މައްސަލަ ބަލާ ގާޒީ ބަދަލު ކުރެވޭނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ލަގެޖުން ރާފުޅިއެއް ފެނުނު މައްސަލަ ބައްލަވާ ގާޒީގެ އަތުން އެ މައްސަލަ ނެގުމަކީ އެތައް ސުވާލެއް އުފެދިގެންދާ ކަމެކެވެ. ސިޔާމްގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒަށް، އެ ކޯޓުން އަންގާފައިވަނީ ސިޔާމްގެ މައްސަލައިގެ ފައިލް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ހަވާލުކުރުމަށެވެ. އެގޮތަށް އެންގީ ސަމީރު ބަދަލުކޮށް ދިނުމަށް އެދި ސިޔާމް، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް ފޮނުއްވި ސިޓީއާ ގުޅިގެން، ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވި ފަހުންނެވެ. ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ސޮއިކުރައްވައި ސަމީރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސިޔާމްގެ މައްސަލައިގެ ފައިލް ނަގަނީ ކޯޓުތަކާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އިސް ގާޒީއަށް ލިބިދޭ ބާރުތައް ތަންފީޒުކުރުމަށާއި ސުޕްރީމް ކޯޓުގެ ސިޓީގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް އަދިވެސް ހާމައެއް ނުކުރެ އެވެ. ކްރިމިނަލް ކޯޓު: ސިޔާމްގެ މައްސަލަ ބައްލަވާ ގާޒީ ވަނީ ބަދަލުކޮށްފައި.---ހަވީރު ފައިލް ފޮޓޯ ކޯޓުތަކާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އިސް ގާޒީންގެ މަސްއޫލިއްޔަތުގެ ތެރޭގައި، މައްސަލަ ބަލާނެ ގާޒީން ކަނޑައެޅުން ހިމެނެ އެވެ. އޭގެ އިތުރުން އިސް ގާޒީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޖުރާއީ ކަންކަމުގައި އެހެން ގާޒީންނަށް ލަފާދީ އެހީތެރެވެދިނުމާއި އިޖުރާއީ އަދި އިދާރީ ކަންކަމުގައި ރެޖިސްޓްރާއަށް އިރުޝާދު ދިނުމާއި، ނިންމުންތަކާއި ހުކުމްތައް ފަނޑިޔާރުންނަށާއި ގާނޫނީ ވަކީލުންނަށް އަދި އާންމުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެ އެވެ. ކޯޓުގެ މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހަޅާ އެ ނޫންވެސް ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ ވެސް އިސް ގާޒީގެ މަސްއޫލިއްޔަތެކެވެ. ސަމީރު ބަދަލުކުރި މައްސަލަ މި މާއްދާގެ ދަށަށް ފެއްތޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް ވިދާޅުވި އެވެ. ގާޒީއަކާ މައްސަލަ ހަވާލުކުރުމަށް ފަހު، އެހެން ގާޒީއަކަށް މައްސަލަ ބަދަލުކުރުމުގެ އުސޫލެއް ނުވަތަ ގަވާއިދެއް ރާއްޖޭގައި އަދި ނެތެވެ. އެހެންވެ މައްސަލަ ބަލާ ގާޒީ ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް ސުއޫދާއި ޝަމީމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އަދި އެ އަމުރުގައި ގާޒީ ބަދަލުކުރާ ސަބަބު ވަރަށް ސާފުކޮށް އެނގެން އޮންނަން ޖެހޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. ސަމީރު ބަދަލުކޮށްދިނުމަށް އެދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަށް ސިޔާމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުގެ ބޭރުން އަމަލު ކުރައްވަފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ގާޒީގެ އަތާއި މޫނުގެ އިޝާރާތުން އެގޮތަށް ދޭހަވާ ގޮތްތަކެއް ހުރުމުން އެ ޝަކުވާ އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް ވެސް ގެންގޮސްފައިވާ ކަމަށް ސިޔާމްގެ އެ ސިޓީގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އެ ގާޒީ ސިޔާމާ މެދު ނުރުހުންތެރިވެ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހަރުކަށި އަދަބެއް އިއްވަފާނެ ކަމަށް، ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފަ އެވެ. މިކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިކަމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ސުވާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތް. ބާރުގަދަ މީހަކަށް ވީމައޭ އެގޮތް ހެދީ، ފައިސާއިންނޭ އެކަން ކުރީ، މިފަދަ ވާހަކަތައް ދެއްކުމަށް ފުރުސަތު ހުޅުވޭ. މިފަދަ ހުރިހާ ތުހްމަތުތަކަކީ ކޯޓުތަކާ މެދު އިތުބާރު ގެއްލޭނެ ކަންކަން،-- ސުއޫދު އެހެންވެ އެފަދަ ގާޒީއަކު މައްސަލަ ބައްލަވައިފި ނަމަ ނުހައްގުން އޭނާ އަށް އަދަބު ލިބިގެން ހިނގައިދާނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާ އިޖުތިމާއީ ގޮތުން ކުރައްވާ މަސައްކަތްތަކަށާއި ރީތި ނަމަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ވެސް ސިޔާމްގެ ވަނީ ސިޓީގައި ވިދާޅުވެފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ "ބާރުގަދަ" ފަރާތަކުން ރާވައިގެން ހީލަތްތެރިކަމާ އެކު، ސިޔާސީ ގޮތުން އުފައްދާފައިވާ ދޮގު ދައުވާއެއް ކަމަށް ވެސް ސިޔާމް ވިދާޅުވެ އެވެ. މިފަދަ މައްސަލައެއްގައި ފިޔަވަޅު އަޅަންޖެހޭނީ ކްރިމިނަލް ކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ނޫން ކަމަށް ސުއޫދު އާއި ޝަމީމް ވެސް ވިދާޅުވި އެވެ. އެ ފަދަ މައްސަލަތައް ބަލައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާންޖެހޭ ގާނޫނީ ޒިންމާ އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަނުގަ އެވެ. އެހެންވެ އުސޫލުން ބޭރުން ސަމީރުގެ މައްސަލަ ގޮސްފައި އޮތުމުން އެކަމުގައި "ނުފޫޒުތަކެއް" އުޅޭ ކަމަށް ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިދެ އެވެ. "މިކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިކަމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ސުވާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތް. ބާރުގަދަ މީހަކަށް ވީމައޭ އެގޮތް ހެދީ، ފައިސާއިންނޭ އެކަން ކުރީ، މިފަދަ ވާހަކަތައް ދެއްކުމަށް ފުރުސަތު ހުޅުވޭ. މިފަދަ ހުރިހާ ތުހްމަތުތަކަކީ ކޯޓުތަކާ މެދު އިތުބާރު ގެއްލޭނެ ކަންކަން. އެހެންވެ މިފަދަ ކަންކަން ހާމަކަން ބޮޑު ގޮތަކަށް ގެންދާންޖެހޭ،" ސުއޫދު ވިދާޅުވި އެވެ. ސިޔާމް: މައްސަލަ ބެއްލެވި ގާޒީ ސަމީރު ނުރުހުންތެރިވެ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހަރުކަށި އަދަބެއް އިއްވަފާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ތުހުމަތުކުރައްވާފައިވޭ. --ހަވީރު ފައިލް ފޮޓޯ ކޯޓުތަކާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ކޯޓުގެ މައްސަލަތައް ލަސްވެގެންނާއި އެކި މައްސަލަތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ ވެސް އިސް ގާޒީގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް މި ނުކުތާގެ ދަށުން ގާޒީ ސަމީރުގެ އަތުން، ސިޔާމުގެ މައްސަލަ ނެގޭނެ ހެއްޔެވެ؟ "ސަމީރުގެ އަތުން މައްސަލަ ނެގީ އެ މައްސަލަ ކުރިއަށް ގެންދިއުން ލަސްވެގެން ކަމެއް އެނގެން ނެތް. އެހެން ސަބަބުތަކެއް [ސިޔާމް] ނަގާފައި އޮތީ. މައްސަލަ ލަސްވެގެން މައްސަލަ އަނބުރާ ނުއެއް ނެގޭނޭ. މައްސަލަ އަވަސް ކުރެވޭނެ ގޮތަށް ފިޔަވަޅުތައް އަޅަން [އިސް ގާޒީއަށް] ޖެހޭނީ. އެ ނޫން ކަމެއް ނުކުރެއްވޭނެ،" ޝަމީމް ވިދާޅުވި އެވެ. ގާޒީންނާ މެދު އަބަދުވެސް ޝަކުވާ އުފުލަ އެވެ. ނަމަވެސް މިފަދަ ގޮތަކަށް މީގެ ކުރިން ގާޒީއެއްގެ އަތުން މައްސަލަ ނަގާފައި ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވެ، ސަމީރުގެ އަތުން މައްސަލަ ނެގުން ޝަމީމް ސިފަކުރައްވަނީ، ސަމީރުގެ ފަނޑިޔާރުކަމުގެ މަސައްކަތަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނުފޫޒު ފޯރުއްވި ކަމަށެވެ. "ސަމީރުގެ މައްސަލާގައި އަމަލުކޮށްފައިވާ ގޮތުން އަޅުގަނޑަށް ގަބޫލުކުރެވޭނީ އަބްދުﷲ ގާޒީ، ސަމީރުގެ ފަނޑިޔާރުކަމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް. އެކަން ޖޭއެސްސީން ބަލަން ވެސް ޖެހޭ،" އޭނާ ވިދާޅުވި އެވެ. ސަމީރުގެ އަތުން މައްސަލަ ނެގީ އެ މައްސަލަ ކުރިއަށް ގެންދިއުން ލަސްވެގެން ކަމެއް އެނގެން ނެތް. އެހެން ސަބަބުތަކެއް [ސިޔާމް] ނަގާފައި އޮތީ. މައްސަލަ ލަސްވެގެން މައްސަލަ އަނބުރާ ނުއެއް ނެގޭނޭ،-- ޝަމީމް މިކަމުގައި އަބްދުﷲ ގާޒީގެ މައްސަލަ، ސަމީރަށް ވެސް ނުވަތަ އާންމު ފަރުދަކަށް ވެސް ޖޭއެސްސީއަށް ހުށަހެޅިދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ފާޑުކިޔުންތައް އިންތިހާއަށް އޮތްއިރު، ސުވާލު އުފެއްދުމުގެ ޖާގަ ދީގެން، ނުވަތަ ސިއްރު ގޮތަކަށް ކަންކަން ގެންދިއުމަކީ މުޅި ނިޒާމުގެ އިތުބާރު ގެއްލޭނެ ކަމެކެވެ. މިކަމަށް އޮތް އެންމެ އަވަސް ހައްލަކީ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުކުރުމުގެ އުސޫލެއް އަވަހަށް ގާއިމުކުރުމެވެ. ނުވަތަ ސުއޫދާއި ޝަމީމް ވިދާޅުވި ގޮތުގައި ހާމަކަން ބޮޑު ގޮތަކަށް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ފަނޑިޔާރު ބަދަލުކުރުމެވެ. ނަމަވެސް އެއީ ވަކި މީހަކަށް އޮންނަ ކަމަކަށް ވެގެން ނުވާނެ އެވެ. އެހެން ނޫނީ ޝަރުއީ ނިޒާމަށް އިތުބާރެއް ނުލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ