ބަނގްލަދޭޝްގައި ދިރިއުޅޭ މިޔަންމާގެ ރައްޔިތުން އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި..
މިޔަންމާގަަ ރަޚައިން ސްޓޭޓްގައި އެގައުމުގެ ސިފައިން ހިންގި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ގައުމު ދޫކޮށް ދިޔަ ރޮހިންޔާގެ ރައްޔިތުން ބަނގުލަދޭޝްއަށް ހިޖުރަށްކުރިތާ އެއްއަހަރު ފާހަގަކުރުމުގެ ގޮތުން އެއްވެ އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލައިފިއެވެ.މިދިޔަ އަހަރުގެ ތެރޭގައި މިޔަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިންވަނީ ލާއިންސާނީ ބޮޑު ޖަރީމާއެއް ހިންގާފައެވެ. އޭގެ ތެރޭގައި އެމީހުންގެ ގެދޮރުގައި ހުޅުޖަހާ އަންދާލުމާއި، އެއްވެސް ހައްގަކާ ނުލާ އަނިޔާކޮށް މީހުން މަރާލުން ހިމެނެއެވެ. ކުޑަކުދިންނާއި އަންހެނުންނަށްވެސް ބެލުމެއްނެތި ހިންގި މިޖަރީމާގައި އެތައް އަންހެނުންގެ އިތްފަތްތެރިކަން ނަގާލާ އެތައް ކުދިން ޔަތީމް ކޮއްލާފައިވެއެވެ. މިއަނިޔާތަކަށް ކެތްނުކުރެވުމުގެ ސަބަބުން އެގައުމުގެ ހަތްލައްކަޔަށްވުރެ ގިނަ މީހުންވަނީ ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.ބަނގުލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި އެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށް މީޑިއާ ރިފޯޓްތަކުންނާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.މިހާރު މުޅި ދުނިޔޭގައިވެސް ވާ އެންމެ ބޮޑު ރެފިއުޖީންގެ އާބާދީގެ ގޮތުގައި އެމީހުން ވެފައިވާއިރު އޭގެ ތެރެއިން ފަނަރަހާސް މީހުންވަނީ ކޮކްސް ބާޒާރުގެ ކްޓްޕަލޮންގް ރެޕިއުޖީ ކޭމްޕް ކައިރިޔަށް އެއްވެ އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލާފައެވެ. އޭގެ ތޭރޭގައި އެންމެ ބޮޑަށް އެމީހުން އެދިފައިވަނީ ވީހާވެސް އަވަހަކަށް އެމީހުންގެ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށާއި މިޔަންމާގެ ރައްޔިތުންގެ ގޮތުގައި އެމީހުން ބަލައިގަތުގެ އިތުރުން އެމީހުންނަށް އިންސާފު ހޯދައިދިނުމަށެވެ. އެ އެއްވުމުގައި އެމީހުން ވަނީ އެމީހުން އެފަދަ ހާލެއްގައި ޖެއްސި މިޔަންމާގެ ސިފައިންނަށް ހައްގު އަދަބު ދިނުމަށާއި އެމީހުންނަށް އެހީތެރިވުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ގޮވާލާފައެވެ. އަދި އެމީހުން ބޭނުންވަނީ ބައިނަލްއަގްވާމީ ކޯޓްތަކުން މިޔަންމާގެ ސިފައިންނަށް ހައްގު އަދަބުދިނުމަށް ކަމަށްވެސް އެމީހުން ގޮވާލާފައިވެއެވެ.ރަޚީން ސްޓޭޓް ދޫކޮށް ރެފިއުޖީންގެ ގޮތުގައި ބަނގުލަދޭޝްއަށް ހިޖުރަކުރި ރައްޔިތުން އެމީހުންގެ ވަޒަނަށް ގެންދިއުމަށް މިދިޔައަހަރު ބަނގުލަދޭޝްއާއި މިޔަންމާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް އެއެއްބަސްވުމަށް މާބޮޑު އަހަމިއްޔަތުކަމެއް ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.ބަނގުލަދޭޝްއާއި މިޔަންމާޔާ ދެގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް މިޔަންމާގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދާންވެސް ޖެހިލުންވެއެވެ. ރަޚީން ސްޓޭޓްގައި ދިރިއުޅޭ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުންގެ ގޮތުގައި ބަލައިގެންފައި ނުވުމުގެ ސަބަބުން ބަނގުލަދޭޝް ދޫކޮށް މިޔަންމާއަށް ދާން ބޭނުންނުވާ މީހުންގެ އަދަދުވެސް މަދެއްނޫނެވެ. އެބުރިގައުމަށް ދިއުމުން އަނެއްކާވެސް އެފަދަ ޖަރީމާއަކާއި ކުރިމަތިވެ ގައުމުން ބޭރުކޮށްލާނެ ކަމަށް މިހާރުވެސް އެމީހުން ގަބޫލުކުރެއެވެ. އެމީހުން ބުނަމުންދަނީ މިޔަންމާއަކީ އެމީހުންގެ މައިންބަފައިންގެ ވެސް ގައުމުކަމަށާއި އަދި އެމީހުންވެސް އުފަންވީ އެތަނަށްކަމަށެވެ. ނަމަވެސް މިޔަންމާގެ ސަރުކާރުން އެމީހުންނަށް އަނިޔާ ދެމުންދާކަމަށާއި، އެމީހުން ތައުލީމާއި އެހެނިހެން ފުރުސަތުތަކުން މަހުރޫމު ކުރުމުގެ އިތުރުން މިސްކިތުގައި އަޅުކަން ކުރުމުގެ ފުރުސަތުވެސް ނުދޭކަމަށެވެ.މިޔަންމާގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާގެ ނަތީޖާއެއްގެ ގޮތުން މިއަދު ބަނގުލަދޭޝްގައި މިޔަންމާގެ ރައްޔިތުން އުޅޭނީ ވަރަށްވެސް ދަތިހާލުގައި ފަގީރުކަމާއި ބަނޑުހައި ހޫނުކަންމަތީގައި އެމީހުންގެ ދުވަސްތައް ހޭދަކުރަމުންދާއިރު އާމްދަނީ ހޯދޭނެ ވަސީލަތްތެއްވެސް އެމީހުންނަށް ލިބިފައިނުވާކަމަށް ބައިނަލްއަގްވާމީ ރިފޯޓްތައް ބުނެއެވެ.މި ޖަރީމާގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއްބަޔަކީ ކުޑަކުދިންނެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ އެކުދިންގެ ކުރިމަތީގައި މައިންބަފައިން ޝަހީދުކޮށްލާފައިވާ ކުދިންނެވެ. ބަނގުލަދޭޝްއަށް ހިޖުރަކުރި އިރު އެއްވެސް އަންނައުނެއް ކާނެ އެއްޗެއްވެސް ނެތް މިކުދިން މިއަދުވެސް ދިރިއުޅެމުންދަނީ އެހާމެ ދަތިހާލުގައެވެ. ރެފިއުޖީ ކޭޕްތަކުގެ ކަންތައްތައް ދިރާސާކުރައްވާ ފަރާތްތަކުން ބުނާގޮތުގައި އެތަނަކީ އެއްވެސް ވަރަކަށް ކުޑަކުދިން ގެންގުޅެން ހެޔޮވާވަރުގެ ތަނެއްނޫނެވެ. ނަމަވެސް އެތަނުގައި ދިރިއުޅޭ އާބާދީގެ 55 އިންސައްތައަކީ ކުޑަކުދިންނެވެ.މިޔަންމާގެ ރަޚީން ސްޓޭޓަށް ނިސްބަތްވާ ގިނަ ބަޔަކު ބަނގުލަދޭޝްގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާއިރު، ދުނިޔޭގެ އެތައް ހިސާބުތަކުގައި ހަނގުރާމައިގެ ސަބަބުން މިފަދަ ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް އާއިލާތަކެއް އެބަތިއްބެވެ. އެމީހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމާއިބެހޭ ފަރާތްކުން ވަނީ ނުކުޅެދިފައެވެ. އެމީހުންގެ ހާލުގެ ދުލުން އެދޭ އެދުންތަކަށް މުޅި ދުނިޔެވަނީ ބީރުކަންފަތެއް ދީފައެވެ. އެމީހުންގެ ލޮލުން އޮހެމުން އަންނަ ވޭނީ ކަރުނައަށް ދުނިޔެ ވަނީ ފުރަގަސްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ