އެޗްޑީސީ ބަލިކޮށް ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ސިފައިން އަށް އެޗްޑީސީ ބަލިކޮށް ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ސިފައިން އަށް

ތަށި ދިފާއުކުރަން ނުކުތް، ކްލަބް އެޗްޑީސީ ބަލިކޮށް، ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 26-24، 23-25، 22-25، 25-20، 15-10 އިންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ސިފައިން ބަލިވީ އެޗްޑީސީ އަތުންނެވެ.
މި މެޗުގެ އެންމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ސެޓުގަ އެވެ. މި ސެޓުގައި ދެ ޓީމަށް ވެސް ބޮޑު ލީޑެއް ނެގިފައިނުވާއިރު، ސެޓު ނިމެން ދިޔައިރު، 20-23 އިން ލީޑު ކުރަމުން އައީ އެޗްޑީސީ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ސިފައިން ވަނީ ތަފާތު ރޫހެއްގައި ކައިރިކައިރީގައި ޕޮއިންޓް ސްކޯކޮށް ސެޓު 26-24 އިން ކާމިޔާބުކޮށްފަ އެވެ.
ދެ ވަނަ ސެޓުގައި އެޗްޑީސީ ފެނިގެންދިޔައީ ތަފާތު ރޫހެއްގައި ކުޅުނު މަންޒަރެވެ. މި ސެޓުގައި އެޗްޑީސީގެ ޝަމާއިލް ހުސެއިން، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި މުހައްމަދު އަހުސަން (ސޮއްޓި)ގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު އެޗްޑީސީ އިން ގެންދިޔައީ 25-23 އިންނެވެ.
ޖެހިގެން އައި ތިން ވަނަ ސެޓުގައި ވެސް އެޗްޑީސީ ފެނިގެންދިޔައީ ދެ ވަނަ ސެޓުގައި އެ ޓީމުން ދެއްކި ކުޅުން ތަކުރާރުކުރި މަންޒަރެވެ. މި ސެޓު އެޗްޑީސީ އިން ގެންދިޔައީ 25-22 އިންނެވެ.
ހަތަރު ވަނަ ސެޓާއި ފަސް ވަނަ ސެޓުގައި އެޗްޑީސީ އަށް ރަނގަޅަށް ނުކުޅެވުނުއިރު، މި ދެ ސެޓުގައި ވެސް އެޗްޑީސީގެ ފަރާތުން އަމިއްލަ ގިނަ ގޯސްތަކެއް ހެދުނެވެ. އޭގެ ފައިދާ ނަގައި ސިފައިން މި ދެ ސެޓު ގެންދިޔައީ، 25-20 އަދި 15-10 އިންނެވެ.
ފަހު ދެ ސެޓުގައި ސިފައިންގެ ތަފާތަކަށްވީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު) އާއި، އާދަމް ފައިރޫޒް އަދި ރަޒާން އެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރުންނަކީ، ކުޑަކާއްޓޭ އަދި އާދަމް ނަސީމް (އެޑަމާ) އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަކީ، ފައިރޫޒް އަދި ސޮއްޓި އެވެ. އެންމެ ބޮޑު އޮޕަސިޓް ޕްލޭޔަރަކީ ޝަމާއިލް އެވެ.
އެންމެ މޮޅު ސެޓަރަކަށް ސިފައިންގެ ޝާޑު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ ހުރާ ކޮމިއުނިޓީ ކްލަބްގެ އަހުމަދު މުޒްލިފް އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކަށް އަހުމަދު މުުޒްލިފް ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިފައިންގެ ލުއިޒް އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސިފައިންގެ ޝާހިދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކްލަބްގެ ކޯޗު ޖުނައިދު އަބްދުالله (މާމަ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ