ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ނެރުއްވެވި ބަޔާނެއްގައި މިއަދު ވިދާޅުވެފައި ވަނީ އަންނަ މާޗް މަހުގެ 30 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު ކާމިޔާބު ކަމާއެކު ފުރުއްވުމުގެ ގާބިލިއްޔަތުކަން ހުރި ބޭފުޅުން ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅެއްގެ އަރިހުގައި ދެމިހުރެ އެ ބޭފުޅަކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް އިރާދަ ކުރެއްވިއްޔާ ކުރާނަމެވެ،" މައުމޫންގެ ބަޔާނުގައި ވެއެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ނުރައްވަން ނިންމެވި ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީ ހަރުދަނާކޮށް ތަރައްގީ ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި ދެމި ހުންނަވާނެ ކަމަށާއި އެ މަސައްކަތުގައި ޕާޓީގެ މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"... ޕީޕީއެމްގެ ޕްރައިމަރީއަށް އަޅުގަނޑު ކުރިމަތިލުމަށް އެދިވަޑައިގެން އެކި ގޮތްގޮތުން ގުޅުއްވި ލޮބުވެތި ހުރިހާ މެންބަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި ޕީޕީއެމްގެ ހުރިހާ މެންބަރުން އަޅުގަނޑަށް ތިޔަ ދެއްވާ ލޯތްބާއި ކުރައްވާ ތާއީދަށްޓަކައި މި ފުރުސަތުގައި ވެސް ތިޔަ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ." މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ރައީސްލް ޖުމްހޫރިއްޔާކަން 30 އަހަރު ދުވަހު ކުރެއްވި ރައީސް މައުމޫން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވަން ނިންމެވި އިރު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ތިން ބޭފުޅެކެވެ. އޭގެ ތެރެއިން އުމަރު ނަސީރާއި އަބްދުﷲ ޔާމީން ގެންދަވަނީ މިހާރު ކެމްޕޭން ކުރައްވަމުންނެވެ. ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެއްވެސް ބޭފުޅަކު ރަސްމީކޮށް އަދި ހުށަހަޅާފައި ނުވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ