އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

(ދަރުބާރުގެއިން)
10: 9
އެމްޑީޕީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު މިއަދު ހެނދުނު 00: 9 ގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 00: 9 އިން ހަވީރު 00: 6 އަށް އެކި ރަށްރަށުގައި ކުރިއަށް ގެންދާނެ އެވެ. މި އިންތިހާބުގައި މާލެއިން ވޯޓުލާ މީހުންގެ ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. މާލޭގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ، މާލޭގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުން ވޯޓުލުމަށް ރަންނަބަނޑޭރި މާލަމުގައި 10 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސަކު ހޮވުމަށް މި ބާއްވާ އިންތިހާބުގައި 94 ރަށެއްގައި 113 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ. އަދި 24،620 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން މައުލޫމާތު ދެ އެވެ. އިންތިހާބުގައި ވޯޓުލެވެނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންނަށް އެކަންޏެވެ.
އެމްޑީޕީގެ ރައީސަކު އިންތިހާބުކުރުމުގެ ކޯޑިނޭޓިން ކޮމެޓީގެ ޕްރެސް އޮފިސަރު އަދި ބ. ދާއިރާގެ ރައީސް އުބެއިދުﷲ މުއާޒު މިއަދު ވިދާޅުވީ ވޯޓުލައި ނިމޭތާ 24 ގަޑިއިރު ތެރޭގައި ވަގުތީ ނަތީޖާ ހާމަކުރައްވާނެ ކަމަށެވެ. އަދި ދާއިމީ ނަތީޖާ އިއުލާންކުރުމަށް ވަނީ 14 ދުވަސް ކަނޑައަޅައިފަ އެވެ. އެހެން ނަމަވެސް 14 ދުވަސް ހަމަ ނުވި ނަމަވެސް، އޭގެ ކުރިން ވެސް ދާއިމީ ނަތީޖާ ސާފުވުމުން، އިއުލާންކުރެވޭނެކަން އުބެއިދުﷲ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. މެމްބަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކު އަދި ޕާޓީގެ މިހާރުގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ