އެމްޑީޕީން ފެހި "ޑިމޮކްރަސީގެ ތާކިހާ" ހެޔޮވަރު: އަބްދުﷲ ޝާހިދު

ރައީސް މުހައްމަދު ވަހީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް އެމްޑީޕީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ. އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ފެށުމަށް ގިނަ އަދަދެއްގެ ބަޔަކާއެކު ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ވަހީދަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ އެމްޑީޕީން ފަހާފައިވާ "ޑިމޮކްރަސީގެ ތާކިހާ" އެ ޕާޓީ އަށް ބޮޑޭ ރައީސް ވަހީދު ވިދާޅުވިއަސް އެ ވާހަކަ ރައްޔިތުން ބަލައިގެންފައި ނުވާ ކަމަށެވެ. އެކަމަކު ހެއްކަކީ އިންތިހާބުގައި އެމަނިކުފާނަށް 10،000 ވޯޓު ވެސް ދޭން ރައްޔިތުން ދެކޮޅު ހެދުން ކަމަށް ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ފެހި ޑިމޮކްރަސީގެ ތާކިހާ އަޅުގަނޑުމެންނަށް ހެޔޮވަރު. އަޅުގަނޑުމެން މިތިބީ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ވެސް ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ތައްޔާރަށް،" ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީގެ ޖަލްސާތަކުގައި ވާހަކަ ދައްކަވާއިރު އާއްމު ގޮތެއްގައި އެއްވެސް ބޭފުޅަކަށް ފާޑުވިދާޅުވެ ނޫޅުއްވާ ޝާހިދު ރޭ ޔާމީނަށް ވިދާޅުވީ ސާފު ބޯފެނުގެ މައްސަލަ ހައްލުކުރަން އޭނާގެ ވިސްނެވުމަކީ ރައްޔިތުންނަށް ކަޅު ހަން ހޯދައިދިނުން ކަމަށެވެ. ޓީވީއެމްގެ ބަހުސްގައި ބޯފެނުގެ މައްސަލާގައި ސުވާލުކުރުމުން ޔާމީން އެގޮތަށް ވިދާޅުވި ނަމަވެސް ރައްޔިތުން މިހާރު ކަޅު ހަން ބޭނުން ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިއަދު ކަޅުހަމެއް ބޭނުމެއް ނުވޭ. ދިވެހި ރައްޔިތުން ބޭނުން ވަނީ ގޭގެ އަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހޮޅި ގުޅާލަ ދިނުމަށް. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ކަޅުހަމަށް ބުނާނީ ނޫނެކޭ. އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ގުޅައިދޭނީ ހޮޅި،" ޝާހިދު ވިދާޅުވި އެވެ. ސިއްހީ ހިދުމަތާ ގުޅޭގޮތުން ޔާމީނާ ސުވާލުކުރުމުން ވެސް ހައްލަކަށް ދެއްކެވީ އައިޖީއެމްއެޗު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރެއްވުން ކަމަށާއި އެ ހޮސްޕިޓަލު ހުރި ހާލަތުގެ ހޮސްޕިޓަލެއް އެޅުމުން ސިއްހީ ހިދުމަތް އޮންނާނެ ހާލަތާ ދޭތެރޭ ޝާހިދު ސުވާލު އުފެއްދެވި އެވެ. "އައިޖީއެމްއެޗު ހުރި ހާލަތު މިހާރު އެނގިވަޑައިގަންނަވާތޯ؟ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުން،" ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ހޮސްޕިޓަލްތައް ގާއިމްކޮށް އައިޖީއެމްއެޗުގެ ހާލަތު ރަނގަޅުކުރުމަށް ނަޝީދު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ ތެރެއިން 95،000 އަށް ވުރެ ގިނަ މީހުން ވޯޓުދީފައި ވަނީ ވަރަށް ގިނަ ކަންތައްތަކަށެވެ. އެއީ ސާފު ބޯފެނާއި ސިއްހީ ހިދުމަތާއި ޓޫރިޒަމާއި ދަނޑުވެރިކަމަކާއި މުނިފޫހިފިލުވުމާއި އޯގާތެރި ސަރުކާރަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުން ވަނީ އެމްޑީޕީގެ ސިޔާސަތުތައް ހިންގުމަށް ކަމަށާއި އެކަން ބަދަލުކުރަން ބޭނުންވާ ބަޔަކަށް ރާއްޖޭގައި ފުރުސަތެއް ނެތެވެ. ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބަހުގެ ހަމަލާތައް ވެސް ވަނީ ޕީޕީއެމަށް އަމާޒުކުރައްވައިފަ އެވެ. އެގޮތުން ޕީޕީއެމުން ކުރާނީ "އާއިލީ ވެރިކަމެއް" ކަމަށާއި އެމްޑީޕީން ކުރާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި އެވެ. މާރިޔާ ސިފަކުރެއްވި ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރަކީ އެ ޕާޓީން ކުޅުނު "ކޮލިފައި މެޗެ"ވެ. އެ މެޗުގައި ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި ދެ ވަނަ ބުރުގައި ފައިނަލަށް ކުޅޭއިރު މާގިނަ ވޯޓު ލިބޭނެ ކަމަށް ވިދާޅުވި އެވެ. ޔާމީނަށް ފާޑުވިދާޅުވެ މާރިޔާ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނުއިރު، އެއްވެސް ގެއަކަށް ވަދެ ވޯޓެއް ދެއްވުމަށް ރައްޔިތަކު ގާތުގައި ޔާމީން އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން ފައިނަލް މެޗު ވަރަށް ސާފު އަޣުލަބިއްޔަތަކުން ނަޝީދު ކާމިޔާބުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ސެޕްޓެމްބަރު 28 ގައި އިންތިހާބުގެ ދެ ވަނަ ބުރު ބާއްވާއިރު ނަޝީދާއި ޔާމީން އަޅާކިރާލަން ޖެހޭ ކަމަށެވެ. ނަޝީދަކީ އާއްމު ރައްޔިތުންގެ ރައީސް ކަމަށާއި ޔާމީނަކީ "ތުއްތު ދޮންބެގެ ތުއްތު ކޮއްކޮ" ކަމަށް ވިދާޅުވި އެވެ. ޔާމީން ވެރިކަމަށް ވަޑައިގަތުމަކީ އާއިލީ ވެރިކަން އިއާދަވުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވޯޓު ދިން މީހުން ދެ ވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދުކުރާނެ ކަމަށާއި އެ ސަބަބުތައް އެމްޑީޕީގެ މެނިފެސްޓޯގައި ލިއެފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އެމްޑީޕީ އަށް އެއް ބުރުން ކާމިޔާބު ނުވީ އަލީ ވަހީދު ވިދާޅުވި ގޮތުގައި "ބެލްޓު އަޅުވައިގެން ތިއްބައި ފުވައްމުލަކު ކައިރީގައި ޓްރާންސިޓް ކުރަން" ޖެހުމުންނެވެ. ރައީސް ނަޝީދު އެޅުއްވި އެއާޕޯޓުން މީހުން ނަގައިގެން ބާރަށް ގޮސް އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ