ހަވީރު ސްޕޯޓްސް އެވޯޑްސް 2012: އެމްބީއޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕުގެ ގަދަ ފަހެއް ކަނޑައަޅައިފި

ހަވީރުން ހޮވާ 2012 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން އަދި 21 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް، ނިމިގެންދިޔަ އެމްބީއޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕުން ވާދަކުރާ ކުޅުންތެރިން ރޭ ކަނޑައަޅައިފި އެވެ. ހަވީރުގެ ޓްރޮފީ އާއި 20،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އިންވިޓޭޝަނަލް ޗެމްޕިއަންޝިޕުން ވާދަކުރަނީ ޗެމްޕިއަން ޓީރެކްސް ބީސީގެ އިލްޔާސް އިބްރާހިމް (އިއްލަ) އާއި ޒަކަރިއްޔާ އަބްދުއްލަތީފާއި ރަނަރަޕް ރެޑްލައިން ކްލަބުގެ މުހައްމަދު ޒިލާލާއި އަހުމަދު އަފްސަން ރަޝާދު އަދި ހަރިކޭން ބީސީގެ އަހުމަދު އިފްސާހު އެވެ. މި މުބާރާތުން 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން ޓީރެކްސްގެ އިބްރާހިމް ރަޝްވާނާއި މިދިޔަ އަހަރު މި މަގާމް ހޯދި އިސްމާއިލް ވިލްދާން ޔޫސުފެވެ. ހަވީރު ބާސްކެޓްބޯޅަ ޖަޖިން ޕެނަލްގައި ބާސްކެޓްބޯޅަ ކޯޗުންނާއި މެނޭޖަރުން އަދި ކުރީގެ ކުޅުންތެރިންގެ އިތުރުން ރެފްރީން ވެސް ހިމެނެ އެވެ. ޖުމްލަ 10 ފަނޑިޔާރުން ހިމެނޭ ޖަޖު ކޮމިޓީގެ މި އަހަރުގެ އިސް ފަނޑިޔާރާއި އިސް ފަނޑިޔާރުގެ އެހީތެރިޔާ ރޭ ވަނީ ހޮވައިފަ އެވެ. އިސް ފަނޑިޔާރަކަށް ހޮވުނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އާމިރު (އައްލޯ) އެވެ. އިސް ފަނޑިޔާރުގެ އެހީތެރިޔަކީ މުހައްމަދު ޔާމީން (ޔޯގީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ