ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ ލިޔުއްވި "ސްކޫލް މަންހަޖާއި ތައުލީމް" ފޮތް ބުދަ ދުވަހު ނެރެފި އެވެ.
ގައުމީ ދާރުލްއާސާރުގައި ބުދަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ ސަރުކާރުގެ ތައުލީމީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.
ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޑރ. ޒާހިރު ވިދާޅުވީ ޑރ. މުސްތަފާގެ ފޮތަކީ ދިވެހިރާއްޖޭގެ "ތަޢުލީމީ ތާރީޚުގެ އަލިކަން ގެނެސްދޭނެ ފޮތެއް" ކަމަށެވެ.
އަދި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު މުޖުތަމައަށާއި ދިރިއުޅުމުގެ ކަންކަމަށް ބަދަލު އަންނަމުންދާ ކަމަށާއި މީހުންގެ ހިތުގައި ބިރުވެރިކަމާއި ހާސްކަން ބޮޑުވުމުގެ އިތުރުން ދިވެހިންގެ އިސްލާމީ އަދި ސަގާފީ އާދަތަކަށް ވެސް ބަދަލު އަންނަމުންދާ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.
"މިހާރު އައްސަލާމް އަލައިކުމްއޭ ބުނުމަކީ ހެއްވާ ކަމަކަށް ވެއްޖެ. މިއީ ޒަމާނާ އެކު އައި މައްސަލަތައް،" ޑރ. ޒާހިރު ވިދާޅުވި އެވެ.
ތައުލީމީ މަންހަޖަކީ ބަދަލުވާން ޖެހޭނެ އެއްޗެއް ކަމަށާއި ޑރ. މުސްތަފާ ވިދާޅުވެފައިވާ ފަދައިން ކޮންމެ ގައުމެއްގެ ވެސް މަންހަޖަކީ އަމިއްލަ އުސޫލާ އެކު އެކުލަވާލާ އެއްޗަކަށް ވާން ޖެހޭނެ ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވި އެވެ.
ޑރ. މުސްތަފާ ވިދާޅުވީ "ސްކޫލް މަންހަޖާއި ތައުލީމް" ފޮތުގައި ރާއްޖޭގެ ތައުލީމީ ތާރީޚާއި އެކި ދުވަސްވަރުތަކުގެ މަންހަޖުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކުރައްވާފައިވާނެ ކަމަށެވެ. އަދި މިއީ މުސްތަގުބަލުގައި ރާއްޖެ އަށް އެކަށޭނަ މަންހަޖެއް އެކުލަވާލުމަށް މަގުފަހިކޮށްދޭނެ ފޮތެއް ކަމަށް ވެސް ޑރ. މުސްތަފާ ވިދާޅުވި އެވެ.
"މި ފޮތުގައި ހުންނާނެ ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ރާއްޖޭގެ ތައުލީމީ މަންހަޖަށް ކޮށްފައިވާ ރަނގަޅު ބަދަލާއި ނުރަނގަޅު ބަދަލުތައް ވެސް. މި ފޮތަކީ މުސްތަގުބަލުގައި މަންހަޖެއް އެކުލަވާލުމަށް އެހީތެރިވެދޭނެ ހުރިހާ ކަމެއް ވެސް ހިމެނޭނެ ފޮތަކަށް ވާނެ،" ޑރ. މުސްތަފާ ވިދާޅުވި އެވެ.
ކުރިން ބައެއް ވާހަކަ ވެސް ލިއުއްވާފައިވާ ތައުލީމީ ތަޖުރިބާކާރުގެ މި ފޮތް ވިއްކަނީ 300ރ. އަށެވެ. ފޮތް ލިބެން ހުންނާނީ އަޝްރަފީ ބުކްޝޮޕާއި ނޮވެލްޓީ ބުކްޝޮޕުންނެވެ.
ޑރ. މުސްތަފާގެ "ސްކޫލް މަންހަޖާއި ތައުލީމް" ފޮތް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ