ދަތުރުކުރި ރަށްރަށުން އަޅުގަނޑަށް މުޅިން ވެސް ފެނުނީ ތާއީދު: މައުމޫން

ދަތުރުފުޅުގެ މަގްސަދު ވަރަށް ބޮޑަށް ހާސިލްވި ކަމަށާއި ހީވެސް ނުކުރައްވާ ވަރަށް ތާއީދު ލިބިވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީޕީއެމްއަށް ތާއީދު ހޯއްދެވުމަށް ލ. އަތޮޅަށާއި ތ. އަތޮޅަށް ދަތުރު ނިންމާލެއްވުމަށްފަހު ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެ، ކަމެއް ކުރި ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. "ދަތުރުގެ މަގްސަދު ވަރަށް ބޮޑަށް ހާސިލްވި. ހީވެސް ނުކުރާހާ ބޮޑަށް ހާސިލްވި. އަޅުގަނޑަށް ހަމަ މުޅިން ވެސް ފެނުނީ ތާއީދު. އެއްވެސް ބަޔަކު އަޅުގަނޑާ ދެކޮޅަށް އެއްޗެއް ބުނާ ތަނެއް، ކަމެއް ކުރާ ތަނެއް ނުފެނޭ،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑަށް ފެނުނު ތާނގައި ވަރަށް ގިނަ ރައްޔިތުން އަޅުގަނޑަށް ވެސް ތާއީދުކުރައްވާ. އަޅުގަނޑުމެން އުފައްދަން އުޅޭ ޕީޕިއެމް އަށް ވެސް ތާއީދުކުރައްވާ." ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް އިވިވަޑައިގަތީ ޝަކުވާގެ އަޑު ކަމަށާއި ސަރުކާރާ މެދު އެއްވެސް މީހަކު ރަނގަޅު އެއްޗެއް ބުނި އަޑު ނާއްސަވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ރަށަކުން ވެސް އިވިވަޑައިގަތީ ސަރުކާރަށް ކަންތައްތައް ނުވާ ކަމުގެ ޝަކުވާ ކަމަށެވެ. އަދި ހިދުމަތްތައް ހުއްޓިފައިވާ ވާހަކަ އާއި އާމްދަނީ ނުލިބޭ ކަމުގެ ޝަކުވާ ވެސް އިވިވަޑައިގެންނެވި އިރު ސަރުކާރާ މެދު އެއްވެސް މީހަކު ރަނގަޅު ބަހެއް ބުނި ވާހަކަ އިވިވަޑައިނުގަންނަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ދިޔަ އެއްވެސް ތާކުން ޝަކުވާގެ އަޑު ނޫން އަޑެއް ނީވޭ. ކަންތައްތައް ނުވާ ވާހަކަ. އާމްދަނީ ނުލިބޭ ވާހަކަ. މަސައްކަތްތައް ހުއްޓިފައި އޮތް ވާހަކަ. ހޮސްޕިޓަލްތަކުގެ ހިދުމަތް ނުދެވޭ ވާހަކަ. މިހެން ގޮސް ދަންނަވާފަ ނުދަންނަވާނެ ވާހަކައެއް ނެތް. އެއްވެސް މީހަކު [ސަރުކާރާ މެދު] ރަނގަޅު އެއްޗެއް ބުނާ އަޑެއް އަޅުގަނޑު ނާހަން،" މައުމޫން ވިދާޅުވި އެވެ. ޕީޕީއެމްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އުފައްދަން ޖެހުނީ ވަރުގަދަ، ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުމުން ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮންނަންޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑަށް މިހާތަނަކަށް ފެނިފައެއް ނެތް އެކަހަލަ [ސަރުކާރު ޒިންމާދާރު ކުރެވޭނެ ފަދަ] ޕާޓީއެއް. އެހެންވީމަ ޕީޕީއެމް މި އުފެއްދީ. އެއީ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނާ އަދި މާތް ވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ހުރިހާ ކަމެއް ހިނގަމުން ދިއުން. އަދި ޑިމޮކްރަސީގެ ރީތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައް ހިނގަމުން ދިއުން،" މައުމޫން ވިދާޅުވި އެވެ. "ވަރުގަދަ ޒިންމާދާރު ޕާޓީއެއް އޮންނަންޖެހޭ. އެއީ ސަރުކާރު ޒިންމާދާރުކުރުވުމަށް." ޑީއާރްޕީއާ ގުޅޭ ގޮތުން މައުމޫން ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ އެ ޕާޓީން ނޫސް ބަޔާނެއް ނެރެފައި އޮތުމުން އެކަމާ ގުޅިގެން މައުމޫން ވިދާޅުވީ އެއްވެސް އިރެއްގައި ހަގީގަތާ ހިލާފް އެއްވެސް ވާހަކައެއް ދައްކަވާފައި ނޯންނާނެ ކަމަށެވެ. އަދި ޕީޕީއެމް އުފެއްދި ގޮތުގެ ވާހަކަ ދައްކަވަމުން "ބައެއް ވާހަކަތައް ބުނެފައި" ހުންނާނެ ކަމަށާއި ނަމަވެސް ބަޔަކު ބަދުނާމު ކުރުމަށް ނުވަތަ ހަގީގަތާ ހިލާފް ވާހަކައެއް ވިދާޅުވުމަށްޓަކައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. "ޕީޕީއެމް އުފައްދަން ޖެހުނު ސަބަބާ ބެހޭ ގޮތުން ވާހަކަ ދެއްކި އިރު ބައެއް ވާހަކަތައް ބުނެފައި ހުންނާނެ، ކަންތައްތައް ދިޔަ ގޮތުގެ ވާހަކަ. އެއީ އެއްވެސް ހާލެއްގައި ބަޔަކު ބަދުނާމުކުރަން ވެގެން ނުވަތަ ހަގީގަތާ ހިލާފް އެއްޗެއް ބުނަންވެގެން ދެއްކި ވާހަކައެއް ނޫން،" މައުމޫން ވިދާޅުވި އެވެ. "ފަހަރެއްގައި އަޅުގަނޑު ބުނި އެއްޗެއް ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އެއްޗެއް ވިދާޅުވި ކަމަށް ވެދާނެ. އޭގައި ދެން އަޅުގަނޑުގެ މައްސަލައެއް ނެތް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ