ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ކްލަސިކް އަންހެން ފުޓްސަލް މުބާރާތުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ޕްރިޒަން ކްލަބް 3-0 އިން ބަލި ކޮށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރެހެންދި ޓާފް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ސްޓެލްކޯ އަށް ލީޑު ނަގައިދިނީ އާމިނަތު މައިހާ މޫސާ އެވެ. ފަހު ހާފުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ޝަހުލާ ތައުފީގް އެވެ.
މެޗު ނިމެން 80 ސިކުންތަށް ވެފައި ވަނިކޮށް ސްޓެލްކޯގެ ފައުލް ހަމަ ވެގެން ޕްރިޒަން އަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ފާތިމަތު އިނާޝާ އާދަމް ފޮނުވާލި ދުރު ޕެނަލްޓީ، ސްޓެލްކޯގެ ކެޕްޓަން އަދި ގޯލްކީޕަރު ހައްވާ ޝުފެއިހާ ވަނީ މަތަ ކޮށްފަ އެވެ.
އަލުން ކުޅުން ފަށައިގެން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ ފަހު ލަނޑު ޖަހައިދިނީ މަރިޔަމް ވިޝާޔާ ވިލްދާން (ނޮންނި) އެވެ.
ނުވަ ޓީމާ އެކު، ކުރިއަށް ގެންދިޔަ ގުރޫޕް ސްޓޭޖުން ސެމީ އަށް ދަތުރު ކުރީ ދެ ގުރޫޕަށް ބަހާލައިގެން، ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކްލަބް ވަނީ ގުރޫޕް އޭގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނަ ހޯދީ އެސްޓީއޯ އެވެ. ދެ ޓީމު ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލި ނުވެ ޖުމްލަ 10 ޕޮއިންޓް ހޯދައިފަ އެވެ. ޕްރިޒަން ކުރި ހޯދީ ގޯލްގެ ތަފާތުންނެވެ.
ގުރޫޕް ބީގެ އެއްވަނަ ހޯދީ ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓް ހޯދި ކްލަބް އެޗްޑީސީ އެވެ. ހަ ޕޮއިންޓާ އެކު ދެވަނަ ހޯދީ ސްޓެލްކޯ އެވެ. މި ގުރޫޕްގައި އޮތް މިދިޔަ އަހަރުގެ ރަނަރަޕް ވަނީ އެއް ޕޮއިންޓާ އެކު ސެމީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓައިފަ އެވެ.
ފައިނަލްގައި ސްޓެލްކޯ ނުކުންނާނީ އެޗްޑީސީ އާއި އެސްޓީއޯ ބައްދަލު ކުރާ ސެމީ ފައިނަލްގެ ފަހު މެޗުން މޮޅުވާ ޓީމަކާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ބަލިކޮށް ސްޓެލްކޯ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ