ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމަށް ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިވާކަން އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރުކޮށްދީފިއެވެ.
މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ނަޝީދު، ގާސިމް އަދި ނާޒިމް ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ބަހައްޓާ ފޮއްޓަށް ވޯޓްލާށެވެ.
އެބޭފުޅުން ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅިކަން އެބޭފުޅުންގެ ފަރާތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ނަޝީދު، ގާސިމް އަދި ނާޒިމް ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅިކަން އިލެކްޝަންސް ކޮމިޝަނުން ވެސް ކަށަވަރުކޮށެއް ނުދެއްވައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަދި އެކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް "ވަގުތު" އަށް ވިދާޅުވީ ޙުކުމުގައި ތިއްބެވި ފަރާތްތަކަށް ވޯޓް ލެވޭނީ ޖަލުގައި ހުންނަ ވޯޓް ފޮއްޓަށް ކަމަށެވެ.
"ޖަލު ހުކުމް ކޮށްފައިވާ ހުރިހާ ބޭފުޅުންނަށްވެސް ވޯޓް ލެވޭނެ، އެހެން ނަމަވެސް އެބޭފުޅުންނަށް ރީރަޖިސްޓަރ ކުރެވޭނީ އަދި ވޯޓް ލެވޭނީ ޖަލުގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް. މި އިންތިޚާބުގައި ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ޖަލު ފޮށްޓެއް ބަހައްޓާ ގޮތަށް ހަމަޖެހިފައެއް ނެތް" އަކްރަމް ވިދާޅުވިއެވެ.
ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވި ތިން ބޭފުޅުންނަކީ ވެސް ޖަލު ޙުކުމެއްގައި ތިއްބަވާފައި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން އެނބުރި ރާއްޖެ ވަޑައިނުގެން ބޭރުގައުމުތަކުގައި އުޅުއްވާ ތިން ބޭފުޅުންނެވެ.
ރީ-ރަޖިސްޓްރީ ކުރުމަށް ލައްކަ އަކާއި ގާތްކުރާ އަދަދެއްގެ ފޯމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އޭގެތެރޭގައި ސައްހަ ނޫން ފޯމާއި ރިޕީޓްކޮށް ހުށަހަޅާފައިވާ ފޯމްތައް ވެސް ހިމެނެއެވެ.
ނަޝީދު، ގާސިމް، ނާޒިމް ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ