ރައްޔިތުންގެ މަޖިލިސް: ބޭހާއި ދަނޑުވެރިކަމުގެ ސާމާނާއި ގޭހާއި ތެލުގެ ހުރިހާ ބާވަތަކުން ވެސް ޑިއުޓީ ކަނޑާލުމަށް މެންބަރުން ގޮވާލައްވައި

ބޭހުގެ ބާވަތްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ގަސް ކާނާ އާއި ގަހަށް ޖަހާ ބޭސް ފަދަ ތަކެއްޗާއި ކައްކާ ގޭހާއި ޕެޓްރޯލާއި ކަރާސީނުން ވެސް ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.
މެންބަރުން މި ކަމަށް ގޮވާލެއްވީ، ރާއްޖެ އަށް އެތެރެކުރާ މޭވާ އާއި ތަރުކާރީ އާއި ކާނާގެ ބައެއް ބާވަތްތަކާއި ޑީސަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެދި، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ބިލް ހުށަހަޅުއްވަމުން ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ، މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ޑިއުޓީ ކަނޑާލަ ދިނުމަށް ހުށަހަޅާފައިވާ ބައިތަކުގެ އިތުރުން، ބޭހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަކީ ވެސް ސަރުކާރުން ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ގޮތަށް ސަރުކާރުން ނިންމެވިއިރު މަޖިލީހަށް ބިލް ފޮނުވާފައިވާތީ، ބިލްގެ ބަހުސްގެ މަރުހަލާގައި މެންބަރުން ގެންނަ އިސްލާހުތަކުގެ ތެރެއިން، ބޭހުގެ ބާވަތްތަކުން ވެސް ޑިއުޓީ ކަނޑާލަ ދިނުމަށް ސަރުކާރުގެ ފަރާތުން ދިޔާނާ އެދިވަޑައިގަތެވެ.
މެންބަރުން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ މި ބިލަކީ، ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދުތަކުގައި ލުއި ފަސޭހައެއް ހޯދައިދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމުގައިވާ ނަމަ، މި ބިލްގައި ޑިއުޓީ ކަނޑާލުމަށް އެދިފައިވާ ބާވަތްތަކުގެ އިތުރުން ވެސް އާންމު ދިރިއުޅުމާ ގުޅިފައިވާ މުހިންމު ބާވަތްތަކުން ޑިއުޓީ ކަނޑާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެ ގޮތުން މިހާރު ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވާ ތަކެއްޗަށް ވުރެ، އާންމު ރައްޔިތުންގެ ހަރަދުތަކާ ގުޅިފައިވާ އެތައް އެއްޗެއް އެބަހުރިކަން މެންބަރުން ފާހަގަކުރެއްވި އެވެ.
އެ ގޮތުން ބައެއް މެންބަރުން ވިދާޅުވީ، މާލެއެކޭ އެއް ފަދައިން އަތޮޅުތަކުގެ ރަށްތަކުގައި ވެސް މިހާރު ކެއްކުމަށް ބޭނުންކުރާ އާންމު ހަކަތައަކީ ގޭސް ކަމަށްވީ ހިނދު، ކައްކާ ގޭހުގެ ޑިއުޓީ ކަނޑާލުމަކީ ވެސް ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. ޕެޓްރޯލަކީ ވެސް އާންމު ރައްޔިތުންގެ އާންމު ބޭނުންތަކުގައި ޑީސަލަށް ވުރެ ވެސް ބޮޑަށް ބޭނުންކުރާ އެއްޗަކަށް ވީހިނދު، ޕެޓްރޯލާއި ކަރާސީނުން ޑިއުޓީ ކަނޑާލުމަކީ ވެސް މި ބިލް ހުށަހެޅުމުގެ މަގްސަދު އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވި އެވެ.
ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ގޮތުން ޑިއުޓީ ކަނޑާލެވޭ ގިނަ ބާވަތްތަކަކީ ރާއްޖޭގެ އާންމު ރައްޔިތުންނަށް ވުރެ ބޮޑަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައް ކަން ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ. އެ ގޮތުން އެތެރެކުރެވޭ އެއްގަމު މަހުގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީގެ ވެސް ވަރަށް ބޮޑު ޕަސެންޓެއް ބޭނުންކުރެވެނީ ރިސޯޓްތަކުގައި ކަމަށް ވުމުން، އެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަކީ ސީދާ ގޮތުން ރައްޔިތުންނަށް އެކަމުގެ މާ ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
އއ. މެންބަރު އަހްމަދު ޒުބައިރު ވިދާޅުވީ، ރާއްޖެ އަށް އެތެރެކުރެވޭ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން ޑިއުޓީ ކަނޑާލައި ކުޑަ އަގެއްގައި ރާއްޖެ އަށް އެ ބާވަތްތައް އެތެރެކުރެވޭނެ މަގު ހުޅުވާލާ އިރު، ދަނޑުވެރިކަން ކޮށްގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަމުންދާ ދިވެހި އާއިލާތަކަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އައްޑޫ މެންބަރު އިބްރާހީމް ޝަރީފްގެ ވާހަކައިގައި، ކާބޯ ތަކެތިން ޑިއުޓީ ކަނޑާލުމުން ބާޒާރުގައި އެ ތަކެތީގެ އަގު ހެޔޮކުރާނެ ކަމުގެ ޔަގީންކަން އޮތީ ކާކަށްތޯ ސުވާލުކުރެއްވި އެވެ. އަދި މިހާރު ވެސް ކާބޯ ތަކެތީގެ ހޯލްސޭލް އަގާއި ރީޓޭލް އަގާ ދެމެދު 50 ޕަސެންޓްގެ ބޮޑު ތަފާތެއް އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް އެންމެ ގިނައިން ޑީސަލް ބޭނުންކުރަނީ ރިސޯޓްތަކުގެ ޖަނަރޭޓަރުތައް ހިންގުމަށް ކަމަށްވެފައި، އާންމު ރައްޔިތުންގެ އެންމެ ގިނައިން އުޅަނދުތަކުގައި ވެސް ބޭނުންކުރަނީ ޕެޓްރޯލް ކަމަށްވާ އިރު ޕެޓްރޯލުން ޑިއުޓީ ކަނޑާނުލަންވީ ސަބަބެއް ނެތް ކަމަށެވެ.
ތ. މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެތެރެކުރާ ތަކެތީން ޑިއުޓީ ކަނޑާލާއިރު، ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލާނެ ނިޒާމެއް ނެތި، ޑިއުޓީ ކުޑަކުރުމުން އާންމު ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.
"މިހާރު ވެސް ރާއްޖެ އަށް އެތެރެކުރާ ތަރުކާރީގެ 80 ޕަސެންޓް ބޭނުންކުރަނީ ރިސޯޓްތަކުން. ދެން ޑިއުޓީ ކަނޑާލުމުން ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބައިތޯ؟،" ޝަރީފް ސުވާލުކުރެއްވި އެވެ.
ށ. މެންބަރު މުހައްމަދު ހުސައިން ވިދާޅުވީ، މިހާރު އިމްޕޯޓް ޑިއުޓީ ނަގާ ބައެއް ބާވަތްތަކުން އެ ޑިއުޓީ ކަނޑާލުމުން ގައުމުގެ އާމްދަނީން އުނިވެގެން އެދާ ބައި ލިބޭނެ އެހެން ގޮތެއް ހޯދުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި މި ބިލާ މެދު ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ބިލްގެ ރޫހަށް ތާއީދުކުރައްވައި ބިލް މަޖިލީހަށް ބަލައިގަތުމަށް ވެސް ތާއީދުކުރެއްވި އެވެ. އެ މެންބަރުން ވިދާޅުވީ ބިލް މަޖިލީހަށް ބަލައިގަނެ ކޮމެޓީއަކަށް ފޮނުވައިގެން އިސްލާހުކުރުމަށް ފަހު ބިލް ފާސްކުރުން މުހިންމު ކަމަށެވެ.
މިއަދު ޖަލްސާގައި މި ބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ބަންޑާރަ ނާއިބު، އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދެވެ. ބިލަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ސަރުކާރުގެ ފަރާތުން ވަޑައިގެން ތިއްބެވީ، ދިޔާނާގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލީ ސަވާދާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ރަޝީދާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ އާއި މިނިސްޓަ އޮފް ސްޓޭޓް ފޯ ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމެންޓް މައިޒާން އާދަމް މަނިކެވެ.
މި ބިލަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މިހާ ގިނަ ބޭފުޅުން ތިއްބެވުމުން ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި އެކަމާ ދެކޮޅު ހެއްދެވި އެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ބިލްތަކަށް ޖަވާބުދާރީ ވާނީ އެންމެ މިނިސްޓަރެއް ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ ބިލްތަކަށް ޖަވާބުދާރީ ވާނީ މިނިސްޓަރުން ކަމަށާއި އެއްވެސް ބިލަކަށް ސްޓޭޓް މިނިސްޓަރަކަށް ޖަވާބުދާރީ ވެވަޑައިނުގެންނެވޭނެ ކަމަށެވެ.
ނަމަވެސް ރިއާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން މީގެ ކުރިން ވެސް ބިލަކާ މެދު އެއް މިނިސްޓަރުންނަށް ވުރެ ގިނަ މިނިސްޓަރުން މަޖިލީހުގައި ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރަކު ބިލަށް ޖަވާބުދާރީވެވަޑައިގަތުމަށް ގިނަ މެންބަރުންތަކެއް ދެކޮޅު ހެއްދެވުމުން، ރިއާސަތުން ނިންމެވީ އެ މައްސަލައިގައި ގޮތެއް ނިންމުމަށް އާންމު ކޮމިޓީ އަށް ފޮނުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ