ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ޖެހޭ: ގަފޫރު

ރައްޔިތުން މަޖިލީހުގެ މެމްބަރުގެ މުސާރަ އާއި ހިނާޔަތްތައް ބޮޑު ކަމަށާއި އެ އަދަދު ކުޑަކުރަން ޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ގަފޫރު މިއަހަރު ކުރިމަތިލައްވައިގެން އުޅުއްވަނީ ހަނިމާދޫ ދާއިރާއަށްށެވެ. އެ ދާއިރާގެ މަޖިލިސް ބަހުސްގައި މިއަދު ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކަމަށާއި މުސާރަ އާއި އިނާޔާތްތައް ކުޑަކުރަން ޖެހޭ ކަމަށެވެ.
” އަޅުގަނޑުގެވެސް ޒަމީރު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް އެލިބޭ މުސާރަ އާއި ހިނާޔަތަކީ ބޮޑު އެއްޗެއް. އެ އަދަދު ލިބޭކަށް ނުޖެހޭ. އެއަށްވުރެ އެ އަދަދުތައް ކުޑަވާން ޖެހޭ.” މެމްބަރު ގަފޫރު ވިދާޅުވި އެވެ.
އެހެންނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ގޮނޑި ނުވިއްކާ އަދި ފައިސާއަށް ޕާޓީ ބަދަލުނުކޮށް އުޅޭ މެމްބަރުންނަށް ނަޒާހަތްތެރިކަމާއެކު އުޅެވޭވަރުގެ މުސާރައެއްލިބެން ޖެހޭނެކަމަށެވެ.
ގަފޫރު ވިދާޅުވީ މަޖިލީހުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އެބައޮތް ކަމަށާއި ޕާޓީ ބަދަލުކުރަނީ އަދި ވޯޓަށް ހާޒިރުނުވަނީވެސް ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ކަމަށެވެ. ހަނިމާދޫ ދާއިރާ ތަރައްގީކުރާނީ މި ސަރުކާރުން ކަމަށްވެސް ގަފޫރު ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނީ ސަރުކާރާ ގުޅިގެން އޭނާ ކަމަށާއި ހަނިމާދޫ ދާއިރާގެ ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ ފުރުސަތުތައް ހޯދައިދޭނެކަމަށެވެ. ހަނިމާދޫ ދާއިރާގައި މިރާއްޖޭގައި ނެތް ފަދަ ސިއްހީ ނިޒާމެއް މި ސަރުކާރުން ގާއިމުކުރާނެކަމަށްވެސް ގަފޫރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ