2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ވަރަށް ކާމިޔާބު އަދި ހުރިހާ ގޮތަކުންވެސް ދެފުށް ފެންނަ އިންތިޚާބަކަށް ވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ވީ ނިވްސްއަށް ދެއްވި ބަސްދީ ގަތުމެއްގައި ފުއާދު ތައުފީގު ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ދެފުއް ފެންނަ އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އެކޮމިޝަނުން މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވަނީ، ވޯޓުލާ މީހުންގެ ލިސްޓް ސައްހަ ކުރުމުގެ މަސައްކަތް ކަމަށާއި، އޭގެ އިތުރުންވެސް، އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކާއި، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ތަކެއްވެސް ހިންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް ބޭނުން ކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން އެކަމަށް ތައްޔާރުވެފައި ނެތުމުން، އެކަން ކުރެވޭ ގޮތް ނުވި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެކޮމިޝަނުގެ މުފައްޒަފުން ކެނޑިނޭޅި ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން އަންނަ ބައި އިލެކްޝަންތަކުގެ ސަބަބުން މަސައްކަތްތައް މަޑުޖެހޭ ކަމަށެވެ.
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށް ބަލާއިރު އެންމެ އަވަހަށްވެސް ރިޔާސީ އިންތިޚާބު ބޭއްވެން އަންނަނީ އަންނަ އަހަރުގެ އޮގަސްޓް 31 ގައި ކަމަށް ވާއިރު، އެދުވަހު އިންތިޚާބެއް ބޭއްވޭނެ ކަމަށް ބަލައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ފުއާދު ތައުފީގު ވިދާޅުވިއެވެ.
2013 ގެ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ދެފުށް ފެންނަ އިންތިޚާބަކަށް ވާނެ: ފުއާދު ތައުފީޤު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ