ރައީސް މައުމޫނުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފި

ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިން ރޭ ރަސްމީކޮށް ފައްޓަވައިފި އެވެ.
ކުލަގަދަ އައިޓަމްތަކަކާއެކު އަލިމަސް އުފާ ކާނިވާ ސްޓޭޖުގައި ބޭއްވި ހަފުލާއެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޒައީމް މައުމޫނާއި އެ މަނިކުފާނުގެ ރަނިންމޭޓް އަދި އެޓޮލްސް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އެވެ. ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ޒައީމް މައުމޫނާއި ތަސްމީން ވާހަކަފުޅު ދެއްކެވި އެވެ. އަދި ހަމަ އެއާއެކު ޒައީމް މައުމޫނާއި ތަސްމީންގެ ފޮޓޯފުޅު ޖަހައިފައިވާ ކެމްޕެއިންގެ ރަސްމީ ލޯގޯ ޒައީމް މައުމޫން ތައާރަފުކޮށްދެއްވި އެވެ. ކެމްޕެއިން ލޯގޯގައި ވަނީ ޒައީމް މައުމޫނާއި ތަސްމީންގެ ފޮޓޯފުޅުގެ އިތުރުން އަތްތިލައެއްގެ ތިރީގައި "މައުމޫން 2008" ޖަހައިފަ އެވެ. އޭގެ އިތުރުން ލޯގޯގެ މައިގަނޑު ސުރުހީއަކަށް ޖަހައިފައި ވަނީ "އާ އުސްމިންތަކަކަށް" މިހެންނެވެ.
ޒައީމް މައުމޫންގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ހަފުލާގައި ދިވެހި ފިލްމީ އިންޑަސްޓްރީގެ މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި ސާފް ޗެމްޕިއަންޝިޕް ރަންމެޑަލް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ވަނީ މައުމޫނަށް ތާއީދުކޮށް، ކާނިވަލުގެ ސްޓޭޖުގައި ވާހަކަ ދައްކައިފަ އެވެ. އެގޮތުން ފިލްމީ ތަރިން ކަމުގައި މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އަލީ ސީޒަނާއި މުހައްމަދު މަނިކާއި އޭނާގެ އަންހެނުން ޝީލާ ނަޖީބުގެ އިތުރުން ފާތުމަތު ނަހުލާ ވެސް ވަނީ މައުމޫނަށް ތާއީދުކުރުމުގެ ގޮތުން ޝުއޫރު ފާޅުކޮށްފަ އެވެ. އަދި ލަވަކިއުންތެރިއެއް ކަމަށްވާ މުމްތާޒް މޫސާ ވެސް ވަނީ މައުމޫނަށް ތާއީދުކޮށް ރޭގެ ހަފުލާގައި ވާހަކަ ދައްކައިފަ އެވެ. މި ހަފުލާގައި ގައުމީ ފުޓުބޯޅަ ޓީމުގެ ފަރާތުން ޒައީމް މައުމޫނަށް ތާއީދުކޮށް ވާހަކަ ދެއްކެވީ ގައުމީ ޓީމުގެ މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ހާނިމާއި ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ.
ގިނަ ބަޔަކު ހާޒިރުވި މި ހަފުލާގައި މުނިފޫހިފިލުވުމުގެ އައިޓަމްތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ