އެންމެން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ވަހީދު ނެރެން ޕީޕީއެމްގެ ތާއީދެއް ނުލިބުނު: ގާސިމް
އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިޚާބުގައި އެންމެން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުހައްމަދު ވަހީދު ނެރުމަށް ޕީޕީއެމަށް ހުށަހެޅި ނަމަވެސް އެ ޕާޓީގެ ތާއީދު ނުލިބުނު ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އިންތިހާބުގައި އެއް ކެންޑިޑޭޓެއް ނެރުމަށް ގިނަ މަސައްކަތްތަކެއް ޖޭޕީން ކުރި ކަމަށެވެ. ގާސިމް ވިިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ބޭނުންވީ ރައީސް ވަހީދުގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ދެން ހުރި މަގާމުތައް ޕީޕީއެމަށް ލިބޭގޮތަށް، އިންތިޚާބުގައި އެއް ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުށަހެޅުއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު މައުމޫނަށް ދެންނެވިން އޭރުން އަޅުގަނޑު ސަރުކާރުގެ އެއްވެސް މަގާމެއް ބޭނުން ނޫން ކަމަށް. އެކަމަކު އަޑު އިވިފައިވާ ގޮތުން ޕީޕީއެމުން ބޭނުމެއް ނުވޭ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓުގެެ މަގާމަށް އެ ބޭފުޅުން ނިންމާފައިވާ ގޮތަށް ބަދަލެއް ގެންނާކަށް،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ އެގޮތް ކަމުނުދާނަމަ، އޭނާގެ ސަރުކާރަކުން ދެ އަހަރާއި ބައި ވެރިކަން ކުރުމަށް ފަހު، ބާކީ އޮތް ދުވަސްތަކުގައި ޕީޕީއެމުން ވެރިކަން ކުރުމަށް ވެސް ޕީޕީއެމަށް ހުށަހެޅުއްވި ކަމަށެވެ. ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިޚާބުގައި "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވާދަކުރެއްވި ރައީސް ވަހީދު ވަނީ މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި ރޭ ނަން ވެސް އަނބުރާ ގެންދަވައިފަ އެވެ. ގާސިމް ވިދާޅުވީ ރައީސް ވަހީދުގެ ރަނިންމޭޓަކަށް ވެ ވަޑައިގަތުމަށް އެދިވަޑައިގެން އެންމެ ފަހުން ރޭ ވެސް އެ މަނިކުފާނަށް ގުޅުއްވި ކަމަށާއި އެކަމަކު އެއް ކެންޑިޑޭޓެއް ނެރެން ޕީޕީއެމުން ބޭނުން ނުވި ކަމަށެވެ. "އަޅުގަނޑުމެން މިގޮތަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވަނިކޮށް، އެއް ކެންޑިޑޭޓެއް ނެރެން ގަބޫލުނުވި ކަމަށް ބުނެ ޕީޕީއެމުން ދޮގު ވާހަކަތަކެއް ދައްކާކަށް ނުޖެހޭ. ޕޮލިޓިކްސް އަކީ ޑާޓީ އެއްޗެއް. ނަމަވެސް މިހާ ޑާޓީ ކުރާކަށް ނުވާނެ،" ގާސިމް ވިދާޅުވި އެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ވަގުތު ކުޑަކަމަށް ވިދާޅުވެ އެ ކޮމިޝަނަށް ވެސް ގާސިމް މިއަދު ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީއެއްގެ ހައްގަކާއި ގުޅިފައިވާ މި ފަދަ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން "ކުޅޭކުޅޭ ގޮތެއްގައި" އަމަލު ކޮށްގެންނުވާނެ ކަމަށާއި މިއީ "ޖެއްސުން ކުރުމުގެ ދަށުދަރަޖައިގެ އަމަލެއް" ކަމަށެވެ. ގާސިމް ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް އިތުރު މުއްދަތެއް ދީފިނަމަ ހޮނިހިރު ދުވަހު އިންތިހާބު ނުބޭއްވި ދާނެ ކަމަށް ކޮމިޝަނަށް ފެންނަ ނަމަ އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ މަޝްވަރާ ކުރެވިދާނެ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ