މިއުމުރުފުޅުގައި މައުމޫން ޖަލުގައި ހުންނަވަން ޖެހުމަކީ ހިތާމައެއް - ކަމާލުއްދީން

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް މި އުމުރުފުޅުގައި ޖަލުގައި ހުންނަވަން ޖެހުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ރައީސް މައުމޫންގެ ސިޔާސީ ހަރަކާތުގެ މެމްބަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
"ރައީސް މައުމޫން ބޭއިންސާފުން 6މަސް ޖަލުގައި" ނަމުގައި ކުރިއަށް ގެންދިޔަ މ. ދިއްގަރުގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމާލުއްދީން ވިދާޅުވީ އުއްމީދު ކުރަނީ ވަރަށް އަވަހަށް ރައީސް މައުމޫން ސަލާމަތްވެވަޑައިގެން ވަޑައިގަންނަވާނެ ކަމަށެވެ.
މައުމޫން އަށް ހެޔޮ ދުއާ ކުރައްވާ ކަމަށައި އެމަނިކުފާނު ޖަލުގައި ހުންނެވުމަކީ ހިތާމަކޮށް އަސަރުކުރާ ކަމެއް ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.
ރައީސް މައުމޫން ކުރައްވާ އިސްލާހީ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު މިއަދު ޖަލަށް ލެވިފައި ވީނަމަވެސް، އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ޕުޅަކީ މިއަދަކު އިއްޔެއަކު ފެށްޓެވި މަސައްކަތެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ހަދާންވާގޮތުން 1979 ގައި ހަކުރާގޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި، މާލޭގައި އެކިއެކި ވިޔަފާރިކުރާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި، އެނޫންވެސް ބަސްބުނެވޭކަހަލަ ވަރަށް ގިނަމީހުން އެއްތަން ކުރައްވައިގެން އެމީހުންގެ ލަފާ ހޯއްދަވައިގެން އެމީހުންގެ މަޝްވަރާއާ އެކީގަ އިސްލާހީ އެޖެންޑާއެއް ކަނޑައެޅުއްވައިގެން އެމަސައްކަތްޕުޅު އެންމެ ފުރަތަމަ ކުރިއަށް ގެންދަވަން ފެށްޓެވީ" އޭނާ އިތުރަށް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ