ހއ. އަތޮޅުގައި ބައިނަލްއަގުވާމީ ޑޮކް ޔާޑެއް ބިނާކުރާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހއ. އަތޮޅުގައި ބައިނަލްއަގުވާމީ ޑޮކް ޔާޑެއް ބިނާކުރާނެ ކަމަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. އުތުރުގެ އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޑޮކް ޔާޑު ތަރައްގީކުރާނީ އިހަވަންދޫ ކައިރީގައި އޮންނަ ދިގުފަޅުގައި ކަމަށެވެ. ރާއްޖެ ހުރަސްކޮށް ގިނަ އަދަދެއްގެ ބޯޓު ދަތުރުކުރާއިރު ރާއްޖޭގައި ޑޮކް ޔާޑެއް އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޑޮކް ޔާޑުން 50 ޕަސެންޓް ވަޒީފާ ދިވެހިންނަށް ދޭންޖެހޭނެ ކަމަށް ޝަރުތުކުރާނެ ކަމަށާއި އެ މަސައްކަތުގެ ސަބަބުން ހއ. އަތޮޅު "ދިއްލިގެން ދާނެ" ކަމަށް ގާސިމް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލައިގެން ތަރައްގީކުރަން ހިޔާލުކޮށްފައިވާ ޑޮކް ޔާޑް ކުއްޔަށް ދޭނީ 99 އަހަރަށް ކަމަށާއި އެތަނުން 25 އަހަރު ވަންދެން އިންކަމް ޓެކްސް ނުނަގާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "€œއެތަނަކީ ސުޕަ ޓޭންކް ފަހަރަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް ވާނެ،" ގާސިމް ވިދާޅުވި އެވެ. އެ ޑޮކް ޔާޑުގައި ބޯޓްފަހަރު ބަނުމާއި ޑޮކްކުރުމުގެ ހިދުމަތްތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިހަންވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާނެ ކަމަށް ވެސް ގާސިމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ދިއްދޫ ހިއްކާފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ގާސިމް މިރޭ ތައުރީފުކުރެއްވިއިރު، އެމްޑީޕީ އަށާއި ނަޝީދަށް ފާޑުވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ "އަނެއް ދިވެހިރާއްޖެ" އަކީ "ޖާހިލިއްޔަ ޒަމާނުގެ ރާއްޖެއެއް" ކަމަށާއި އެ ރާއްޖެއަށް ދާން ބޭނުންނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ