ކަމަށެވެ. "މިއީ 24 ގަޑިއިރުގެ ތެރޭގައި ހިނގި ދެ ވަނަ ހާދިސާ. ވަރަށް ބޮޑަށް އެބަ ބަލަން ޖެހޭ މޫސުމަށް. ސަމާލު ވެސް ވާން ޖެހޭ،" އަދުނާން ވިދާޅުވި އެވެ. "ސަވާރީ" ފުންކުރުުމުގެ މަސައްކަތް، ބޯޓުގެ ވެރިފަރާތުން މިހާރު ދަނީ ކުރަމުންނެވެ. އެކަމަކު ކައްޕި އާއި ބޯޓާ ބެހޭ އެހެން މީހުންނާ ނުގުޅޭތީ، މުދަލާއި ބޯޓަށް ލިބުނު ގެއްލުމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ