ޑީއާރްޕީން ބާއްވާ ހަރުގެ ޖަލްސާތަކުގައި ޕީޕީއެމްގެ އެކްޓިވިސްޓުން ހަމަލާތައް ދެމުންގެންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރިޔަސް "ވަރިކުރިފުޅު ކައިރި އަށް ނުދާނެ" ކަމަށާއި "ޕީޕީއެމުން އުޅެމުން އަންނަނީ އެއަށް ވުރެ ހަމަޖެހޭ ދިރިއުޅުމެއް" ކަމަށް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި އޮތް ޕީޕީއެމް ޖަލްސާގައި، އެ ޕާޓީގެ ވަގުތީ ނައިބު ރައީސް އުމަރު، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އަމާޒުކޮށް ވިދާޅުވީ ޑީއާރުޕީގެ ހަރުގެ ދޮށަށް އެއްވަނީ ތަސްމީން ދަރާފައިވާ މީހުން ކަމަށެވެ.
"ތިން ވަނަ ޑިވިޒަންގެ ކުޅުންތެރިއަކާ ދެކޮޅަށް ކޮން މުޒާހަރާއެއްތޯ ކުރެވޭނީ؟ އަޅުގަނޑުމެން މުޒާހަރާއެއް ކުރާ ނަމަ މާ ކުރިން ކުރާނެ...ތަސްމީނާ ދެކޮޅަށް ޕީޕީއެމުން މުޒާހަރާއެއް ނުކުރާނެ،" އުމަރު ވިދާޅުވި އެވެ.
ތަސްމީނުގެ ގެކޮޅާއި ޑީއާރްޕީގެ ޖަގަހަ ކައިރީގައި މުޒާހަރާކުރަނީ ދަރަނި އަދާކުރަން ޖެހޭ މީހުން ކަމަށް ތުހުމްތުކުރައްވައި އެ ދަރަނިތައް އަދާކުރެއްވުމަށް އުމަރު ގޮވާލެއްވި އެވެ.
"އޭރުން އަޅުގަނޑަކަށް ހިއެއް ނުވޭ ދަރަނިބޯ ކިޔައި މަގުމައްޗަކު ދުވާނެހެނެއް،" އުމަރު ވިދާޅުވި އެވެ.
ސަރުކާރު ވެރިކަމަށް އައި ފަހުން ތަކެތީގެ އަގު މައްޗަށް އުފުލިފައިވާކަން އަންގައިދިނުމަށް އުމަރު ރޭ ޕޯޑިއަމަށް އަރާވަޑައިގެންނެވީ އެކި ސައިޒުގެ ކިރު ދަޅާއި ބިހާއި ނޫޑުލްސް ފަދަ ތަކެއްޗާ އެކުގަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކިރުދަޅުގެ އަގާއި މިހާރު ކިރުދަޅުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އޭނާ ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑުގެ މުވައްޒަފުން ހުރިހާ ތަނަކަށް ނެރެގެން ބަލާބަލާ، އެއްވެސް ތަނަކުން ނުފެނުނު ރައީސް ނަޝީދު އެ ވިދާޅުވި އެންމެ ހަތަރު ރުފިޔާ ބޮޑުވި ކިރުދަޅެއް. މަހަކު ދެ ކުދިންނަށް ބޮވޭ ކިރުދަޅެއް،" އުމަރު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހުތުރު ތުހުމަތުތަކެއް ރޭގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމް ވަނީ ކުރައްވައިފަ އެވެ. ރޭގެ ޖަލްސާގައި ރެޑްވޭވް ސަލީމް ވާހަކަދައްކަވަނީ.
އެގޮތުން ރައީސް ނަޝީދަށް ވުރެ ކޮރަޕްޓް ވެރިއެއް ނުހުންނާނެ ކަމަށް ވިދާޅުވެ މިސާލު ދައްކަވައި ސަލީމް ވިދާޅުވީ މުލިއާގޭގައި ވެސް އެމަނިކުފާނު ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މުލިއާގޭގައި އެމްޑީޕީގެ މެމްބަރުންނަށް ކޮންމެ ދުވަހަކު މެންދުރުގެ ކެއުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"ކޮންމެ ދުވަހަކު މެންދުރު އެމްޑީޕީ އަށް ނިސްބަތްވާ [މަޖިލީހުގެ] ހުރިހާ މެމްބަރުން ވެސް ފަރިއްކުޅުއްވަން މުލިއާގެ އަށް ވަޑައިގަންނަވާ. މިއީ ކޮރަޕްޝަންގެ އަމަލެއް ނޫން ބާ؟" ސަލީމް ވިދާޅުވި އެވެ.
ފަރިއްކޮޅުގެ ކަންތައްތަކުގެ އިތުރުން އޭނާ ވަނީ އެހެން ތުހުމަތެއް ވެސް އަޅުވާފަ އެވެ. އެގޮތުން މުލީއާގޭގައި "ރާ ބޮވޭނެ އިންތިޒާމް" ވެސް ހަމަޖައްސާފައި ހުންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ދެން ވިދާޅުވީ އެ މައްސަލާގައި ދައުވާކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ގެންގުޅުއްވި ބުޅަލެއް މާ ގިނައިން ވިހާތީ، ބޭރަށް ގެންގޮސް ނުވިހާ އޮޕަރޭޝަންކޮށްފައިވާ ކަމަށާއި އެއީ ވެސް "ހަގީގީ ކޮރަޕްޝަންގެ އަމަލެއް ކަމަށް" ސަލީމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުތަކުގައި ބޭކާރު ހަރަދުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ކޮންމެ ދަތުރުފުޅަކަށް 800،000 ޑޮލަރު ވަރު ހަރަދުކުރައްވާ ކަމަށް ވެސް ސަލީމް ތުހުމަތުކުރެއްވި އެވެ.
ޕީޕީއެމްގެ މީހަކު ތަސްމީނާ ދެކޮޅަށް މުޒާހަރާއެއް ނުކުރާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ