މެމްބަރު ރިޔާޒުގެ ގައިގައި މަހްލޫފު ޖެހި ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ގައިގައި ޖެއްސެވިކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް މަޖިލީޖަށް ހުށަހަޅުއްވައިފި އެވެ. މި މައްސަލަ ބަލައިދިނުމަށް އެދި، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަހްލޫފު ޖެއްސެވީ ރިޔާޒުގެ މޫނުމަތީގައި ކަމަށެވެ. އެ މާރާމާރީ މަހްލޫފު ހިންގި ކަން، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މޫސާ އާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން މަހްލޫފާއި ރިޔާޒުގެ ބަހެއް ވެސް ނުލިބުނެވެ. މަޖިލީސް ހުޅުވި ޖަލްސާގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވަރަށް ބޮޑަށް އަޑުގަދަކުރެއްވި އެވެ. އިދިކޮޅު މެމްބަރުން އެ ދުވަހު އިހްތިޖާޖުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ހައްޔަރުކޮށްފައި ހުރުމުންނާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް، ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނުކަމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފައި ވާތީ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ސިޔާސީ ދައުވާތަކެކެވެ. މަހްލޫފާ ދެކޮޅަށް ތޯރިގް މަޖިލީހަށް މައްސަލަ ހުށަހެޅުއްވިއިރު، ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔުއްވައިގެން މަހްލޫފު ހުންނެވީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ