ކާށިދޫ ދާއިރާގެ މެންބަރު އަރުވާލަން ކުރި ހުކުމް ރަނގަޅު: ހައި ކޯޓް

މަގާމުގެ
ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި
އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ
މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް
ތާއީދުކޮށް ހައި ކޯޓުން ވެސް މިރޭ ހުކުމް ކޮށްފި އެވެ.
އެ
މައްސަލައިގައި ހުކުމް ކުރައްވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ އިސްމާއިލް
އަބްދުލްހަމީދު އަރުވާލުމަށް ކޮށްފައިވާ ހުކުމަކީ ޝަރީއަތާއި ގާނޫނާ ހިލާފަށް ކޮށްފައިވާ
ހުކުމެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އެއްބަސްނުވެވޭ ކަމަށެވެ. އެހެންކަމުން
ހަމީދުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ހުކުމް
ކުރެއްވީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"... އިސްމާއިލް އަބްދުލްހަމީދު
އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކުރައްވާފައިވާ ހުކުމަކީ ޝަރީއަތާއި ގާނޫނާ
ހިލާފަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމެއް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ
ހައި ކޯޓުން ބެލި އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ ކްރިމިނަލް ކޯޓުގެ
.... ގަޒިއްޔާގެ ހުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާގުން ތާއީދުކޮށްފިން،" ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވި އެވެ.
ހުކުމް
ކުރެއްވުމުގެ ކުރިން ފަނޑިޔާރު ވިދާޅުވީ "އުފުލި-5" ގަތުމުގެ އެއްބަސްވުމުގައި
ސޮއި ކުރާތާ 14 ދުވަހުގެ ތެރޭގައި، ވިއްކާ ފަރާތަށް އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހޭނެ
ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އުޅަނދުގެ އަގަށްވާ ބާކީ ފައިސާ ދައްކަންޖެހޭނީ އުޅަނދު
ސަރުކާރާ ހަވާލު ކުރާތާ 14 ދުވަހުގެ ތެރޭގައި ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށް
ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެއްބަސްވުމުގައި
ސޮއި ކުރާތާ 90 ދުވަހުގެ ތެރޭގައި އުޅަނދު މާލޭ ބަނދަރަށް ގެންނަން ޖެހޭ ކަމަށާއި ގަންނަ
ފަރާތަށް އުޅަނދާ ހަވާލުވެވޭނީ އުޅަނދު މާލެ ގެނެސް، ލިޔުންތައް ހަވާލު ކުރާތާ ހަތް
ދުވަސް ފަހުން ކަމަށް އެގްރިމެންޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެއްބަސްވުމުގައިވާ
ގޮތުން ނަމަ އޮކްޓޯބަރު 19، 2007 ގައި އުޅަނދު މާލޭ ބަނދަރަށް ގެނެސް ސަރުކާރާ ހަވާލު
ކުރަންވާނެ ކަމަށާއި ނަމަވެސް އުފުލި މާލޭ ބަނދަރަށް ގެނެސްފައި ވަނީ އެ ތާރީހަށް ވުރެ
އެއް އަހަރު ފަހުން އޮކްޓޯބަރު 23، 2008 ގައި ކަން ލިޔުންތަކުން އެނގޭ ކަމަށް ފަނޑިޔާރު
ވިދާޅުވި އެވެ. އަދި އުޅަނދު ލިބުމުގެ މާ ކުރިން އޭޕްރީލް 28، 2008 ގައި އުފުލި ލިބިފައިވާ
ކަމަށް ބުނެ ހަމީދު ސޮއި ކުރައްވާފައިވާ ކަން އެނގެން އޮންނަ ކަމަށް ވެސް ފަނޑިޔާރު
ވިދާޅުވި އެވެ.
ފަނޑިޔާރު
ވިދާޅުވީ އުޅަނދު ހަވާލުކުރުމުގެ ކުރިން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް
ކުންފުންޏަށް ފައިސާ ލިބިފައި ވަނީ މުދާ ލިބުނު ކަމުގެ ލިޔުމުގައި ހަމީދު ސޮއި ކުރެއްވުމުން
ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސް އިން އެ ފައިސާ ދޫކޮށްފައި ވަނީ ވެސް ބޭންކުގެ ސިޓީއަށް
ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ޖަވާބު ނުދިނުމުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ އޭރު ވެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ އެންމެ އިސް ވެރިއަކަށް
ހުންނެވީ ހަމީދު ކަމަށެވެ.
"... އުޅަނދު ވިއްކި ފަރާތަށް
އުޅަނދުގެ އަގު އެއްބަސްވުމުގައިވާ ގޮތުގެ މަތީން ހައްގު ނުވަނީސް އެ ފައިސާ އެ ފަރާތަށް
ލިބިފައި ވަނީ އުޅަނދު ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލިބި އެ ސެކްޝަނުން އުޅަނދާ
ހަވާލުވުމުގެ ކުރިން އުޅަނދު އެ ސެކްޝަނުން ލިބިއްޖެ ކަމަށް ބުނެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ
އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލްގައި އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ހައިސިއްޔަތުން
ސޮއި ކުރުމުގެ ނަތީޖާއެއްގެ ގޮތުން،" ފަނޑިޔާރު ވިދާޅުވި އެވެ. "މަގާމުގެ
ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށް އިސްމާއިލް އަބްދުލްހަމީދުގެ
މައްޗަށް ސާބިތުވާކަން އެއްވެސް އޮޅުމެއް ނެތި އެނގޭ. ހުކުމަށް ފަހު ހަމީދުގެ ވަކީލަކު ވިދާޅުވީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ