އައްޑޫ ސިޓީން އިރުއިރު ކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި

އައްޑޫ ސިޓީން އިއްޔެއިން ފެށިގެން އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެންދާތީ ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެއިން ފެށިގެން އައްޑޫ ސިޓީގެ އެކި ހިސާބުތަކުން އެކި ގަޑިގަޑީގައި ކަރަންޓު ކަނޑައިގެންދަމުންދާ ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވަމުންދާ ކަމަށެވެ.
"މިއީ އެންމެ ހޫނު ގަދަ އެއްދުވަސްވަރު، ދުވާލުގަޑީގައި ކެތް ކޮށްލެވެނީއެއް ނޫން، އަނެއްކޮޅުން އިރުއިރުކޮޅުން ކަރަންޓުދާތީ އިލެކްޓްރިކު ބައެއް ސާމާނުތަކަށް ވެސް މައްސަލަ ދިމާވަމުންދަނީ" އެމީހާ ބުންޏެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސަދަން ޔުޓިލިޓީސް ހިންގުމާއި ހަވާލުވެ ހުންނެވި އަބުދުﷲ ޒުހައިރު ވިދާޅުވީ އައްޑު ސިޓިގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެންދަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮސްދޭން ބޭނުން ކުރަމުން ގެންދިޔަ ހަ ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނެރޭޓަރެއް ހަލާކު ވެގެން ކަމަށެވެ.
" ދެ ޖަނަރޭޓަރެއް މައްސަލަ ޖެހުމުން އެހެން މިދިމާވަނީ، ދެން މިއަދު އަޅުގަނޑުމެންވާނީ ގޭގެއަށް ނޯޓިސް ވެސް ފޮނުވާފައި، މިދަނީ ގަޑިއެއްހާ އިރަށް އަބަދުވެސް ކޮންމެވެސް އެއް ސަރަހައްދަކުން ކަރަންޓު ކަނޑާލަމުން. އިއްޔެ މައްސަލަ ޖެހުމުން ބަލާފައި އަޅުގަނޑުމެން ވާނީ ސްޕެއާތައް ހޯދަން އަންގާފައި ދެން އެތަކެތިވަނީ ލިބިފައި. މިހާރު އަޅުގަނޑުމެން މިދަނީ ޖަނަރޭޓަރުތައް ރޫޅައިގެން އެތަކެތި އާ ކުރުމުގެ މަސައްކަތް ކުރަމުން. މާދަމާ ހެނދުނަށް އެއް ޖަނަރޭޓަރު ހެދޭނެ. އޭރުން ކޮންމެވެސް ވަރަކަށް ހައްލުވާނެ." ޒުހައިރު ވިދާޅުވިއެވެ.
"2.8 މެގަވޮޓު މިހާރު ހަތަރު ޖަނަރޭޓަރުން މިއުފައްދާދެނީ. އެކަމަކު ބޭނުންވޭ އެބަ 3.5-3.7 ދޭތެރޭ މެގަވޮޓު. އަސްލު ކަނޑާލާކަށް ނުޖެހޭނެ ރައްޔިތުން އެވަރު ވިސްނައިގެން މިދަނޑިވަޅުގައި ބޭނުން ކުރަމުންދާ ނަމަ. ރޭގަނޑު 12 ގެ ފަހުން މާބޮޑު މައްސަލަތަކެއް ދިމައެއް ނުވާނެ." ޒުހައިރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ގަމާއި މަރަދޫއާއި ފޭދޫއާއި މަރަދޫފޭދޫއާއި ހިތަދޫއަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ ސަދަން ޔުޓިލިޓީސްއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ