ޕޫޖާ ބަޓްގެ ފިލްމަށް އުނޫޝާ ކިޔައިދިން ލަވަ ނުކުމެއްޖެ، އެކަމަކު ހިންދީ ލަވައެއް ނޫން!

މަރިޔަމް އުނޫޝާ ހިންދީ ފިލްމަކަށް ލަވައެއް ކިޔައިދޭ ޚަބަރު ފެތުރުމުން ހަގީގަތުގައި ގިނަ ބަޔަކު ވަރަށް އުފާވި އެވެ. އެއީ ދިވެހިން އެ ލަވަކިޔުންތެރިޔަކަށްޓަކައި ފަޚުރުވެރިވާ އުނޫޝާ އަށް، ދިވެހިން އަބަދު އެތަނެއްގެ ވާހަކަ ދައްކާ މަޝްހޫރު ބޮލީވުޑުން ފުރުސަތެއް ލިބުނީމަ އެވެ. އެކަމާ ހަސަދަވެރިވާނެ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަމަކު ވެސް އުނޫޝާ އަށް ޕޫޖާ ބަޓްގެ "ޖިސްމް 2" އިން ފުރުސަތު ލިބުމުން ގިނަ ދިވެހިންތަކެއް ތިބީ އެމީހުންގެ ގިރުވާނު މައްޗަށް ހިއްލާލައިގެން، އެ ލަވަ ނުކުންނާނެ އިރަކަށް އިންތިޒާރުކޮށްލަ ކޮށްލަ އެވެ. ބޮލީވުޑްގެ ފިލްމަށް ކިޔައިދޭން ޖެހޭ ލަވަ އުނޫޝާ މިހާރު ރިކޯޑްކޮށް ނިންމިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެ ލަވައިގެ އޯޑިއޯ އެންމެ ފަހުން މިއަދު ރަސްމީކޮށް އާންމު ކޮށްފި އެވެ. ގިނަ އަދަދެއްގެ ދިވެހިން އެ ލަވަ މިހާރު އަޑުވެސް އަހައިފި އެވެ. އަދި އެތައް ބަޔަކު އުނޫޝާ އަށް ތައުރީފްކުރަމުން އެ ލަވަ ސޯޝަލް ނެޓްވޯކްތަކުގައި ޝެއާ ވެސް ކުރަމުން އެބަގެންދެ އެވެ. ނަމަވެސް އުނޫޝާ އާއި އޭނާގެ މިއުޒިކް ޕްރޮޑިއުސަރު ބާޗީގެ މި މަސައްކަތާ މެދު އެހާ ހިތްހަމަނުޖެހޭ އެހުންތެރިން ވެސް އެބަތިއްބެ އެވެ. އެއީ ފަހަރެއްގައި މި ލަވަ "ބޮޑީގާޑް" ފިލްމުގެ "ތޭރީ މޭރީ، މޭރީ ތޭރީ" ފަދަ "ޕްރޭމް ކަހާނީއަކަށް" ނުވީމަ ކަމަށް ވެސް ވެދާނެ އެވެ. ގިނަ ދިވެހިން އިންތިޒާރުކުރަމުން އައީ އޫނޫޝާގެ "ހިންދީ" ލަވައަކަށެވެ. އެކަމަކު "ޖިސްމް 2" އަށް ބާޗީ އުފައްދާފައި ވަނީ ހައުސް ލަވައެކެވެ. ނުވަތަ އިލެކްޓްރޯނިކް ޑާންސް ލަވަ އެކެވެ. އެއީ އިނގިރޭސި ލިރިކްސް ހިމެނޭ "ހޭ ވައްލާ" އެވެ. އަނެއްކޮޅުން މިއީ އާ ލަވައެއް ވެސް ނޫނެވެ. މިއީ 2011ގެ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯގައި ޕާފޯމްކުރުމަށް ބާޗީ އާއި އުނޫޝާ ހެދި ލަވައެކެވެ. އުނޫޝާގެ "ހޭ ވައްލާ" އުނޫޝާގެ ފިރިމީހާ އަދި މެނޭޖަރު އިބްރާހިމް ހަމީޝް ބުނީ މުޅިން އާ ލަވައެއް ފިލްމަށް އުފެއްދުމުގެ ފުރުސަތު ނުލިބުނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މާ ކުރިން "ހޭ ވައްލާ" އިޚްތިޔާރުކުރުމުން ކަމަށެވެ. "ހޭ ވައްލާ" އަކީ ބާޗީ އާއި އުނޫޝާ ޕޫޖާ އަށް ހުށަހެޅި ފުރަތަމަ ޑެމޯ ޓްރެކްތަކުގެ ތެރޭގައި ހިމެނި ލަވައެކެވެ. "އެމީހުން އެދުނީ ޑެމޯގެ ގޮތުގައި ފޮނުވި (ހޭ ވައްލާ) އިތުރަށް ވަރުގަދަކޮށްލަން. އޭތި ހަމަ ވަރަށް ސަޅިއޯ، އެމީހުން ބޭނުންވާ ގޮތަށޯ އޭތި އިނީ ވެސް،" ހިންދީ ފިލްމަށް އުނޫޝާ ރިކޯޑްކުރި ލަވައާ ބެހޭ ގޮތުން ހަމީޝް ބުންޏެވެ. "އެމީހުން ބޭނުންވީ 100 ޕަސެންޓް ދިވެހި އުފެއްދުމެއް ފިލްމަށް ލާން. ދެން ފުރަތަމަ ދިން ސާމްޕަލްތަކުގެ ތެރޭގަ ހިމެނި ލަވައެއް މިއީ. އެމީހުންނަށް މާ ކަމުދިޔައީ މި ލަވަ." ބައެއް މީހުންނަށް "ޖިސްމް 2" ގައި ހިމެނި "ދިވެހި އުފެއްދުން" ކަމުނުދިޔައީ އެހާ ދިވެހި ވެސް ނުވީމަ އެވެ. އަނެއް ބަޔަކަށް މި ލަވަ ކަމުނުދިޔައީ އެހާ ޑިސްކޯވީމަ އެވެ. އަދި މުޅިން އާ އުފެއްދުމަކަށް ވެސް ނުވީމަ އެވެ. ދެން ތިބި މީހުންނަށް ކަމުނުދިޔައީ ލަވަކިޔުންތެރިއެއްގެ ގޮތުގައި އުނޫޝާގެ މާ ގިނަ ހުނަރުތަކެއް ލަވައިން އިވިގެން ނުދިޔައީމަ އެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ބޭނުންވި ކަމަކީ އުނޫޝާގެ ލަވަކިޔުމުގެ ފެންވަރު ބޮލީވުޑަށް ދައްކާލުމެވެ. އެ ވެސް އަދި ހިންދީ ލަވައެއް ކިޔައިގެންނެވެ. އެފަދަ ލަވައަކަށް "ހޭ ވައްލާ" ނުވިޔަސް ހައުސް ލަވަތަކަށް މަރުދޭ މީހުންނަށް ބާޗީ އާއި އުނޫޝާގެ މި ލަވަ ކަމުދާނެ ކަމާ މެދަކު ސުވާލެއް ނުއުފެދެ އެވެ. ހަމީޝް ބުނީ ފިލްމުގެ ޕްރޮޑިއުސަރުގެ އެދުމުގެ މަތިން "ހޭ ވައްލާ" އަށް ކުދި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް އޮރިޖިނަލްގެ އަސްލު އަދިވެސް ނުގެއްލޭނެ ކަމަށެވެ. ކުރީގެ ލަވައާ ހިލާފަށް ފިލްމަށް ރިކޯޑްކުރި ލަވައިގައި ވަނީ ދެ ވާސްއާ އެކު ބްރިޖެއް ވެސް ހިމަނައިފަ އެވެ. ލަވައިގެ ލިރިކްސް މުޅިން އިނގިރޭސިން ތައްޔާރުކޮށްފައިވާއިރު ކްރެޑިޓް ދަނީ އުނޫޝާ އަށާއި ބާޗީ އަށެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ގޮތާ ހިލާފަށް އުނޫޝާގެ ލަވަ އިވިގެން ދިޔަ ނަމަވެސް އެއީ ހަމަ ފައްކާ ލަވައެކެވެ. އުނޫޝާ އަށް ހިންދީ ލަވައެއް ކިޔުމުގެ ފުރުސަތު ޕޫޖާ ނުދިނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ގައިމު ވެސް އެންމެ ފުރަތަމަ އިއުލާނުކުރީ އުނޫޝާ އަށް ހިންދީ ލަވައެއް ކިއުމުގެ ފުރުސަތު ދޭ ވާހަކަ އެވެ. އަދި އެންމެ ލަވައެއް ވެސް ނޫނެވެ. ދެ ލަވަ އެވެ. ފަހަރެއްގައި އުނޫޝާ ލައްވައި "ހިންދީ" ލަވައެއް ރިކޯޑްކުރަން ޕޫޖާ ބިރުގަތީ ކަމަށް ވެސް ވެދާނެ އެވެ. ހަމީޝް ބުނީ ހިންދީ ލަވައެއް ރިކޯޑްކުރުމުގެ ފުރުސަތު ދޭ ވާހަކަ އެންމެ ފުރަތަމަ ދެއްކި ނަމަވެސް އެމީހުން ފަހުން ބޭނުންވީ އެންމެ ފުރަތަމަ އުނޫޝާ ބޮލީވުޑަށް ޕްރޮމޯޓްކުރުމަށް ކަމަށެވެ. އުނޫޝާ އާއި ބާޗީގެ ލަވަ ފިލްމުގައި ހިމަނާނެ ކަމުގެ ގެރެންޓީ ދީފައިވާއިރު އެ ލަވަ ފެނިގެން ދިއުމުގެ ފުރުސަތު ބޮޑީ ޕާޓީ ސީންއަކުންނެވެ. ސަބަބަކީ އެ ލަވަ އަކީ އެފަދަ މާހައުލަކަށް އެންމެ ފައްކާވާނެ ލަވައަކަށް ވީމަ އެވެ. އަންނަ އޯގަސްޓް މަހު "ޖިސްމް 2" ސިނަމާތަކަށް ނެރުމާ އެކު އުނޫޝާ އާއި ބާޗީގެ މި ލަވަ ހިޓަކަށް ވެއްޖެ ނަމަ އެ ދެމީހުންނަށް ބޮލީވުޑުން އިތުރު ފުރުސަތުތަކެއް ލިބުން އެކަށީގެންވެ އެވެ. މި ފިލްމު ސިނަމާތަކަށް ނެރޭނީ އޯގަސްޓް 3 ގަ އެވެ. މި ފިލްމުގައި އުނޫޝާގެ ލަވައާ އެކު ޖުމްލަ ހަތް ލަވަ ހިމެނެ އެވެ. އެކްޓަރު ޑީނޯ މޯރެއާ އާއެކު ޕޫޖާ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ވެސް ޕޫޖާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ޕޫޖާގެ ބައްޕަ މަހޭޝް ބަޓް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ