ސަރުކާރުން ކަރަންޓަށް ދޭ ސަބްސިޑީއަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސްޓެލްކޯ އަށް އަންގާ ގޮތެއްގެ މަތިން ކަރަންޓް ބިލުން އުނިކުރެވޭ އެއްޗެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަރަންޓް ބިލަށް ފައިސާ ދައްކަން އަންނަ ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައި ނަގުދު ފައިސާ ދޫކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި އެ ކުންފުނިން ސަބްސިޑީގެ ގޮތުގައި ނަގުދު ފައިސާ އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓަށް ދެމުންގެންދާ ކަރަންޓް ހިދުމަތަށް އަގު ނެގުމަށް މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމަނައިގެން ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެ ކުންފުންޏާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ ކުންފުންޏަށް ކްރެޑިޓް ދޭ ފަރާތްތަކަށާއި އަދި ވިޔަފާރީގެ އެހެން މުއާމަލާތްކުރާ ފަރާތްތަކުން އެ ކުންފުންޏާ މެދު އޮންނަ އިތުބާރު ގެއްލި ތަކެއްޗާއި ހިދުމަތް ހޯދުމުގެ އަގު ބޮޑުވެ، އެ ނޫން ވެސް ގެއްލުންތަކެއް ވާނެ ކަމެއް ކަމަށް ފެންނާތީ އެ ފަދަ ފަރާތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"އަދި މުސްތަގުބަލުގައި މިފަދަ ފަރާތްތަކުގެ ސަބަބުން ލިބޭ އަދި ލިބިދާނެ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރާނެ ވާހަކަ ދަންނަވަމެވެ،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ސްޓެލްކޯ އިން ނެރުނު ނޫސްބަޔާނުގައި، ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަނީ ކޮން ބައެއް ކަމެއް ބުނެފައެއްނުވެ އެވެ. އަދި އެ ދޮގު މައުލޫމާތަކީ ކޮބައި ކަމެއް ވެސް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ނޫސްބަޔާނުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން 2004 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު އެ ކުންފުނި ހިންގާފައި ވަނީ ގެއްލުމުގައި ކަމަށް ބުނެފައިވެ އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ވަނީ ކަރަންޓްގެ ހަމަ އަގަށް ގެނައުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމާ ގުޅޭ ގޮތުން ދިރާސާކުރުމަށްފަހު ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލަކީ އެ ކުންފުނިން ސަރުކާރާ މަޝްވަރާކޮށް، މޯލްޑިވްސް އެނާޖީ އޮތޯރިޓީ އަށް ހުށަހަޅައި ފާސްކޮށްގެން، ރައްޔިތުންގެ ކުންފުނި ހަލާކާއި ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި ވިސްނުންތެރިކަމާއެކު ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
ކަރަންޓް ސަބްސިޑީއަކީ އެންސްޕާ އިން އަންގާ ގޮތެއްގެ މަތިން ކަރަންޓް ބިލުން އުނިކުރެވޭ އެއްޗެއް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ