ރިޔާސީ އިންތިހާބު 2008: ކެންޑިޑޭޓުންގެ ތާރީހީ ރިޔާސީ ސުވާލާއި ޖަވާބު ސެޝަން ބާއްވައިފި

ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ގޮތަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ރިޔާސީ ސުވާލާއި ޖަވާބުގެ ތާރީހީ ސެޝަން ބުދަ ދުވަހުގެ ރޭ ބާއްވައިފި އެވެ.
އިންފޮމޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި ސުވާލާއި ޖަވާބުގެ ސެޝަންގައި ބައިވެރިވެވަޑައިގެންނެވީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމާއި އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރާއި އެސްއެލްޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހިމް އިސްމާއީލް (އިބުރާ) އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދެވެ.
ޓީވީ މޯލްޑިވްސްގެ ސްޓޫޑިއޯ ތިނެއްގައި ބުދަ ދުވަހުގެ ރޭ ދެ ގަޑިއެއްހާއިރު ވަންދެން ކުރިއަށް ގެންދިޔަ ރިޔާސީ ކެންޑިޑޭޓުންގެ ސުވާލާއި ޖަވާބު ސެޝަންގައި ދިވެހިރާއްޖޭގެ އަޑުގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް އަދި ޝޯގެ މޮޑަރޭޓަރު އިބްރާހިމް އުމަރު މަނިކު، ތަފާތު ތިން ބުރެއްގެ މަތިން ކުރެއްވި ސުވާލުތަކަށް ހުރިހާ ކެންޑިޑޭޓުން ވެސް ޖަވާބު ދެއްވި އެވެ. އެގޮތުން ރިިޔާސީ އިންތިހާބުގައި ވާދަކުރައްވާ ސަބަބާއި އިންތިހާބުގައި ވެވަޑައިގަންނަވާ ވައުދުތައް ފުއްދެވުމަށް ރާއްވަވާފައިވާ ގޮތާއި ހުރިހާ ރައްޔިތުންނަށް އާމްދަނީ އާއި ވަސީލަތްތައް ބެހޭ ގޮތަށް މަސައްކަތްކުރައްވާނެ ގޮތުގެ ސުވާލުތަކަށް ހުރިހާ ކެންޑިޑޭޓުން ޖަވާބު ދެއްވި އެވެ.
ރިޔާސީ ސުވާލާއި ޖަވާބުގެ ސެޝަން އިންތިޒާމުކުރި ފަރާތުން ކަނޑައެޅި ވަކި އޯޑިއެންސެއްގެ ކުރިމަތީގައި ބޭއްވި މި ތާރީހީ ހަފުލާގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވީ 2004 ވަނަ އަހަރު އިއުލާން ކުރެއްވި އިސްލާހީ ޕްރޮގްރާމްގެ ދަށުން ހިންގަންޖެހޭ ކަންތައްތައް ކާމިޔާބު ކުރެއްވުމަށްޓަކައި ކަމަށެވެ. ދެވަނަ ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވީ އިގުތިސޯދީ ބޮޑެތި ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ރިޔާސަތުގައި ހުންނަވަން ޖެހޭނީ ބޭރުގެ ގައުމުތަކަށް ފަރިތަ އަދި އެ މީހުން އިތުބާރުކުރާ މީހެއް ކަމަކަށްވާތީ ކަމަށެވެ. އަދި ރައީސް މައުމޫން ވިދާޅުވީ "އަޅުގަނޑު ފަހަރެއްގައި ވެސް ދޮގު ވައުދެއް ރައްޔިތުންނަކަށް ނުކުރަން" ކަމަށާއި ކުރައްވާނީ ވަސީލަތްތައް ތަންދޭ މިންވަރަކުން ކުރެއްވޭނެ ކަންތައްތައް ކަމަށެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އަޅުއްވާނެ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޑްރަގް ލޯ އެންފޯސްމަންޓް އެޖެންސީ އުފައްދަވައި، ދެ ސަރަހައްދެއްގައި 500 މީހުންނަށް ފަރުވާ ދެވޭނެ ރިހެބް ސެންޓަރެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމުގެ މަގު ބަންދުކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުޅުމާލޭގައި އަހަރަކު 1،500 ފްލެޓް ގާއިމްކުރައްވާނެ ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސެންޓަރުތަކެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ކުށް މަދު ކުރައްވާނެ ކަމަށާއި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއްގައި އުޅެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް މައުމޫން ވައުދުވެވަޑައިގެންނެވި އެވެ.
ބުދަ ދުވަހުގެ ރޭގެ ކެންޑިޑޭޓުންގެ ރިޔާސީ ސުވާލާއި ޖަވާބުގެ ސެޝަންގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ސަރުކާރަށް އަމާޒުވާ ގޮތަށް ބައެއް ކެންޑިޑޭޓުން ދެއްކެވި ވާހަކަފުޅުތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސަލާންޖަހައިގެން ބޭސްފަރުވާކުރަން ނުޖެހޭ ކަމަށާއި ތީމުގެ ބަޖެޓުގެ 84 ޕަސެންޓް ހޭދަކުރަނީ ރައްޔިތުންނަށް އެހީވެދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި ހިނގަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖީލަހަކާއި ސަރުކާރެއް އެބައޮތް ކަމަށާއި ތިން ބާރު ވަކިކޮށް، ސިޔާސީ ޕާޓީތައް އުފައްދައި މީޑިއާގެ މިނިވަންކަން ދީފައިވާ ކަމަށެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. ހަސަން ވިދާޅުވީ އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވީ ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ހައްލު ކުރެއްވުމަށްޓަކައި ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމް އޭނާގެ ސަރުކާރެއްގައި ގާއިމް ކޮށްދެއްވާނެ ކަމަށާއި ތައުލީމަށްޓަކައި ކޮންމެ އަހަރަކު 1،800 ސްކޮލަޝިޕް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ފޮށިތަންމަތި ވެސް ބަލައި ފާސްކޮށްގެން ނޫނިއްޔާ އޭނާގެ ސަރުކާރެއްގައި ރާއްޖެ އެތެރެނުވެވޭނެ ކަމަށެވެ.
"މި ކަންތައްތައް ކުރެވޭނީ ތައުލީމީ ގާބިލް ބަޔަކު ވެރިކަމަށް ގެނެސްގެން. މިހިރީ ބޮޑެތި ގޮންޖެހުންތައް. މިކަންތައް ހައްލުކުރެވޭނީ 24 ގަޑިއިރުގެ ތެރެއިން 18 ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތްކުރުމުގެ ގާބިލްކަން ލިބިގެންވާ ބަޔަކަށް. މިކަން ކުރެވޭނީ ޒިންމާދާރު ވެރިން، ވެރިކަމަށް ގެނެސްގެން. މިކަން ކުރެވޭނީ އާއިލީ ވެރިކަމުން ދުރަށް ގޮސްގެން. މިކަން ކުރެވޭނީ ގާބިލް، ތައުލީމީ މީހުންނަށް ޖާގަ ދީގެން. އެހެންވެ އެކަމަށްޓަކައި ހުރެ އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލީ. ގައުމުގެ ހާލަތު ބަދަލުކުރަނީ އެ ގައުމެއްގެ ރަށްވެހިން،" އެޓާނީ ޖެނެރަލް ކަމުގައި ހޭދަކުރެއްވި މުއްދަތުގައި ރައީސް މައުމޫނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަންގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ދެ ފަރާތުގެ 44 ބޭފުޅުން ސަރުކާރުގައި އެބަތިއްބެވި ކަމަށާއި އޭނާގެ ވެރިކަމެއްގައި ސަރުކާރުގެ އިސް ވެރިންނަށް އާއިލީ ބޭފުޅުން ހަމަނުޖައްސަވާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ސަރުކާރުގެ އިސްރާފު ކުޑަކޮށް، އިގުތިސޯދު ފުޅާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. ހަސަން އަދި ވިދާޅުވީ އެއްވެސް މީހެއްގެ ވޯޓަކީ ފައިސާ އަށް ވިއްކާ ނުވަތަ ހަދިޔާއަކަށް ދީގެންވާނެ އެއްޗެއް ނޫން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވީ އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުން އެދޭ ކަންތައްތައް ރައްޔިތުންނަށް ހާސިލުކޮށްދެއްވަން ކަމަށެވެ. އަދި ވިދާޅުވީ ގާބިލް، ތަޖުރިބާ ހުރި މީހަކަށް ނޫނިއްޔާ އެ ކަންތައްތައް ރައްޔިތުންނަށް ހާސިލުކޮށް ނުދެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ ކުރީގެ ގާނޫނު އަސާސީގެ ދަށުން ވެސް ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިފައި ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ފަސް ސަރަހައްދެއް ތަރައްގީކޮށް، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށްޓަކައި އެ ހިދުމަތް ލިބިދެވޭ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. ގާސިމް އަދި ވިދާޅުވީ އޭނާގެ ވައުދުތައް ހުންނާނީ ގައުމުގެ އެންމެ އާދައިގެ މީހާއަށް ވެސް އަސަރުކުރާނެ ގޮތަށް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންނި ވިދާޅުވީ މިހާތަނަށް ދިމާވެފައިވާ ހުރިހާ ކަމެއް ކުރިމަތިވެފައިވަނީ ވެރިކަމުގެ ނުސާފުކަމުން ކަމަށެވެ. އަދި އޭގެ ސަބަބުން ހުދުމުހުތާރުވެރިކަމާ ދިމާލަށް ދަތުރުކުރުމަށް މަގުފަހިވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ކަންތައްތަކުގައި އުޅޭނީ ސިޔާސީ މީހުން ކަމަށާއި ވިޔަފާރިވެރިން ތިބެންވާނީ އެ މީހުންގެ ވިޔަފާރީގައި ކަމަށެވެ. އަންނި އަދި ވިދާޅުވީ ދިރިއުޅުމުގެ އަގު ދުވަހުން ދުވަހަށް މައްޗަށް ދިއުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރެއްގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ގައުމުގެ މާލީ ސިޔާސަތު ރޭވިފައި ވާނީ ދިރިއުޅުމުގެ އަގު ތިރިކުރުމުގެ މައްޗަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
އެސްއެލްޕީގެ ރިޔާސީ ކެންޑިޑޭޓް އިބުރާ ވިދާޅުވީ އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވަން ނިންމެވި ސަބަބަކީ 2004 ވަނަ އަހަރު ގިނަ ރައްޔިތުންތަކެއް އިސްލާހީ ހަރަކާތުގެ ތެރެއަށް ނުކުތުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ މިއަދު މި ހާލަތަށް ދާންޖެހުނީ ގާނޫނުގެ ވެރިކަން ނުހިންގުނީމަ ކަމަށާއި އެކި މީހުންނަށް އެކި ގޮތަށް ކަންތައް ކުރުމުން ކަމަށެވެ. އިބުރާ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ގާނޫނުގެ ވެރިކަން ހިންގިއްޖެ ނަމަ ރައްޔިތުން އަމިއްލައަށް ކަންތައްތައް ކުރަމުންދާނެ ކަމަށެވެ. އަދި ވިދާޅުވީ ޕްރީ ސްކޫލަކީ ދައުލަތުން ހިލޭ ދޭ ތައުލީމަކަށް ހަދައިދޭނެ ކަމަށެވެ. އަދި އިބުރާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ދެ އަހަރު ދުވަހުގެ ތެރޭގައި ހަމަނޭވާލެވޭ ވަރަށް ބަދަލުނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އިބުރާ ވިދާޅުވީ ސަރުކާރުން ހޭދަކުރާ ފައިސާތައް ހެޔޮ ގޮތުގައި ހޭދަކުރެވިއްޖިއްޔާ 60 ޕަސެންޓް ނަތީޖާ މިހާރު ވެސް ހާސިލުކުރެވޭނެ ކަމަށެވެ.
އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވީ ރާއްޖެ މިއަދު ދަނީ ނުރައްކާތެރި ކަނޑެއްގައި ދަތުރުކުރަމުންދާ ކަމަށާއި ހުރިހާ މައްސަލަތައް ވެސް ހުރީ އެ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ދެން އަންނަން ޖެހޭނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ފަދަ ގާބިލް ވެރިއެއް ކަމަށެވެ. އަދި ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ އެ ހުރިހާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ. އުމަރު އަދި ވިދާޅުވީ އޭނާގެ ސިޔާސަތުގައި އެންމެ އިސްކަންދޭނީ ދިވެހިރާއްޖެ އިސްލާމްދީނާއި އިސްލާމީ ޝަރީއަތާ ކައިރިއަށް ގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ހާލަތު 10 އަހަރުގެ ތެރޭގައި ބަދަލުކުރައްވާނެ ކަމަށާއި އެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދީ އެ މީހުންގެ ގޯތިގެދޮރު ސަރުކާރަށް ނަންގަވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖެ އެއްފަސްކޮށް، 400 އަށް ވުރެ ދަށް އާބާދީގެ 45 ރަށް ފަސް އަހަރުގެ ތެރޭގައި އެއްފަސް ކުރައްވާނެ ކަމަށެވެ. ބާކީ 700 އިން ދަށުގެ އާބާދީ އޮތް 55 ރަށް އަނެއް ފަސް އަހަރުގެ ތެރޭގައި އެއްފަސްކުރައްވާނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ. އެއްފަސް ކުރުމަށްޓަކައި ހުޅުމާލެ ފެންވަރު ސިޓީތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށް ހިލޭ ގޯތިގެދޮރު ދިނުމުގެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި އިންފޮމޭޝަން މިނިސްޓްރީން އާންމުން ހޭލުންތެރި ކުރުިމަށްޓަކައި ހިންގާ ކެމްޕޭން "ވޯޓުން ނިންމާ، ވޯޓުލާން ނިންމާ" މި ކެމްޕޭނުގެ ދަށުން ބޭއްވި ރިޔާސީ ސުވާލާއި ޖަވާބުގެ ސެޝަނަށް ފަހު ހުރިހާ ކެންޑިޑޭޓުން ވެސް އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ސަލާމް ކުރައްވައި ހެއްދެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ