ބިދޭސީން ގެންނަ މީހުންގެ އަތުން ފީ ނަގަން ފެށުން: އެއީ އަދި އެއްގޮތަކަށް ވެސް ނަގަން ނިންމާފައިވާ އަދަދުތަކެއް ނޫން: މިނިސްޓަރު

ރާއްޖެ އަށް ބިދޭސީން ގެންނަ ފަރާތްތަކުން އަންނަ މަހުގެ 1 ން ފެށިގެން އެމްޕްލޯއިމަންޓް ފީ ދައްކަން ނިންމައި އެކި ދާއިރާތަކަށް އަދަދުތަކެއް ކަނޑައަޅާފައިވީ ނަމަވެސް އެއީ އަދި އެއްގޮތަކަށް ވެސް އެއަށް އަމަލުކުރަންޖެހޭ އަދި ނަގަން ނިންމާފައިވާ އަދަދުތަކެއް ނޫން ކަމަށް ހިއުމަން ރިސޯސަސް މިނިސްޓަރު ހަސަން ލަތީފު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގެ "ފަންސަވީސް" ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހިއުމަން ރިސޯސަސް މިނިސްޓަރު ވިދާޅުވީ އަލަށް އެމްޕްލޯއިމަންޓް ފީ ނަގަން ކަނޑައަޅައި ފީ ނަގާނެ އަދަދުތައް އިއުލާން ކުރި ނަމަވެސް "އެއީ މަޝްވަރާއަށް ނުކުންނައިރު އަޅުގަނޑުމެން ކަނޑައަޅާފައިވާ އަދަދުތަކެއް" ކަމަށެވެ.
"މަޝްވަރާ ކޮށްގެން މި އަދަދުތައް ބަދަލުވުމަކީ ހަމަ އެކަށީގެންވާ ކަމެއް. އިރާދަކުރެއްވިއްޔާ މި މަޝްވަރާތަކަށް އަޅުގަނޑުމެން ވަރަށް އަވަހަށް ނުކުންނާނަން. ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި ޖަމިއްޔާތަކާއި އަދި ވަކިވަކި ފަރާތްތަކާ ވާހަކަ ދައްކައިގެން އަދަދުތައް ކަނޑައަޅައި އަދި ފީ ނަގާނެ އުސޫލެއް ވެސް ކަނޑައަޅާނީ އެ ގޮތަށް،" ހަސަން ލަތީފު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގައި ބިދޭސީން މަސައްކަތްކުރާ ދާއިރާތައް 600 ވަރަކަށް ދާއިރާ އަށް ބަހައި އެ ދާއިރާތަކުން ނަގާނެ ފީ އަކީ 1،000ރ- 6،000ރ.ގެ އަދަދެއް ކަމަށް މިނިސްޓްރީން ވިސްނާ ކަމަށް ވަނީ މިދިޔަ އޮގަސްޓް 31ގައި އާންމުކޮށް އިއުލާން ކޮށްފަ އެވެ.
ހަސަން ވިދާޅުވީ އެމްޕްލޯއިމަންޓް ފީގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ އަދަދު ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް މިހާރު ވެސް އެންމެ ރަނގަޅު ކަމަށާއި އެކަމަކު އެހެން ފަރާތްތަކާ އެކު ކުރައްވާ މަޝްވަރާތަކަށް ފަހު ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެންމެ ގިނަ ބިދޭސީން މަސައްކަތް ކުރަނީ އިމާރާތްކުރުމުގެ ދާއިރާގައި ކަމަށްވެފައި އެމްޕްލޯއިމަންޓް ފީގެ ގޮތުގައި އެންމެ ގިނަ ފައިސާ ނަގަނީ އެ ދާއިރާ އަށް ކަމަށް ކަނޑައަޅާފައިވާއިރު އެއާ ގުޅިގެން އެ ދާއިރާގެ މަސައްކަތުގެ އަގަށް އަތުވެދާނެ ބަދަލުތަކަށް ވިސްނެވީ ކިހާ ވަރަކަށްތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ފީ ނަގަން ފަށާއިރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވެދާނެ ކަމަށެވެ. އެކަމަކު ވިދާޅުވީ ލޭބަ ކެޓަގަރީގެ އެމްޕްލޯއިމަންޓް ފީއަށް އަހަރަކު 6،000ރ. ނަގައިގެން މާ ބޮޑު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"މިސާލަކަށް ލޭބަ ކެޓަގަރީއަށް ނަގަނީ އަހަރަކަށް 6،000ރ. އެއީ މަހަކަށް 500 އެއްހާ ރުފިޔާ އިތުރަށް ކޮންމެ ބިދޭސީއަކަށް ދައްކަން ޖެހެނީ. އިގުތިސޯދީ މިފަދަ ހީނަރުކަމެއްގައި އެއީ ބޮޑު އެއްޗެއް. އެހެން ނަމަވެސް މިކަން އަޅުގަނޑުމެން އެބަޖެހޭ ކުރަން،" ހިއުމަން ރިސޯސަސް މިނިސްޓަރު ވިދާޅުވި އެވެ. "އެއްކޮޅުން އަޅުގަނޑުމެންނަށް ކިޔޭކަށް ނެތް ދިވެހިން ނުލިބިގެން އުޅެނީ ބިދޭސީން ގެންގުޅެންޖެހޭތީ ކަމަކަށް. އެހާ ފަސޭހައިން އެ ވާހަކަ ދައްކާއިރު ބިދޭސީން އެހާ ފަސޭހައިން އެމްޕްލޯއިކޮށްގެން، ދިވެހިންނަށް ވުރެ އަގު ހެޔޮކޮށް ގެންގުޅޭ ގޮތަށް އޮތިއްޔާ ދުވަހަކު ވެސް ދިވެހިންނެއް ނުނިކުންނާނެ. ދިވެހިން މަސައްކަތްތަކަށް ނުވެސް ނެރެވޭނެ."
މިނިސްޓަރު ވިދާޅުވީ ދިވެހިން ވަޒީފާތަކަށް ނެރުމަށް މިހާރު ވެސް ވިވެޓް ޕްރޮގްރާމްގެ ދަށުން މަސައްކަތްތަކެއް ހިންގަމުން ގެންދަވާ ކަމަށެވެ. އަދި އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އެކި ދާއިރާތަކުން 5،000 ދިވެހިން ނުކުންނާނެ ކަމަށާއި އޭރުން ވަޒީފާތަކަށް ދިވެހިން ނުލިބޭ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.
"އޮކްޓޫބަރު މަހު ފީ ނަގަން ފެށިޔަސް ވެސް މާ ގިނަ ދުވަހެއް ނެތް އެ ފީ ދައްކާކަށް. އަދި ބިދޭސީއެއް ގެންގުޅެންޏާ ފީއެއް ދައްކާލުމަކީ އެއީ ގޯސް ކަމެއް ކަމަށް ވެސް އަޅުގަނޑު ނުދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ