ބެޓިސްއާ ދެކޮޅަށް ނެގި ސްކޮޑުން މެސީ ބާކީކޮށްފި

ސްޕެނިޝް ލީގުގައި މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ބާސެލޯނާއިން އެކުލަވާލި ސްކޮޑުން އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބާކީކޮށްފި އެވެ.
ބާސާގެ ކުރީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި އޮސްމާނޭ ޑެމްބެލޭއަށްވެސް އަނިޔާވެފައި ވާއިރު، ބާސާއިން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން މެސީވެސް ކުޅެފައެއް ނުވެއެވެ. މެސީއަށް އަނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ޗުއްޓީ ހޭދަކުރުމަށްފަހު ތަމްރީނުތަކާ ގުޅުނު ހިސާބުންނެވެ.
މެސީގެ ފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަށްފަހު، މެސީ ވަނީ މިދިޔަ ހަފުތާގައި ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައވެ. އެކަމަކު އެންމެ ފަހުން އެޓީމުން ބޭއްވި ފަރިތަކުރުންތަކުގައި މެސީ ފެނިފައެއް ނުވެއެވެ. ބާސާގެ ކޯޗު އާނެސްޓޭ ވަލްވޭޑޭ ބުނީ ސްކޮޑަށް މެސީ ނުނެގީ އޭނާ އެއްކޮށް ފިޓްވެފައި ނުވުމުން ކަމަށާއި، އަނިޔާގެ ގިނަ މައްސަލަތަކެއް އެޓީމަށް ދިމާވެފައިވުމުން އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ.
ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ފެންނާނެ ކަމަށް ކުރިން ރިޕޯޓުކުރިއިރު، ބެޓިސްގެ ރުބީ ޖޯކަކަށް ހަދާފައި ބުނެފައިވަނީ މެސީއަށް އެންމެ ފަހު ވަގުތު ރޯގާއެއް ޖެހިގެން ނަމަވެސް ނުކުޅެވިއްޖެ ނަމަ، ބެޓިސްއަށް ބާސެލޯނާއާ މެދު ވިސްނަންޖެހޭ މިންވަރު ކުޑަވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ލީގުގައި ބާސެލޯނާގެ ފުރަތަމަ މެޗުގައި އެތުލެޓިކޯ ބިލްބާއޯއާ ވާދަކޮށް އެޓީމު ބަލިވީ 0-1 އިންނެވެ. ރެއާލް ބެޓިސް މިސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަލަޑޮލިޑް އަތުން 1-2 އިން ބަލިވެފައިވާއިރު، ބެޓިސްއިންވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގައި 3-4 އިން ބާސެލޯނާ ބަލިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ