މަދަނީ އިއްތިހާދުގެ އަބްދުﷲ އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުކުރަނީ

ދީން ހިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ޑިސެމްބަރު 23 ގައި ބޭއްވި ބޮޑު މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މުޒާހަރާއާ ގުޅުވައިގެން ހެދި ވެބްސައިޓުގައި ޝާއިއުކުރި ލިއުންތަކަކާ ގުޅިގެން މީގެ ކުރިން ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި އެ މުޒާހަރާއާ ގުޅިގެން ހޯމް މިނިސްޓްރީ އަށް ވެސް އޭނާ ހާޒިރުވާން އެންގި އެވެ.
އަބްދުﷲ މިއަދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ 00: 1 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ. އެ ޗިޓުގައިވާ ގޮތުން ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ އެތަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ލިއެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ލަފާކުރެވެނީ ހޯމް މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް. އެތަނުން [ހޯމް މިނިސްޓްރީން] ބުނަނީ ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ހަދައިގެން އުޅޭ މަދަނީ އިއްތިހާދެކޭ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މުއައްސަސާ އިން ތަހްގީގުކުރާ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރާނެ ކަމަށެވެ.
ބޮޑު މުޒާހަރާއާ ގުޅިގެން އަބްދުﷲގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަހްމަދު ވެސް ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ސިޔާސީ އަށް ޕާޓީއަކާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ އަޑުއުފުލި އެވެ. އެ މުޒާހަރާ ނިންމާލާފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ނެތި ސުލްހަވެރިކަމާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ