މުޅި ގައުމުގައި ބާޣީ ލުތުފީގެ ވާހަކަ، ނަމަވެސް މައުމޫން ހުންނަވަނީ ހަނު

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުންނަތާ ދެމަސް ދުވަަސް ވެގެން ދިޔައިރު ވެސް ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވާތީ ގިނަ ބަޔަކު މީސް މީޑިއާ މެދުވެރިކޮށް މައުމޫނާއި ސުވާލުތައް ކުރިމަތިކުރަން ފަށައިފިއެވެ.
ލުތުފީ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގެ އެމްބަސީ އަށް ހާޒިރުވުމުން އޭނާ ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި އެބަހުރި ކަމަށް ފުލުހުން ވިދާޅުވީ މެއި 24 ވަނަ ދުވަހު އެވެ. ލުތުފީ ރާއްޖޭގެ އެމްބަސީގައި ހުންނަތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދިވެސް އޭނާ ރާއްޖެ ގެނެސްފައި ނުވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ލުތުފީ އަށް ދިވެހި ސަރުކާރުން އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދެމުން ގެންދާއިރު އޭނާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯ ޓްވިޓާ މެދުވެރިކޮށް ގިނަ ބަޔަކު މައުމޫނާއި ސުވާލު ކުރަމުން ގެންދިޔަ ނަމަވެސް މައުމޫން އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ލުތުފީ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވާތީ ބައެއް މީހުން ވަނީ މައުމޫން ވެސް ބޭނުންފުޅުވަނީ މިހާރު ލުތުފީ އަށް މަޢާފް ދެއްވަންތޯ ސުވާލު ކޮށްފައެވެ.
ބާޣީ ލުތުފީގެ މައްސަލައިގައި މައުމޫން ހަނު ހުންނަވަނީ މިސަރުކާރަކީ މައުމޫންގެ ތާއީދާއި އެކު ގެނެސްފައިވާ މައުމޫން ވެސް ބައިވެރިވާ ސަރުކާރަކަށް ވާތީ، ސަރުކާރުން ކުރާ އެއްވެސް ކަމެއް ގޯސް ކަމަށް ދެކެވަޑައިނުގަންނަވާތީތޯ ވެސް ބައެއް މީހުން ކުރި ޓްވީޓްތަކުގައި ބުނެފައި ވެއެވެ.
ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް އިއްވީ މަރުގެ ޙުކުމެވެ. ނަމަވެސް މައުމޫން ވަނީ މަރުގެ ޙުކުމް އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކޮށްފައެވެ. ލުތުފީ ފިލައިގެން ނުގޮސް ހުރިނަމަ މިހާރު އޭނާގެ ޙުކުމް ތަންފީޒުކޮށް ނިމި، މިނިވަން ވެދާނެއެވެ.
ޖޫން މަހު ލަންކާ އަށް ވަޑައިގެންނެވި ގޮތައް މައުމޫން އަދިވެސް ހުންނެވީ ލަންކާގައެވެ. ލަންކާގައި އެމްއާރްއެމް އަށް މެންބަރުން އިތުރު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުން ބައެއް އެހެން އިވެންޓްތަކުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއިވެންޓްތަކުގެ މައުމޫމާތު ހާމަކުރައްވަން ޓްވީޓް ވެސް ކުރައްވާފައިވެއެވެ.
ލުތުފީ ގެނައުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަތާ ދެމަހަށް ވުރެ ވެސް ގިނަ ދުވަސް ވެފައި ވާކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ލުތުފީ ރާއްޖެ ގެންނަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ