ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން، ދައުލަތުގެ ހަރުމުދާ ވިއްކައިގެން ފައިސާ ހޯދާނެ ކަމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ބަޖެޓާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވެ ވަޑައިގެންނެވި ވަޒީރުން މިއަދު ވިދާޅުވީ، ދައުލަތުގެ ހަރުމުދާ ވިއްކަން ސަރުކާރުން ވިސްނާފައިނުވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ބަޖެޓާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދާއި ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާއި އިކޮނޮމިކް ސްޓޭޓް މިނިސްޓަރު އާދިލް ސަލީމް ވެސް ވިދާޅުވީ، ދައުލަތުގެ ހަރުމުދާ ވިއްކަން ސަރުކާރުން ރާވާފައިވާ ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ، ވިޔަފާރީގެ އުސޫލުން، ސަރުކާރާ އެކު ހިއްސާވާ ކުންފުނިތަކުން އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތައް ހިންގުން ކަމަށެވެ.
ނަމަވެސް ސަރުކާރުން މި މަހުގެ 20 ވަނަ ދުވަހު ރައްޔިތުން މަޖިލީހަށް ހުށަހެޅި މެދު ރާސްތާ ބަޖެޓްގެ ތަފްސީލުތައް ބަޔާންކޮށްފައިވާ ފޮތުގެ (ދިވެހި ދައުލަތުގެ މެދު ރާސްތާ ބެޖެޓް 2009- 2011) 70 ވަނަ ސޮފުހާގައި، މި އަހަރަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ފައިސާގެ ތެރެއިން އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާގެ 43 ވަނަ އައިޓަމްގައި ބަޔާންކޮށްފައިވަނީ، ކެޕިޓަލް އެސެޓްސް ވިއްކައިގެން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ އަދަދުތަކެވެ. އެ ގޮތުން ދައުލަތުގެ ހަރުމުދާ ވިއްކައިގެން މި އަހަރުގެ ތެރޭގައި 3857 މިލިއަން ރުފިޔާ، 2010 ގައި 1363 މިލިއަން ރުފިޔާ އަދި 2011 ގައި 687 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ.
"ރައްޔިތުންނަށް އޮޅުންފިލުވައިދޭން މި އުޅެނީ ކޯންޗެއްތޯއޭ ކީކޭތޯއޭ ބުނެދޭން މި އުޅެނީ؟ ހަގީގަތް ރީތިކޮށް ކުރިމަތީގައި މިހެން އޮއްވާ ކުރިމަތީގައި ކަންތައް މިހެން ކުރެވެމުންދާ އިރު، އަޅުގަނޑުމެން ދެން ކޮން ވާހަކައެއްތޯއޭ މި ދައްކަނީ. ބަޖެޓްގައި ހަމަ ރީތިކޮށް ލިޔެފަ ހަމަ ކަޅާ ހުދުން ލިޔެފަ މި އޮންނަނީ އެސެޓްސް ވިއްކައިގެން 3857 މިލިއަން ރުފިޔާ ހޯދަން. އެކަމު މި ތަނަށް ވަޑއަިގެން މި ވިދާޅުވަނީ މީ ވިއްކާ ވާހަކައެއް ނޫނޭ މި ދައްކަނީ. އެހެންވީމާ ކީއްވެތޯ މީގައި ނުލިޔުއްވީ ކުއްޔަށް ދީގެންނޭ. ވިއްކާ ކިޔާ ނުވިއްކާ ކިޔާ، އަޅުގަނޑުމެން ކީކޭތޯ މި ކިޔަނީ،" މިނިސްޓަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގދ. މެންބަރު އައްބާސް އިބްރާހީމް ވިދާޅުވި އެވެ.
"މި އެސެޓް މީ ކޮންތާކުން، މި ހަމަސް ދުވަހު ތެރޭ ހޯދި އެސެޓްތޯ؟ ފޭލުވެފައި އޮތް ސަރުކާރަކުން 30 އަހަރުގެ ތެރޭގައި ހޯދާފައި ހުރި އެއްޗިއްސޭ މިއީ. ނުވަތަ އޭގެ ކުރިން ވެސް ހިނގަމުން އައި ވެރިކަމުން ހޯއްދަވާފައި ހުރި އެއްޗިއްސޭ. އެހެންވީމާ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ނަމުގައި މި އެއްޗެހި ވިއްކާފައި ދެން ކަންތައްކުރާ ވާހަކަތޯ އަޅުގަނޑުމެން މި ދައްކަންވީ. މި ހަތަރު މަސްދުވަހުގެ ތެރޭގައިތޯ އަޅުގަނޑުމެން މި ތިން ހާސް މިލިއަން ލިބޭ އެއްޗެހި، އެސެޓް އެއްކުރީ. ދިވެހި ރައްޔިތުން އެތައް ބައެއްގެ ދާ އޮހޮރުވައިގެން ލޭ އޮހޮރުވައިގެން ރެއާއި ދުވާލު މަސައްކަތްކޮށްގެން ހެދި އެއާޕޯޓާއި އެކަހަލަ ތަންތަން އަދި މީހުންތައް ދަރަންޏަށް ލޯނު ނަގައިގެން، އަނެއްކަމެއް ކޮށްގެން އަޅުގަނޑުމެން ކުރި ކަންތައް މީހުންނަށް ވިއްކާލަން މަސައްކަތްކޮށް ވާހަކަ ދައްކާފަ އަޅުގަނޑުމެން ބަޖެޓް ހުށަހެޅީމަ އަޅުގަނޑުމެން އެ އަށް ތާއީދުކުރަން ވަރަށް ދަތި،"
އައްބާސް ވިދާޅުވި ގޮތުގައި ހަރަދުތައް ކުޑަކުރާ ވާހަކަ ސަރުކާރުން ދައްކާ އިރު، ހުސްވި އަހަރުގެ ޑިސެމްބަރު މަހު، ފާސްކުރި ބަޖެޓާއި އެ ބަޖެޓް މުރާޖައާކުރުމަށް ފަހު މި މަހު ހުށަހެޅި މެދު ރާސްތާގެ ބަޖެޓްގައި ވެސް ބައެއް ޚަރަދުތައް ހުރީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ. އެ ގޮތުން ޑިސެމްބަރު މަހު ފާސްކުރި ބަޖެޓްގައި ރައީސް އޮފީހަށް 49 މިލިއަން ރުފިޔާ އޮވެފައި މިހާރު ހުށަހަޅާފައިވާ މެދު ރާސްތާގެ ބަޖެޓްގައި އެ އޮފީހަށް 67 މިލިއަން ރުފިޔާ، އަދި ޑިސެމްބަރުގެ ބަޖެޓްގައި ރިއާސީ ގަނޑުވަރަށް 40 މިލިއަން އޮވެފައި މިހާރުގެ ބަޖެޓްގައި 47 މިލިއަން ރުފިޔާ އޮތް ކަމަށާއި ހިލާލީގެ އަށް ކުރީގެ ބަޖެޓްގައި 476 ހާސް ރުފިޔާ އޮތް އިރު، މިހާރު ހުށަހަޅާފައި އޮތް ގޮތުން އެ ގޭގެ ބަޖެޓް ހަ މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ރަޝީދު ވިދާޅުވި ގޮތުގައި، ދައުލަތުގެ ހަރުމުދާތައް ވިއްކާލަން ސަރުކާރުން ގަސްދުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ވިސްނާފައިވަނީ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައިގެން ދެ ފަރާތުގެ ހިއްސާ އޮވެގެން ކުރެވޭ ވިޔަފާރިތަކުން ދައުލަތަށް ހާމްދަނީ ހޯދުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ކާމިޔާބު ވިސްނުމެއް ކަން ވިދާޅުވަމުން، ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތާއި ފެނުގެ ޕްރޮޖެކްޓަކީ ވެސް ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައިގެން ހިންގާފައިވާ ވަރަށް ކާމިޔާބު ޕްރޮޖެކްޓްތަކެއް ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، އައު ސަރުކާރުން ބަޖެޓް ހަދަމުން ދިޔަ އިރު ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި މި އުޅެނީ 30 އަހަރުގެ ތެރޭގައި ރައްޔިތުން އުންމީދުކުރި ކަންތައްތައް އެއް އަހަރުގެ ތެރޭގައި ފުރިހަމަކޮށް ނިންމާލަން ނޫން ކަމަށެވެ.
ޝަހީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވުމާއި މިދިޔަ އަހަރުގެ އިންފްލޭޝަން މައްޗަށް ޖެހިފައިވުމާއި މިދިޔަ އަހަރުގެ ގައުމީ ރިޒާވް ދަށަށް ގޮސްފައިވުމާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި އިސްރާފު ވަރަށް ބޮޑަށް ފެތުރިފައި އޮތުމާއި ސުނާމީ އަށް ފަހު އާމްދަނީ ހޯދުމަށް ރޭވި ގިނަ ކަންތަކުން ފައިދާއެއް ލިބިފައި ނެތުމަކީ ވެސް ބަޖެޓް އެކުލަވާލުމުގައި ކުރިމަތިވި ގޮންޖެހުންތަކެކެވެ.
ޝަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވުމުން ބަޖެޓް އެކުލަވާލުމުގައި އާ ވިސްނުމެއް ގެންނަން ސަރުކާރަށް މަޖުބޫރުވި އެވެ. އަދި ކުރީގެ ވިސްނުމަކީ، ސަރުކާރުން ހުރިހާ ކަމެއް ކުރުން ކަމަށާއި ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުމަކީ، ޕްރައިވެޓައިޒް ކޮށްގެން ކަންކަން ކުރުމެވެ.
ވަޔާއި ކަނޑުގެ ބަނދަރުތައް ބޭރުގެ ފަރާތްތަކަށް ދޫކުރުމުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދާނެ ކަމަށް ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ޝަހީދު ވިދާޅުވީ، މީގެ ކުރިން ރާއްޖެ އަށް ޓޫރިޒަމް ތައާރަފްކުރި އިރު ވެސް އެ ފަދަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. ނަމަވެސް ދިވެހީންގެ ދީނާއި ސަގާފަތް ވެސް ގެއްލި ނުގޮސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ވެސް މި އުޅެނީ ޖޮއިންޓް ވެންޗަ ކުންފުނިތަކާ ގުޅިގެން މަޝްރޫއުތަކެއް ހިންގަން ކަމަށާއި ބޭރު ބަޔަކާ އެކު އެފަދަ މަޝްރޫއެއް ހިންގި ނަމަވެސް، ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޝަހީދު ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގައި ވަރަށް ބޮޑު އިތުބާރެއް އެބަ އޮތެވެ. އަދި ބޭރުގެ ފަރާތްތައް އޮތީ ރާއްޖެ އަށް ލޯނުތައް ދޭން ތައްޔާރަށް ކަމަށް ވިޔަސް ސަރުކާރުގެ ވިސްނުމަކީ ދަރަނީގެ ގޮތުގައި ނަގާ ފައިސާގެ މިންވަރު ވީހާ ވެސް ކުޑަކުރުމެވެ.
އިކޮނޮމިކް ސްޓޭޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވީ ރައްޔިތުން މި ސަރުކާރު ހޮވީ ސަރުކާރުން ވިޔަފާރިކުރުމުގެ އުސޫލުން ކަންކުރަން ބޭނުންނުވާތީ ކަމަށެވެ. ކުރިން ސަރުކާރުން އަމިއްލަ އަށް ހިންގަން ގަސްދުކުރި ވަރަށް ގިނަ ކަންތައް މިހާރު ވަނީ ޕްރައިވެޓައިޒްކުރަން ނިންމާފައި ކަމަށެވެ. އަދި ސަރުކާރުން އަމިއްލަ އަށް ކަންތައް ކުރަން އުޅުމުގެ ނަތީޖާއެއްގެ ގޮތުން، ގިނަ އަހަރުތަކެއް ވެގެން ދިޔައިރު ވެސް މާލޭ އެއާޕޯޓް ތަރައްގީވެފައި ނުވާކަމަށާއި މަރާމާތުކޮށްލެވޭނެ ފަދައެއް ވެސް ނެތް ކަމަށް އާދިލް ވިދާޅުވި އެވެ. ނަމަވެސް މިހާރު ބޭރު ބަޔަކާ ގުޅިގެން ބަނދަރުތައް ތަރައްގީކުރަން ސަރުކާރުން، ރާވާފައިވަނީ މި ރާއްޖެ އަކީ އިގްތިސާދީ ހަބެއްގެ ގޮތުގައި ހެދުމުގެ މަގްސަދުގައި ކަމަށެވެ.
އެ ގޮތުން ފެން ކުންފުންޏާއި ބޭންކް އަދި ދިރާގާއި މި ތަންތަނަކީ ބޭރުގެ ކުންފުނިތަކުގެ ހިއްސާގައި ވަރަސް ކާމިޔާބުކަމާ އެކު ހިންގާފައިވާ ތަންތަން ކަމަށް އާދިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާ ދުވަސް ވެގެން އައިއިރު ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތީ މިހާ ހިސާބަށް އައިއިރު ދަރަނީގެ ގޮތުގައި ވަރަށް ގިނަ ފައިސާ ނެގިފައިވާތީ އެވެ. ސިޓީ ހޮޓާތަކާއި މިފަދަ ކަންތައް ނުކުރެވި ހުރީ ވެސް ފައިސާ ނެތިގެންނެވެ.
އާދިލް ވިދާޅުވި ގޮތުގައި ޕްރައިވެޓައިޒޭޝަނަށް ދާން ޖެހެނީ ފައިސާ ނެތީމާ ފައިސާ ހޯދުމަށްޓަކަ އެވެ. ބޭރުގެ ފަރާތްތަކަށް ތަންތަން ދޫކުރާ ވާހަކަ ދައްކާ އިރު، ހަމައެކަނި ބޭރުގެ ފަރާތްތަކަށް ހުޅުވާލައިގެން އެއްވެސް އިއުލާނެއްކޮށްފައެއް ނޯންނާނެ ކަމަށާއި މި ހުރިހާ ކަމެއްގައި ވެސް ފެންވަރު ހުރި ދިވެހިންނަށް ވެސް އެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން ކަމަށް ވިޔަސް، ސްކޫލްތައް ހިންގުން ކަމަށް ވިޔަސް، އެއާޕޯޓްތައް ތަރައްގީކުރުން ކަމުގައި ވިޔަސް، އެ ކަންކަމަށް ދިވެހިންނަށް ފުރުސަތު އެބަ އޮތް ކަމަށާއި ފެންވަރު ހުރި ދިވެހި ކުންފުނިތަކުން ވެސް އެ ކަންކަމަށް ކުރިމަތިލާންވީ ކަމަށް އާދިލް ވިދާޅުވި އެވެ.
ދައުލަތުގެ ހަރު މުދާ ވިއްކާނެ ކަމަށް ބަޖެޓްގައި އޮތް ނަމަވެސް ވަޒީރުން ވިދާޅުވަނީ، ހަރުމުދާ ވިއްކަން ނިންމާފައި ނުވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ