ފެންޓަސީގެ ޝަކުވާކޮށްގެން ވަކިކުރި މުވައްޒަފަށް ބަދަލު ދިނުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި
ބޭކާސް ފެންޓަސީން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކުރާތީ އެކަމުގެ ޝަކުވާކޮށްގެން ވަޒީފާއިން ވަކިކުރި މުވައްޒަފަށް އެކަމުގެ ބަދަލު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ފެންޓަސީ ބޭކަރީ 2011 ވަނަ އަހަރުގެ ތެރޭގައި ބަންދުކުރި އެވެ. ނަމަވެސް ފަހުން އެތަން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެ މައްސަލައިގައި އެތަނުގެ ކޭކް ޑެކަރޭޓަރު ޒިދުނާ އަލިމަނިކު ވަޒީފާއިން ވަކިކުރުމުން އެކަމުގެ ބަދަލެއްގެ ގޮތުން 24،000ރ. އޭނާއަށް ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެހެންވުމުން ފެންޓަސީން މައްސަލަ އިސްތިއުނާފްކުރީ އެވެ. އިސްތިއުނާފީ މަރުހަލާގައި ޓްރައިބިއުނަލްގެ ނިންމުންތައް ބަލާ ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޒިދުނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށްކަން ސާބިތުކޮށްދިނުމަކީ ފެންޓަސީގެ ޒިންމާއެއް ކަމަށްވާއިރު އެކަން އެ ފަރާތަށް ކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ޓްރައިބިއުނަލްގެ އެ ނިންމުމަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ އަމުރެއް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. ޒިދުނާ ކުރިން ބުނެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފެންޓަސީ ބޭކަރީގައި މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާތީ އެ ޝަކުވާ ހުށަހެޅުމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ