އިންޖީނުގެ ހޫނުން "އަކުއިވާ ފުށި" ފެން އުފައްދައި ވިއްކަން ފަށައިފި

އިންޖީނުގެ ހޫނުން ބޯފެން އުފެއްދުމަށް ފެށި މަސައްކަތުގެ ދަށުން "އަކުއިވާ ފުށި"ގެ ނަމުގައި އާ ބްރޭންޑެއްގެ ފެން، ގައުމީ ކަރަންޓް ކުންފުނި ސްޓެލްކޯއިން މިއަދު ތައާރަފް ކޮށްފި އެވެ. އިނގިރޭސިވިލާތުގެ އަކުއިވާ ފައުންޑޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ ދަށުން ތައްޔާރު ކުރާ "އަކުއިވާ ފުށި" ފެން އެންމެ ފުރަތަމަ އުފައްދަން ފެށީ ކ. ގުޅީގައި ސްޓެލްކޯއިން ހިންގާ އިންޖީނުގޭގަ އެވެ. މިދިޔަ އަހަރު ފެށި އެ މަޝްރޫއު ނިންމާލުމަށް ފަހު މިއަދުން ފެށިގެން "އަކުއިވާ ފުށި" ފެން އެ ރަށުގެ ގެތަކަށް ވަނީ ވިއްކަން ފަށައިފަ އެވެ. އެކަން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަކުއިވާ ފައުންޑޭޝަންގެ މެނޭޖިން ޑިރެކްޓަރު ފްލޮރިއަން ވޮލެން ވިދާޅުވީ އިންޖީނުގެ ހޫނުން ފެން އުފެއްދުމަށް ބެހެއްޓި ނިޒާމުން ދުވާލަކު 12 ޓަނުގެ ފެން އުފެއްދޭނެ ކަމަށެވެ. ވޮލެން ވިދާޅުވީ މިއީ އިންޖީނުގެ ހޫނުން ބޯފެން އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ މަޝްރޫއު ކަމަށެވެ. އަދި މިހާރު ބަހައްޓާފައި ހުރި ނިޒާމުން ވެސް އެ ރަށަށް ބޭނުންވާ ވަރަށް ބޯ ފެން އުފެއްދޭނެ ކަމަށް ވެސް ވޮލެން ވިދާޅުވި އެވެ. "މި ނިޒާމް އަޅުގަނޑުމެން އިތުރަށް ތަރައްގީކޮށް ފުޅާ ކުރާނަން. މިހާރު މިހިރަ ސިސްޓަމްގެ ކެޕޭސިޓީ ވެސް އަޅުގަނޑުމެން އިތުރު ކުރާނަން. އޭރުން އަޅުގަނޑުމެންނަށް މި ފެން އުފައްދާ ސްކޭލް ވެސް އިތުރު ކުރެވޭނެ. އެހެން ރަށްތަކުގައި ވެސް މި ނިޒާމުގެ ދަށުން ފެން އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ވޮލެން ވިދާޅުވި އެވެ. މި ސިސްޓަމުން ބޯފެން އުފައްދަނީ އިންޖީނު ފިނި ކުރުމަށް ބޭނުން ކުރާ ފެނާއި އެ އިންޖީނު ހިންގައިގެން ނިކުންނަ އާވިން އުފެދޭ ފެން ބޯން ރައްކާތެރި ފެނަށް ބަދަލުކޮށް ގެންނެވެ. އަދި ބޭނުން ވެއްޖެ ހާލަތެއްގައި އެ ފެނަށް މިނަރަލް ވެސް އިތުރު ކުރެވޭނެ ވަރަށް އެ ރަށުގެ އިންޖީނު ގޭގައި ވަނީ އެ ޓެކްނޮލޮޖީ ފައްކާކޮށްފަ އެވެ. އަކުއިވާ ފައުންޑޭޝަނުން ގުޅީގައި މިވަގުތު ވިއްކަނީ ހަމައެކަނި އެންމެ ބޮޑެތި ފުޅީގައި ފެން ބަންދުކޮށްގެންނެވެ. ވޮލެން ވިދާޅުވީ އެ ރަށަށް ފޯރުކޮށްދޭ ފެނަކީ ބޯން ކަމުދާ ފެނެއްކަން ޔަގީންކޮށް، ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށު ސްކޫލަށް ހިލޭ ފެން ފޯރުކޮށްދޭ އިރު، އާންމުންނަށް ފެން ވިއްކަމުން ދާނީ ވަރަށް ހެޔޮ އަގުތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮޖެކްޓްގެ ބޭނުމަކީ ބޮޑު ފައިދާއެއް ހޯދުން ނޫން ކަމަށާއި ބަޔަކަށް އެހީތެރިވެ ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއަދު އަޅުގަނޑު މިހުރީ ވަރަށް ހިތްހަމަ ޖެހިފައި. މިކަހަލަ ކުޑަ އާބާދީއަކަށް އެ މީހުން ވަރަށް ބޭނުންވެފައިވާ ކަމެއް ކޮށްދެވުނީމައި އަޅުގަނޑަށް ލިބެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ފެނަން އަޅުގަނޑު ނަން ދީފައި މި ވަނީ ވެސް ރާއްޖޭގެ ރީތިކަމާއި ހިތްހަމަ ޖެހުމާ ވެސް ގުޅުވާފައި. މި ފެނުން ރާއްޖޭގެ ރީތިކަމުގެ އިތުރަށް ހިތްގައިމު ރަހަ ވެސް ގެނެސްދޭނެ،" ވޮލެން ވިދާޅުވި އެވެ. ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ގުޅީގެ ރައްޔިތުންނަށް މި ލިބުނީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ރައްކާތެރި ފެން ލިބޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް އިތުރަށް ފުޅާކުރާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޓެކްނޮލޮޖީގެ ސަބަބުން ތިމާވެއްޓަށް ވެސް ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށެވެ. އަދި އެއީ ބޭކާރު ކޮށްލެވޭ ހަކަތައެއް ރަނގަޅު ގޮތުގައި ބޭނުން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއީ މިފަދަ ރަށަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް. މިއީ ވަރަށް މީރު، ދިވެހިންގެ ރަހަތަކާ ވެސް ގުޅޭ ފެނެއް. އަޅުގަނޑު ދަންނަވާނީ ވާރޭ ފެނަށް ވުރެ ވެސް މިފެން މީރޭ. މިއީ މި ރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔަ އެންމެ ބޮޑު ހެޔޮ ކަންތައް-- ޝަކީލާ ގާތްގަނޑަކަށް ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ގުޅީގެ ރައްޔިތުންނަށް ބޯފެން ލިބެން ފެށުމުން އެ މީހުން ވަނީ އުފާވެރި ކަމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ވާރިސް ވިދާޅުވީ މިއީ އެ ރަށަށް އައި އެންމެ އުފާވެރި އަދި ތާރީހީ ދުވަސް ކަމަށެވެ. އަދި އަކުއިވާ ފުށި ފެން މުޅި ރަށަށް ފޯރުކޮށް ދޭން ފަށާފައި މި ވަނީ އެ ރަށް ފެނަށް ވަރަށް ބޮޑަށް އެދި އެދި އޮތް ދަނޑިވަޅެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއީ މި ރަށުގެ ރައްޔިތުންނަށް ހިނިތުން ވުން ގެނެސްދޭނެ ކަމެއް. ހާސްކަމެއް ފިލުވައިދޭނެ ކަމެއް. މި މަޝްރޫ އަށް އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އެހީވާނަން. މި ރަށުގެ ރައްޔިތުން މިތިބީ އެ އުންމީދުގައި،" ވާރިސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ