މާލެ ތަރައްގީ ކުރަން އިންޑިއާގެ އެހީތެރިކަން ހޯދަނީ

މާލެ ސިޓީ ތަރައްގީކުރުމަށާއި ކައުންސިލްގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބާލާސުބްރަމާނިއަން މިއަދު މަޝްވަރާކުރައްވައިފިއެވެ. މާލެ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މޭޔަރު އާޒިމް ވަނީ، މުއައްސަސާތައް ހިންގުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައިފައެވެ. އަދި ވޭތުވެދިޔަ ދައުރުގައި އިންޑިއާއިން ލިބުނު އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. މޭޔަރު ވިދާޅުވި ގޮތުގައި މި ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކައުންސިލްގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށެވެ. އެގޮތުން، ކުރު މުއްދަތުގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕްރީ-ސްކޫލްތަކުގެ ޓީޗަރުންނާއި ސެން ޓީޗަރުން ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ ޖަވާބުގައި އިންޑިއާގެ ސަފީރު ވަނީ، އައިޓެކް ޕްރޮގްރާމްގެ ދަށުން އިތުރު ތަމްރީނު ފުރުސަތުތައް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ނިމިދިޔަ އަހަރު ވެސް އައިޓެކް މެދުވެރިކޮށް ކައުންސިލްގެ 14 މުވައްޒަފަކު ތަމްރީނުކޮށްފައިވާއިރު، މި އަހަރު ގުޑް ގަވަނަންސްގެ ދާއިރާއިން އެކަކު ވަނީ ތަމްރީނުކޮށްފައެވެ. މީގެ އިތުރުން، އިންޑިއާގެ ޗެންނާއީ ކޯޕަރޭޝަން ފަދަ މުނިސިޕަލް އިދާރާތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު 'ސިސްޓާ ސިޓީ' ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އައުޓްޑޯ ޖިމް ސާމާނު ހޯދުމާއި، އާންމު ތަންތަނުގައި ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މުޖުތަމައަށް ފައިދާހުރި މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ކައުންސިލްގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމަށްފަހު، ސަފީރު ވަނީ މާލެ ސިޓީ ކައުންސިލުން އަލަށް އިމާރާތްކުރާ އޮފީސް ވެސް ބައްލަވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ